މި ފެށޭ އާހަރުގެ ފާހަގަކުރުމުގެ ގޮތުން 79 ރަށެއްގައި ހަވާއެރުވުމަށް ހަމަޖެހިފައިވާ ކަމަށް ސިފްކޯއިން ބުނެފިއެވެ.
ހަވާ އެރުވުމުގެ މަސައްކަތް ކުރަމުންދާ އެމްއެންޑީއެފްގެ ސިފްކޯގެ އޮފިޝަލަކު ވިދާޅުވީ މި ފެށޭ އާ އަހަރު ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ 79 ރަށެއްގައި ހަވާއެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ މީހުން ދިރިއުޅޭ ފަސް ރަށާއި، 74 ރިސޯޓް ކަމަށް އޮފިޝަލު ވިދާޅުވިއެވެ. އާ އަހަރަށް އެންމެ ގިނައިރު ހަވާއަރުވަން ހަމަޖެހިފައިވާ ކުޑަހުރާ ފޯސީޒަންސް ރިސޯޓްގައި ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ. އެއީ 10 މިނެޓަށެވެ.
އާ އަހަރު ފާހަގަ ކުރުމަށް ހުޅުމާލޭގައި ބާއްވާ ޝޯއަށް ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕަވާނީ ޕާންޑޭ ގެނައުމަށް ނިންމާފައިވާ ކަމަށް ޔޫތް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮޮމިއުނިޓީ އެމްޕަވާމެންޓުން ކުރި ޓްވީޓަކާ އެކު އާންމުކޮށްފައިވާ ވީޑިއޯއެއްގައި ވަނީ އާ އަހަރު ފެށުން ފާހަގަކުރުމަށް ހުޅުމާލޭގައި ޝޯއެއް ބޭއްވުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ. އެ ޝޯ އޮންނާނީ މިމަހުގެ 31 ވަނަ ދުވަހުގެ ރޭ 8:30 އިން ފެށިގެން ހުޅުމާލޭ ސިންތެޓިކް ޓްރެކުގައެވެ.
“Maldives Wow Fest” Music Show night with @PawniAPandey & amazing Maldivian artists.
SEE YOU ALL 🙌🏾
📅 31st December 2022
📍 Hulhumale Synthetic Track
⏰ 20:30 pic.twitter.com/yemjytllUS— Ministry of Youth,Sports and Community Empowerment (@MoYSCEmv) December 28, 2022
މި ޝޯގައި ހަވާ އެރުވުމާއި މިއުޒިކުގެ އެކި ހަރަކާތްތައް ފެނިގެން ދާނެއެވެ. ޔޫތް މިނިސްޓްރީން ބުނީ މި ޝޯގައި ބޮލީވުޑްގެ މަޝްހޫރު ލަވަކިއުންތެރިޔާ ޕައުނީ ޕާންޑޭގެ ހުށަހެޅުންތައް ފެނިގެންދާނެ ކަމަށެވެ. މީގެ އިތުރުން "ހަބޭސް ބޮޑުބެރު"ގްރޫޕްގެ ހުށަހެޅުންތަކެއް ވެސް މި ޝޯގެ ތެރެއިން ފެންނާނެއެވެ.
އާ އަހަރު ފާހަގަކުރުމަށް މީގެ ކުރިން ވެސް މާލެ ސަހަރަހައްދުގައި ހަވާއެރުވުމުގެ ހަރަކާތްތަކާއި، ބޭރު ފަންނާނުން އަދި ރާއްޖޭގެ މިއުޒިކް ގްރޫޕްތަކުގެ ހުށަހެޅުންތައް ހިމަނައިގެން އެކި ހަފްލާތައް ބޭއްވިއެވެ. ނަމަވެސް ކޮވިޑް-19އާ އެކު މި ކަންކަމަށް ހުއްޓުމެއް އައުމާއެކު މިދިޔަ ދެ އަހަރު އާ އަހަރު ފާހަގަކުރުމުގެ ހަފްލާތައް މަޑުޖައްސާލިއެވެ.
ކޮމެންޓު ފޮނުވާ