މަސްތުވާތަކެތީގެ ތުހުމަތު ކުރެވުނު މީހަކު އިންތިޚާބު ކޮމިޓީގައި އިންކަމުގެ ތުހުމަތު

މަސްތުވާތަކެތީގެ ތުހުމަތު ކުރެވުނު މީހަކު އިންތިޚާބު ކޮމިޓީގައި އިންކަމުގެ ތުހުމަތު

ރޭ އެމްޑީޕީގެ ޤައުމީ މަޖިލީހުން ހޮވި އެޕާޓީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމެރީގެ އިންތިޚާބު ކޮމިޓީގެ މެމްބަރެއްގެގޮތުގައި މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުކުރެވޭ ބޭފުޅެއް އިންކަމަށް ބުނެ ރައީސް ނަޝީދުގެ ފެކްޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރިޔާސީ ޕްރައިމަރީއަށް، އެމްޑޯޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެމަތިން ހޮވާންޖެހޭ 5 މެމްބަރުންގެ ކޮމިޓީ ހޮވުމަށް ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ޖަލްސާ ނަޝީދު ފެކްޝަނުން ވަނީ ރޭ ބޮއިކޮޓް ކޮށް ޖަލްސާއިން ނިކުމެފައެވެ. މި ޖަލްސާގައި 5 މެމްބަރުންގެ ކޮމިޓީއެއް ނެގުމަށް ކުރެވުނު ބަހުސްގައި ނަޝީދު ފެކްޝަނުން ހުށަހެޅި 5 މެމްބަރުންގެ ކޮމިޓީ ދެފެކްޝަނަށް ހަމަހަމަ ވާގޮތަށް ނެގުމަށެވެ. އެއީ ރައީސް ސާލިހުގެ ފެކްޝަންގެ ދެ މެމްބަރަކާއި، ނަޝީދު ފެކްޝަންގެ ދެމެމްބަރުން ކޮމިޓީގައި ހިމެނުމުގެ އިތުރުން 5 ވަނަ މެމްބަރު ދެފަރާތުން ރުހޭ މެމްބަރަކަށް ހެދުމަށެވެ. އެހެންނަމަވެސް ޤައުމީ މަޖިލީހުގެ ރައީސް ޞާލިޙުގެ ފެކްޝަނުން މިކަމަށް ދެކޮޅު ހެދިއެވެ. މުޅި ޤައުމީ މަޖިލީހުގެ އަޣުލަބިއްޔަތު އޮތީ ރައީސް ޞާލިޙް ފެކްޝަނުގައެވެ. މިއާއެކު ނަޝީދު ފެކްޝަނުން ޖަލްސާ ދޫކޮށް ނުކުތީއެވެ.

ރޭ އިންތިޚާބު ކޮމިޓީއަށް ހޮވުުނު މެމްބަރުންގެ ތެރޭގައި ހިމެނޭ އެމްޑީޕީގެ ޤާނޫނީ ކޮމިޓީގެ ކުރީގެ މުޤައްރިރު އަދި ރައީސް އޮފީހުގެ ލީގަލް ކައުންސެލްގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު އަބްދުﷲ އަފީފަށް ނިސްބަތްކޮށް ނަޝީދު ފެކްޝަނުން ވަނީ އޭނާއަކީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތު ކުރެވޭ މީހެއްކަމަށް ނޫހެއްގައި ލިޔެފައިވާ ޚަބަރެއް ޝެއަރކޮށްފައެވެ. އަދި މިވެސް އިންތިޚާބު ކޮމިޓީގެ އެއް މެމްބަރުކަމަށާ، "ހާދަ ދެރައޭ" ބުނެ ޤައުމީ މަޖިލީހުގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު (ބޯދިގު) ވަނީ ޓްވީޓުކުރައްވަފައެވެ.

އަޙްމަދު ރައީސް އޮފީހުގެ ވަޒީފާއިން ވަކިކުރީ މިއަހަރުގެ މާޗްމަހުގައެވެ. ވަކިކުރީ އޭނާއާ ބެހޭ މައްސަލަތަކެއް ރައީސް އޮފީހުން ބަލަމުންދާކަމުގެ އަޑު ފެތުރިފައި އޮތްތާ ދުވަސްތަކެއްފަހުންނެވެ. އެއީ މަސްތުވާތަކެތީގެ މައްސަލައެއްކަމަށް ބައެއް ނޫންތަކުން ބުނެފައިވެއެވެ. އެހެންނަމަވެސް ރަސްމީ އެއްވެސް އިދާރާއަކުން އެކަން ހާމައެއް ނުކުރެއެވެ.

