އެޗްޑީސީއާއި އެމްއައިޓީޑީސީ ގުޅިގެން ބޯޓިންގް ދާއިރާއިން ޒުވާނުން ބިނާކުރުމަށް 10 ސްލޮޓެއް ހުޅުވާލުމަށްފަހު، ކުރިމަތިލީ 10 ފަރާތަކަށް މިއަދު އޮފާ ލެޓާ ހަވާލުކޮށްފިއެވެ.
އެޗްޑީސީން މައުލޫމާތު ދީފައިވާ ގޮތުގައި މި ފުރުސަތުގެ އެންމެ ބޮޑު އެއް މަގުސަދަކީ، ހަރުދަނާ އަދި ހުނަރުވެރި ޒުވާނުން މުޖުތަމައުގައި ބިނާކުރުމެވެ. މި ޕްރޮގޮރާމް ފުރިހަމަކުރުމުން ދުނިޔޭގެ ކޮންމެތާކުވެސް މޮޓޯބޯޓު އޮޕަރޭޓްކުރެވޭ ރޯޔަލް ޔޮޓިން އެސޯސިއޭޝަންގެ ލައިސެންސް ހޯދުމުގެ ފުރުސަތު ލިބިގެންދާނެކަމަށްވެސް އެޑީސީން ބުނެފައި ވެއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލާފައި ވަނީ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދު އުމުރުފުރައިގެ ދިވެހި ޒުވާނުންނަށެވެ. އަދި މިފަރާތްތަކަކީ ތައުލީމީދާއިރާއިން އެންމެ މަތީ ފެންވަރަކަށް ގްރޭޑް 10 ނިންމާފައިވާ ޒުވާނުންނަށްވެސް ވާންޖެހެއެވެ. އޭގެ އިތުރުން، މިޕްރޮގްރާމްގައި ބައިވެރިވާ ފަރާތަކީ ފަރިތަކަމާއިއެކު އިގެރޭސީއިން ވާހަކަ ދެއްކޭނެ މީހެއް ކަމުގައިވެސް ވާންޖެހެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ވޯޓަރސްޕޯޓްސްއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދީފައި ވާނެކަމަށްވެސް އެޗްޑީސީން ބުނެފައި ވެއެވެ.
އެޗްޑީސީން ހާމަ ކޮށްފައިވާ ގޮތުގައި، މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް 2 ދުވަހުގެ ތިއެރެޓިކަލް ޓްރެއިނިންގ އެއް ކުރިޔަށް ގެންދެވޭނެއެވެ. އަދި ރާއްޖެއިން ބޭރުގައި 10 ހަފްތާގެ ޕްރެކްޓިކަލް ސެޝަންތައްވެސް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ގަލްފް ގައުމެއްގައި މަސައްކަތްކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.
އަދި މިއީ ރާއްޖޭގެ މާހައުލާއި ގުޅޭ، އަދި އެޗް.ޑީ.ސީގެ ކުރިއަށް ރާވާފައި ހުރި ބޮޑެތި މަޝްރޫޢޫތަކުން އުފެދޭނެ ވަޒީފާތަކަށް ހުނަރުވެރިން ތަމްރީން ކުރުމަށް ކުރެވިގެންދާ މަސައްކަތެއްކަމަށްވެސް އެޗްޑީސީން މައުލޫމާތު ދީފައި ވެއެވެ.
ކޮމެންޓު ފޮނުވާ