އިއްސެގެ މަރުވި އެކްސިޑެންޓުގެ ވީޑިއޯ އާންމުވި މައްސަލަ ބަލަނީ

އިއްސެގެ މަރުވި އެކްސިޑެންޓުގެ ވީޑިއޯ އާންމުވި މައްސަލަ ބަލަނީ

Author
މުޙައްމަދު ޝަޒައިމް
19 ޑިސެމްބަރ 2022 07:44
0

ސިނަމާލެ ބްރިޖްގައި ސައިކަލަކާއި ކާރެއް ޖެހި، ވިޔަފާރިވެރިޔާ އިސްމާއިލް މޫސާ (ޖަމްބޯ އިއްސެ) މަރުވި އެކްސިޑެންޓުގެ މަންޒަރު ފެންނަ ވީޑިއޯ އާންމުވި ގޮތް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބަލަހައްޓާ، އަދި އެހެން އިދާރާތަކަށް އެކްސެސް ނޯންނަ ކެމެރާގެ ވީޑިއޯ ލީކްވެ ޖަމްބޯ ފޯވާޑިންގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލު މޫސާ ނިޔާވި މަންޒަރު އާއްމު ވުމުން ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނަށް ވަނީ އަމާޒުވެފައެވެ.

އެ ފާޑުކިޔުންތަކާއި ގުޅިގެން ނޫސްވެރިން ވަނީ ވީޑިއޯ ލީކްވުމުގެ ޒިންމާ ފުލުހުން ނަގާތޯ ފުލުހުންނާއި ސުވާލު ކޮށްފައެވެ. ނަމަވެސް ސުވާލަށް ސީދާ ޖަވާބެއް ދިނުމުގެ ބަދަލުގައި ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ ވީޑިއޯ އާއްމުވެފައިވާ މައްސަލަ ފުލުހުން މިހާރު ގެންދަނީ ބަލަމުން ކަމަށެވެ.

އެ ހާދިސާގެ މަންޒަރު ބްރިޖު މަތީގައި ހުރި ކެމެރާއަކަށް އެރި އެވެ. އެކަމަކު، އެ ވީޑިއޯ މިއަދު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެކަމާ ގުޅިގެން މީޑިއާ އިން ފުލުހުންނާ ސުވާލު ކުރުމުން ފޮނުވި މެސެޖެއްގައި ބުނީ، އެ ވީޑިއޯ ދައުރުވަމުންދާތީ އެކަމުގެ ކަންބޮޑުވުން އިއްސެގެ އާއިލާ އިން ފުލުހުންނާ ހިއްސާ ކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރު ނުކުރުމަށް ފުލުހުން އެދުނެވެ.

އިއްސެގެ ވީޑިއޯ އިން ފެންނަނީ އޭނާ، މާލެއިން ހުޅުމާލެ އަށް ދަނިކޮށް، ހުޅުމާލޭ ކޮޅުން އައި ކާރެއް އެއާޕޯޓާ ދިމާލަށް ދާން ލަނބާލާ ތަނުން އޭގައި ވަރަށް ބާރަށް ޖެހުނު ތަނެވެ.

އެ ހާދިސާ ހިނގީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެ އިން ބޭރުގައި އުޅުނު އިއްސެ، ބްރިޖުން ފައިބާ ހިސާބުގައި ހުންނަ ޓްރެފިކް ލައިޓު ރަތްވެފައި ހުއްޓައި ދުއްވާފައި ދަނިކޮށްކަން ވެސް ވީޑިއޯއިން އެނގެއެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި މާލެ އިން ހުޅުމާލެ އަށް ދާ ލޭނުގައި އިއްސެ ނޫން މީހަކު ދުއްވައިފައެއް ނެތެވެ. ހުޅުމާލޭ ކޮޅުން އައި ހުރިހާ ވެހިކަލެއް، އިއްސެ ލައިޓް ހުރަސްކުރި ގަޑީގައި ނައްޓާލާތަން ވެސް ފެނެއެވެ.

މާލޭގައި ކުރިން ފައިވާން ފިހާރަ ހިންގި އިއްސެ މަރުވީ ތައިލެންޑަށް ދިރިއުޅުން ބަދަލުކުރިތާ ގިނަ އަހަރުތަކެއް ފަހުން ރާއްޖެ އައިސް އުޅެނިކޮށެވެ. މީގެ 22 އަހަރު ކުރިން އޭނާ ތައިލެންޑަށް ބަދަލުވި ފަހުން ރާއްޖެ ނައިސް ހުރުމަށް ފަހު ރާއްޖެ އައީ މިދިޔަ ނޮވެމްބަރު 10 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.