 

ރޭ 8:45 ގައި ތާޖުއްދީން ސްކޫލްގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސް ޖަލްސާގައި އެޖެންޑާ ކުރެވިފައި އޮތީ ރިޔާސަތުން ދޭންޖެހޭ މައުލޫމާތު ދިނުމާއި އޭގެ އިތުރުން ރިޔާސީ ޕްރައިމަރީގެ ކަންކަން ބަލަހައްޓާނެ 5 މެމްބަރުންގެ ކޮމިޓީއެއް އަޔަން ކުރުމެވެ. ނަޝީދު ފެކްޝަންގެ މިހުށަހެޅުން ނުހިނގުމުން ބޮޑު ދެބަސްވުމަކަށް ދިޔައެވެ. ނުރުހުން ފާޅުކޮށް، ރައީސް ސާލިހު ފެކްޝަނަށް ނިސްބަތްވާ މެމްބަރުން ވިދާޅުވީ ނަޝީދު ފެކްޝަނުން ހުށަހެޅީ އެޕާޓީގެ އަސާސީ ގަވާއިދު ތަންދޭ އުސޫލެއް ނޫންކަމުގައެވެ. އަދި އޭގެ ބަދަލުގައި ރައީސް ސާލިހު ފެކްޝަނުން މި ބައްދަލުވުމަށް ހުށަހެޅުއްވީ ރައީސް ސާލިހަށް ތާއީދުކުރާ 5 މެމްބަރެއްގެ ނަމެވެ.

ރޭގެ ގައުމީ މަޖިލިސް ޖަލްސާގައި ފާސްކުރި 5 މެމްބަރުންގެ ކޮމިޓީގައި ހިމެނެނީ:

  • އަކްރަމް ކަމާލުއްދީން – މަތިއުތުރު ޕްރޮވިންސްގެ ރައީސް
  • އަނަސް އަބްދުއްސައްތާރު – އެމްޑީޕީގެ ތަރުޖަމާނު
  • އިބްރާހިމް ވަހީދު – ޑެޕިއުޓީ ޗެއާޕާސަން
  • އަހުމަދު އަބްދުﷲ އަފީފް – އެމްޑީޕީގެ ގާނޫނީ ކޮމިޓީގެ ކުރީގެ މުގައްރިރު
  • މުހައްމަދު އީމާން – ކެނދިކުޅުދޫ ދާއިރާގެ ރައީސް

ރޭގެ ޖަލްސާގައި 5 މެމްބަރުންގެ ކޮމިޓީ ނެގުމަށް ކުރެވުނު ބަހުސްގައި ދެ ފެކްޝަންގެ މެމްނަރުންވަނީ އެއްބަޔަކު އަނެއްބަޔަކަށް ބަހުގެ ހަމަލާތައް އަމާޒުކޮށް ބޮޑެތި ޒުވާބުތައް ކޮށްފައެވެ. އަދި ނަޝީދު ފެކްޝަނަށް ތާއީދުކުރާ މެމްބަރުން ގައުމީ މަޖިލިހުގެ ރިޔާސަތަށް ތުހުމަތު ކޮށްފައިވަނީ މަޝްވަރާއަށް ފުރުސަތު ނުދީ، ވަކި ބަޔަކު ކޮމިޓީއަށް ނެގުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތުތަކެވެ.

ރޭގެ ޖަލްސާގައި ކޮމިޓީ ނެގުމުގައި ދެފަރާތުން އެއްބަސްވާ ގޮތެއް ހޯދޭތޯ މަޝްވަރާއަށް ފުރުސަތު ދިނުމުގެ ގޮތުން ދެ ފަހަރެއްގެ މަތިން ޖަލްސާ މެދުކަނޑާލާފައިވެސް ވެއެވެ. އެހެންނަަމަވެސް އެއްބަސްވުމަކަށް ނާދެވި، ވޯޓަށް އެހުމުގެ ކުރިން ނަޝީދަށް ތާއީދުކުރާ މެމްބަރުންވަނީ ޖަލްސާ ދޫކޮށް ނުކުމެފައެވެ.

އަންނަ މަހު 28ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލައްވާފައިވަނީ އެޕާޓީގެ އިސްލީޑަރު، ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހާއި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި ދެބޭފުޅުންވެސް މިހާރު ގެންދަވަނީ ޕްރައިމަރީއަށް ކެމްޕޭން ކުރައްވަމުންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލިހުގެ ގިނަ މެމްބަރުން ތާއީދު ކުރަމުންދަނީ ރައީސް ސާލިހަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *