ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲގެ ފަރާތްޕުޅުން ޢިލްމު އުނގެނިގެން ހުރި މުނާފިގެއްގެ ސިފަތައް ފެންނަމުންދާކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވައްދާފައިވާ މިނިސްޓަރ ޢިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ، މަޖިލީހަށް ހުށައެޅި މައްސަލައަށް ހޯމް މިނިސްޓަރ ދެއްވީ ސިޔާސީ ޖަވާބެއްކަމަށެވެ. މިމައްސަލާގައި އިމްރާންގެ މައްޗަށް އިތުބާރު އޮތްކަމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ނިންމާފައިވާއިރު، އެމްޑީޕީއާކީ މި އިތުބާރު ނެތްކަމުގެމައްސަލާގައި ހިމަނާފައިވާ ވާހަކަތައް އެޕާޓީގެ ކޮންމެ ޕޯޑިއެމްއެއްގައި އަދި ކޮންމެ މެންބަރަކު ދައްކާފައިވާ ވާހަކަތަކެއްކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. ހޯމް މިނިސްޓަރ ޢިމްރާން ކުރެއްވި ކަންކަމަކީ އެމްޑީޕީން ވާގިވެރިވެދޭ ކަންކަންކަމަށް މަޖިލީހުން ނިންމައިފިނަމަ އެކަންވެގެންދާނީ މަޖިލީހުގައި ލަތުވެތި ދުވަހަކަށްކަމަށާއި، ޤައުމަށްވެސް ލަދުވެތި ދުވަހަކަށް ވާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.
އިލްމު އުނގެނި ހުންނެވި މުނާފިޤް ބޭފުޅެއްގެ ގޮތުގައި އަޅުގަނޑަށް މިއަދު ޢިމްރާން ޢަބްދުﷲ ސިފަވަނީ. އިއްޒަތްތެރި ރައީސް، މިއަދުގެ ހޯމް މިނިސްޓަރުގެ ތާރީޚެއް އެބައޮތް މުނާފިޤްކަން ފެންނަންއޮތް. ދިގު ތާރީޚެއް އަޅުގަނޑުމެންނަށް ފެންނަން އެބައޮތް ސިޔާސީ ތާރީޚެއް.
-ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް
ޝިޔާމް ވިދާޅުވީ ބަގާވާތްކުރިކަމަށް ބުނާ މީހުން ގޭތެރޭގައި ތިބޭތަން މިއަދު ދައްކުވައިދެނީ އެމްޑީޕީންކަމަށެވެ. މިނިސްޓަރ ޢިމްރާނަކީ މުނާފިގެއްކަމަށް ޝިޔާމް ވިދާޅުވުމުން ބައެއް މެންބަރުން ވަނީ ނިޒާމީ މައްސަލައެއްކަންވެސް ފާހަގަކުރައްވާފައެވެ. ނަމަވެސް ރިޔާސަތުން ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
ޝިޔާމް ވިދާޅުވީ ހޯމް މިނިސްޓަރާންގެ ފަރާތްޕުޅުން ޢިލްމު އުނގެނި ހުންނަވައިގެން ހުންނަ މުނާފިގުންގެ ފަރާތުން ފެންނަ ސިފަތައް ފެންނަކަމަށެވެ.
25 މެއި 2013 ވަނަ ދުވަހު ޝެއިޚް ޢިމްރާން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝިމް ޢަލީ އަވަހާރަކޮށްލި މައްސަލައިގައި އަދަބު ލިބެންޖެހޭ ބަޔަކީ އެކަަމަށް ފައިސާ ޚަރަދުކުރި މީހުންކަމަށާއި، އިދިކޮޅު އެމްޑީޕީ ބޮލުގައި އެކަން ނޭޅޭނެ އެއްވެސް ގޮތެއް ނެތްކަމަށް ޤައުމީ ހަރަކާތުގެ ލީޑަރު އަދި އަދާލަތު ޕާޓިގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވި ވާހަކަ.
-ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް
ޝިޔާމް ވިދާޅުވީ އިމްރާން ނައިފަރަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން، ރައީސް ނަޝިދުގެ އަރިހުގައި ގިނަ ބޭފުޅުން ބްލެކް މެއިލްކޮށްގެން ގެންގުޅުއްވާކަމަށް ވިދާޅުވެފައިވާއިރު މިއަދު މިނިސްޓަރ ޢިމްރާން މަޖިލީހުގެ ސުޕަ މެޖޯރިޓީ ބްލެކް މެއިލްކޮށްގެން އުޅޭނީކަމަށް ސިފަވާކަމަށެވެ.
އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ ހުޅުމާލޭގައި ސަފާރިއެއްގައި ބިދޭސީ އަންހެންމީހަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލާގައި ހިނގާފައިވަނީ އާންމު ތަނެއްގައިވެސް މީހަކު ކޮށްފާނެފަދަ ކުޑަ ކަމެއްކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަތާއި ގުޅިގެންނެވެ. އަދި މޭޑޭގެ މުޒާހަރާގައި ރިޟުވާންގެ މަރާއި ގުޅޭގޮތުން އިމްރާން ދެއްކި ވާހަތަކާއި ގުޅިންނެވެ.
ކޮމެންޓު ފޮނުވާ