މާލެ ސަރަހައްދުން ފަގީރުންގެ ގޮތުގައި ރަޖިސްޓަރީ ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ފަގީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓަރީވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 22 އިން ފެށިގެން އަންނަ ޖެނުއަރީ 19 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އާ ދެމެދު މިނިސްޓްރީއަށް ފޯމު ހުށަހެޅޭނެއެވެ.
މިނިސްޓްރީން ހުޅުވާލާފައި ވަނީ ހަމައެކަނި މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ އިން ފަގީރުންގެ ގޮތުގައި ރަޖިސްޓަރީ ވާން އެދޭ މީހުންނަށެވެ. ނިމުނު އަހަރު ރާއްޖޭގެ ފަގީރުންގެ ދަފްތަރުގައި 7700އަށްވުރެ ގިނަ މީހުން ރެޖިސްޓްރީކޮށްފައިވެއެވެ.
މިނިސްޓްރީން ބުނި ގޮތުގައި މި އަހަރު މުދަލު ޒަކާތުގެ ފައިސާ ލިބިފައިވާ މީހުންގެ ތެރެއިން ހާލަތު ބަދަލުވުމުގެ ސަބަބުން ދަފުތަރުން އުނިވެފައިވާކަން އަންގާފައި ނެތް މީހުންނަކީ މިވަގުތު ވެސް ފަގީރުންގެ ދަފްތަރުގައި ތިބި މީހުންނެވެ. އެހެންވެ، އެ މީހުން އަލުން ރަޖިސްޓަރީ ވާން ނުޖެހޭނެ އެވެ. އެކަމަކު އެ އާއިލާތަކުގައި ވެސް އަންނަ މަހުގެ 19 އަށް 18 އަހަރު ފުރޭ ކުއްޖަކު ހުރި ނަމަ ނުވަތަ 65 އަހަރު ފުރޭ މީހަކު ހުރި ނަމަ އަލުން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައިވެއެވެ.
މި އަހަރަަށް މިނިސްޓްރީން އެކުލަވާލި ފަގީރުންގެ ދަފްތަރުގައި ހިމެނެނީ 9،041 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެއިން 1،796 މީހަކާއި ރަށްރަށުން 7،245 މީހެކެވެ. އެއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 2،473 މީހުންގެ މަދުވުމެކެވެ.
ކޮމެންޓު ފޮނުވާ