މިއަދު ކްރިމިނަލްކޯޓުގައި ކުރިއަށްދާ ރައީސް ޔާމީންގެ ޝަރިޢަތުގެ އަޑުއެކުން ފަށަން ތާވަލްކޮށްފައި އޮތް ވަގުތު ފާއިތުވެ އެތައް އިރެއްވާއިރުވެސް ފުފަށާތީ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޔާމީންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށަން ތާވަލް ކުރީ ހެނދުނު 09:00އަށެވެ. އެހެން ނަމަވެސް 11:00 ހިނގައި ދިޔައިރުވެސް ޝަރީއަތް ފަށާފައެއް ނުވެއެވެ. އަދި ކޯޓުން ވަކި ސަބަބެއްވެސް ހާމައެއް ނުކުރައްވައެވެ. 11:00ވާން އުޅެނިކޮށް ކްރިމިނަލް ކޯޓުގައި ތިއްބެވި ޔާމީންގެ ވަކީލުންވެސް ވަނީ ކޯޓުން ބޭރަށް ނިކުމެވަޑައިގެންފައެވެ.
ޔާމީން ކޯޓަށް ޙާޒިރުކުރަން އެމަނިކުފާނުގެ ގެކޮޅު ކައިރީގައި އޮތް އެމްއެންޑީއެފްގެ ވެހިކަލައި ސެކިއުޓީންވެސް ވަނީ އެސަރަޙައްދުން ގޮސްފައެވެ.
މިކަމާ ކަންބިޮޑުވުން ފާޅުކޮށް މިވަގުތު ކްރިމިނަލް ކޯޓު ދޮށުގައި ޔާމީނުގެ ސަޕޯޓަރުން ދަނީ އަޑުއުފުލަމުންނެވެ. އަދި ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުގެ އިސްބޭފުޅުންވެސް އަންނަނީ މިކަމުގެ ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަމުންނެވެ.
ވ.އާރަށް ކުށްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް ޔާމީން މައްޗަށް ދައުވާ ކުރާ މައްސަލައިގެ ހުކުމްކުރުމަށް ބާއްވާ ޝަރީއަތުގެ އަޑުއެހުމާއި ގުޅިގެން އެމަނިކުފާނަށް ސަޕޯޓްކުރާ ގިނަ ބަޔަކު ކްރިނަލްކޯޓު ކައިރިއަށް އެއްވެފައިވެއެވެ.
ޝަރީއަތް ފެށުމަށް ކޯޓުން ތައްޔާރުވާއިރު، މިއަދު ހެނދުނު 8:30 އިން ފެށިގެން ކްރިމިނަލް ކޯޓު ސަރަހައްދަށް ރައީސް ޔާމީނަށް ތާއީދުކުރާ ގިނަ ބަޔަކު ވަނީ ޖަމާވެފައެވެ. އެއްވި މީހުން ތިބީ ޤައުމީ ދިދަ ހިފައިގެންނެވެ.
އެއްވި މީހުންގެ ތެރޭގައި ޕީޕީއެމް، ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި ދެޕާޓީގެ ކައުންސިލް މެމްބަރުންވެސް ހިމެނެއެވެ. ގިނަ އަދަދެއްގެ ބަޔަކު ކޯޓު ކައިރީގައި އެއްވެފައި ތިބުމުން، ސިފައިންނާއި ފުލުހުން ވަނީ އެސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައެވެ. އެގޮތުން މިހާރުވެސް ރަޔަޓްގިޔަރުގައި ގިނަ އަދަދެއްގެ ފުލުނުން ދަނީ އެސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.
މި މައްސަލާގައި ދައުވާ އުފުލާފައި ވަނީ ރައީސް ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމުގެ މައްޗަށެވެ. އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ދައުލަތުން ކުރެއެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ރިޝްވަތު ހިފުމުގެ ދައުވާ ކޮށްފައިވެއެވެ.
މި މައްސަލާގެ އަޑުއެހުންތައް ނިންމާލީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. ޔާމީންގެ މައްޗަށް އުފުލި ދައުވާގައި ބުނެފައިވަނީ އާރަށް ކުށްޔަށް ދިނުމުން ރައީސް ޔާމީނަށް އެއް މިލިޔަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ކުރީގެ މަޖިލިސް މެންބަރު ޔޫސުފް ނައީމް ދެއްވިކަމަށެވެ. އަދި މި މައްސަލާގައި ރައްޔިތުން މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރުން ޔޫސުފް ނައީމްގެ މައްޗަށްވެސް ދައުލަތުން ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.
ޚުލާސާ ބަޔާނުގައި ދައުލަތުގެ ފަރާތުން ވަނީ މިމައްސަލާގައި ދައުލަތުން ހުށަހެޅި ކަންކަމާއި، ލިބިފައިވާ ހެކިތަކަށް ރިޢާޔަތްކޮށް ވާހަކަ ދައްކާފައެވެ. މިމައްސަލާފައި ދިފާއުން ހުށަހެޅި ހެކިތަކާއި ގުޅިގެން ދައުލަތުން ވިދާޅުވީ އެހެކިތަކަކީ ދައުވާއިން ސަލާމަތްވާން ހުށަހަޅާފައިވާ އެއްވެސް ހަގީގަތެއް ނެތް، އުފައްދާފައިވާ ހެކިތަކެއް ކަމުގައެވެ.
މިމައްސަލާގައި ދައުވާ ރައްދުވާ ރައީސް ޔާމީނާއި، ޔޫސުފް ނައީމްގެ ވަކީލުން ވިދާޅުވީ އާރަށް ވަކި މީހަކަށް ކުއްޔަށްދޭން ކުރި ކަމެއް ދައުލަތަށް ސާބިތުކޮށް ދެވިފައިނުވާކަމަށެވެ. އަދި ރައީސް ޔާމީނަކީ ސިޔާސީ ބޭފުޅަކަށްވުމުން ސިޔާސީ ގޮތުން ލިބޭ ފައިސާއަކީ އޭގެ ތަފްސީލް ދޭންޖެހޭ އަދި ހާމަކުރަންޖެހޭ ފައިސާތަކެއް ނޫންކަމަށްވެސް ދިފާއީ ވަކީލުން ވިދާޅުވެފައިވެއެވެ.
މިމައްސަލައިގެ އަޑުއެހުންތައް ނިންމާލެއްވުމަށްފަހު މައްސަލަ ބައްލަވާ ޤާޒީ އަހުމަދު ޝަކީލް ވިދާޅުވީ މިމައްސަލަ އަކީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ހުށަހެޅުނު މައްސަލައެއް ކަމަށެވެ. މިމައްސަލައިގައި ފާއިތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ބޭއްވުނު ޝަރީއަތުގެ އަޑުއެހުންތަކުގައި 60 ގަޑިއިރުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވެއެވެ.
ކޮމެންޓު ފޮނުވާ