އަނިޔާވެރިކޮށް، ތުރުކީގައި ހުންނަ ސައުދީ އެމްބަސީގައި މަރާލެވިފައިވާ ސައުދީ ޖާނަލިސްޓްގެ މަރުގެ މައްސަލާގައި ސައުދީގެ 20 މީހެއްގެ މައްޗަށް ޢައިރު ހާޒިރުގައި ކުރެވޭ ޝަރީއަތް މިހަފްތާގެ އަންގާރަދުވަހު އަލުން ފަށާގޮތަށް ހަމަޖެހިއްޖެއެވެ.
ވޮޝިންގޓަން ޕޯސްޓުގައި ކޮލަމިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ، ސައުދީ ސަރުކާރަށް އަދި ވަކީން ޚާއްސަކޮށް ވަލީ އަހުދު މުހައްމަދު ބިން ސަލްމާނަށް އޭރު ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ، އުމުރުން 59 އަހަރުގެ ޖަމާލް ކަޝޯގީ އެންމެ ފަހުން ފެނިފައިވަނީ، 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު އިސްތަމްބޫލުގައި ހުންނަ ސައުދީ އެންބަސީއަށް ވަންނަނިކޮށެވެ. އޭނާ އެދުވަހު ސައުދީ އެމްބަސީއަށް ގޮސްފައިވަނީ، އޭނާގެ ތުރުކީގެ ލޯބިވެރިޔާ ހާޓިސް ސެންގިޒް އާއި ކައިވެނިކުރުމަށް ބޭނުންވާ ލިޔެކިޔުންތަކާ ހަވާލުވުމަށެވެ.
ޖަމާލް ކަޝޯގީ މަރާލާފައިވަނީ ސައުދީ އެމްބަސީ ތެރޭގައެވެ. އަދި އޭނާގެ ހަށިގަޑުގެ ބައިތައް ވަކިކޮށް ކޮށާލުމަށްފަހު ވަނީ އެމްބަސީގެ އިމާރާތުން ބޭރަށް ނެރެފައެވެ. އެހެންނަމަވެސް އެއަށްފަހު އޭނާގެ ހަށިގަޑުގެ ބައިތަކަށް ހެދިގޮތެއް މިހާތަނަށް އެގިފައެއް ނުވެއެވެ.
ކަޝޯގީގެ މަރުގެ ހާދިސާއަށްފަހު ދުނިޔޭގެ އެތައްގައުމެއްގެ ނުރުހުން ސައުދީ ސަރުކާރަށް އަމާޒުވެގެން ދިޔައެވެ. އަދި މިހާދިސާއަށްފަހު ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނުގެ އަގު ދުނިޔޭގެ ކުރިމަތީގައި ވަރަށް ބޮޑަށް ވެއްޓިގެން ދިޔައެވެ.
ތުރުކީގެ ރައީސް ތައްޔިބު އެރެދޮގާން ވިދާޅުވެފައިވަނީ، ކަޝޯގީ މަރާލުމަށް އޯޑަރު ކޮށްފައިވަނީ ސައުދީ ސަރުކާރުގެ އެންމެ މަތީ ފަންތިން ކަމުގައެވެ. އެހެންނަމަވެސް، އެރެދޮގާން، ވަލީއަހުދު މުހައްމަދު ބިން ސަލްމާނުގެ ނަން މިތުހުމަތުތަކުގެ ތެރޭގައި ހާމަ ކޮށްފައެއް ނުވެއެވެ.
ސައުދީ ސަރުކާރުން ފަހުން ބުނެފައިވަނީ ކަޝޯގީ މަރާލާފައި ވަނީ، ނުހަމަ ގޮތުގައި އޭޖެންޓުންތަކެއް ހިންގާފައިވާ އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި މި ޖަރީމާ ހިންހުމަށް ސައުދީ ވަލީއަހުދު އަމުރުކޮށްފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް ސައުދީ ސަރުކާރުން ވަނީ ދޮގު ކޮށްފައެވެ.
ފާއިތުވެދި އަހަރު، މިމަރުގެ ހަގީގަތް ހޯދުމަށް ޔޫއެން އިން ހިންގި ތަހުގީގުން ވަނީ، ކަޝޯގީ މަރާލުމަކީ، ސައުދީ ސަރުކާރުގެ އެންމެ މަތީ ފަންތިން ރާވާއިގެން އަދި، ސައުދީ ސަރުކާރުގެ ރުހުން އޮވެގެން ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު ޖައީމާއެއްކަން ހާމަވެގެން ގޮސްފައެވެ.
