ރިޔާސީ އިންތިޚާބުގެ ސެކިއުރިޓީއާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ސަލާމަތީ ބާރުތަކާއި މަޝްވަރާކޮށްފިއެވެ.
ފުލުހުންނާއި އެކު ބޭއްވި ބައްދަލުވުން ބާއްވާފައިވަނީ އިސްކަންދަރު ބިލްޑިންގގައެވެ. އެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު، އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އަލްއުސްތާޛް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް އަދި ފުލުހުންގެ އެކި ޑިޕާޓްމަންޓުތަކުގެ އިސްވެރިންނާއި އިލެކްޝަން ކޮމިޝަނުގެ މެންބަރުންނާއި އިސްވެރިން ބައިވެރިވެލެއްވިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ބައެއް މަސައްކަތްތަކާއި ގުޅިގެންނާއި، ރިޔާސީ އިންތިޚާބު 2023 ގެ ސެކިއުރިޓީއާ ގުޅުންހުރި ކަންތައްތަކާ ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން pic.twitter.com/B4CRivLtvO
— Elections Commission (@ElectionsMv) December 13, 2022
މީގެ އިތުރުން މިއަދުވަނީ ޑިފެންސް މިނިސްޓަރ މާރިދީދީ ހިމެނޭހެން ސިފައިން އިސްބޭފުޅުންނާއިވެސް އިންތިޚާބާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
ރިޔާސީ އިންތިޚާބު 2023 އަށް ތައްޔާރުވުމުގެ ގޮތުގެ ފުރިހަމަކުރަންޖެހޭ ބައެއް އިންތިޒާމުތަކާ ގުޅޭގޮތުން މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާކު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން pic.twitter.com/7RjU5XzDw5
— Elections Commission (@ElectionsMv) December 13, 2022
މިބައްދަލުވުންތަކުގައި ރިޔާސީ އިންތިޚާބުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި އިލެކްޝަން ކޮމިޝަނުން ފުލުހުންނާއި ސިފައިންގެ ފަރާތުން ބޭނުންވާ ސެކިއުރިޓީ ދިނުމާ ގުޅޭގޮތުން މަޝްވަރާކުރެެއްވިއެވެ. އަދި ރިޔާސީ އިންތިޚާބުގެ އެކި ކަންކަމުގައި އިލެކްޝަން ކޮމިޝަންގެ ފަރާތުން ބޭނުންވާ އެހީތެރިކަން ދިނުމަށްވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.
ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ބާއްވާ މި އިންތިޚާބު ބާއްވަން ތާވަލްކޮށްފައި ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށެވެ. އިންތިޚާބަށް އިލެކްޝަނުން ތައްޔާރުވަމުންދާއިރު، ކޮމިޝަނުން ދަނީ އިންތިޚާބަށް ބޭނުންވާ ވަޞީލަތްތާއި، މީހުންނާއި ތަކެތި ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
އެގޮތުން އިލެކްޝަނުން ވަނީ އިންތިޚާބުގެ މަސައްކަތުގައި ހަރަކާތްތެރިވާނެ ވަގުތީ 11 މުވައްޒިފަކު ހޯދުމަށް އިޢުލާންކޮށްފައެވެ. ރިޔާސީ އިންތިޚާބުގައި އެންމެ ބޮޑު ޚަރަދެއް ހިނގާނީ އިންތިޚާބުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އެގޮތުން އިންތިޚާބުގައި މަސައްކަތްކުރާނެ އޮފިޝަލުންގެ ޓްރެއިނިންއަކީ ވެސް ބޮޑު ޚަރަދެއް ހިނގާ ކަމެކެވެ. ވޯޓު ކަރުދާސްތައް ޗާޕުކުރުމާއި މިފަދަ އިދާރީ ކަންކަމަކީވެސް އިންތިޚާބުގެ އެންމެ ބޮޑެތި ޚަރަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.