މި ހާދިސާ ތަހުގީގު ކުރުމަށްފަހު ތުރުކީގެ ޕްރޮސެކިއުޓަރުން ވަނީ، ފާއިތުވެދިޔަ މާޗްމަހު، ވަލީ އަހުދު މުހައްމަދު ބިން ސަލްމާނުގެ އެޑްވައިޒަރެއް ކަމުގައިވާ ސައުދު އަލް-ގަތާނީ އާއި ސައުދީ އަރަބިއާގެ ކުރީގެ އިންޓެލިޖެންސް ޗީފް އަހުމަދު އަލް-އަސީރީގެ މައްޗަށް ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާ އުފުލާފައެވެ.
މީގެ އިތުރު ސައުދީގެ އިތުރު 18 މީހެއްގެ މައްޗަށް ވަނީ މީހަކު މަރާލުމަށް ހިތްވަރުދިނުމާއި އެހީތެރި ވެދިންކަމުގެ ކުށުގެ ދައުވާ އުފުލާފައެވެ.
މިހުރިހާ އެންމެވެސް ވަނީ މިހާދިސާ ހިގުމާއިއެކު ކަހަލަ ގޮތަކަށް ތުރުކީން ބޭރުވެފައެވެ. އަދި ސައުދީ އަރަބިއާއިން ވަނީ މިމީހުން ތުރުކީއާއި ހަވާލުކުރުމަށް ދެކޮޅު ހަދާފައެވެ. މިއެންމެންގެ މައްޗަށްވެސް އިންޓަރޕޯލް އިން ވަނީ ރަތް ނޯޓިސް ނެރެފައެވެ.
ތުރުކީގައި ކުރިޔަށްދާ ޝަރީއަތުގައި، މި ޖަރީމާގައި ތުހުމަތު ކުރެވޭ މީހުންނާ ދެކޮޅަށް ހުށްހެޅިފައިވާ ހެކިތަކުގެ ތެރޭގައި ސީސީޓީވީ ފޫޓޭޖްތަކާއި، މި ޖަރީމާ ހިންގަމުން ދިޔައިރު ދެކެވިފައިވާ ވާހަކަތަކުގެ ރެކޯޑިންއާއި، އަދި މީގެ އިތުރުން 54 މީހެއްގެ ހެކިބަހާއި، ތުރުކީގައި ހުންނަ ސައުދީ އެމްބަސީއާއި ތުރުކީގައި އޭރު ހުންނެވި ސަފީރުގެ ގެކޮޅުގައި މަސައްކަތް ކުރި 26 މީހެއްގެ ހެކިބަސްވެސް ހިމެނެއެވެ.
މި ޖަރީމާގައި ބައިވެރިވި މީހުންގެ ޝަރީއަތް ސައުދީ އަރަބިއާގައި ކުރިޔަށް ގެންދެވިފައި ވަނީ ސިއްރު ޝަރީއަތްތަކެއްގެ ގޮތުގައެވެ. އަދި ފަސްމީހެއްގެ މައްޗަށް މަރުގެ ހުކުމްވެސް އިއްވުނެވެ. އެހެންނަމަވެސް، ފާއިތުވެދިޔަ ސެޕްޓެމްބަރު މަހު މިފަސް މީހުންގެ މައްޗަށް އިއްވުނު މަރުގެ ހުކުމް ސައުދީގެ ކޯޓުން ވަނީ 20 އަހަރުގެ ޖަލު ހުކުމަށް ބަދަލު ކޮށްފައެވެ.
ސައުދީ ޕްރޮސެކިއުޓަރުން ބުނެފައިވަނީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނުގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ސައުދު އަލް ގަތާނީއާއި މި ޖަރީމާއާއި ގުޅުމެއް ނުވާކަމުގައެވެ. އަދި ކުރީގެ އިންޓެލިޖެންސް ޗީފް އަހުމަދު އަލް-އަސީރީގެ މައްޗަށް ކުރެވުނު ތުހުމަތުތައްވެސް ސާބިތު ނުވާކަމަށް ސައުދީ ޕްރޮސެކިއުޓަރުން ނިންމާފައި ވެއެވެ.