ކޮމިއުނިކޭޝަންސް އޮތޯރިޓީން ދޫކުރާ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަރ ލައިސަންސް އެ އޮތޯރިޓީން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އަށް މިއަދު ދީފިއެވެ. މިއީ ކޮމިއުނިކޭޝަންސް އޮތޯރިޓީން ދޫކުރި މިފަދަ ފުރަތަމަ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަރ ލައިސަންސެވެ.
މި ލައިސަންސްގެ ދަށުން އެޗް.ޑީ.ސީއަށް ހުޅުމާލޭގައި މުއާސަލާތީ އިންފްރާސްޓްރަކްޗަރ ގާއިމު ކޮށް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ބޭނުމަށް މިއިންފްރާސްޓްރަކްޗަރ ދޫކުރުމުގެ ހުއްދަ ލިބިދޭނެއެވެ. ރަސްމީ ސިފައެއްގައި މިއަދު މި ލައިސަންސް އެޗް.ޑީ.ސީއަށް ދޫކުރެވުނު ނަމަވެސް، މުއާސަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް ބޭނުން ކުރެވޭގޮތަށް ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ މީ ފުރަތަމަ އޯޕަން އެކްސެސް ވިއުގަ ކަމުން، މި މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ އެޗްޑީސީއަށް ވަނީ މީގެކުރިން ދެވިފައެވެ. އަދި އެޗް.ޑީ.ސީއަށް މިއަދު ދިން ރަސްމީ ލައިސަންސް ދޫކުރެވުނީ މި ވިއުގައަށް މުއާސަލާތީ ހިދުމަތްދޭ ފަރާތްތަކުގެ ފުރިހަމަ އިތުބާރު ލިބި، މި ވިއުގަ މެދުވެރިކޮށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުނަށް ފޯރުކޮށްދެވެމުން ދާތީކަމަށް އެކުންފިނިން ފާހަގަ ކޮށްފައި ވެއެވެ.
އެޗް.ޑީ.ސީންވަނީ ކާމިޔާބުކަމާއެކު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އޯޕަން އެކްސެސް ނެޓުވޯކެއް ގާއިމުކޮށް، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެފް.ޓީ.ޓީ.އެޗް (ފައިބަރ ޓު ދަ ހޯމް) ގެ ޚިދުމަތް ދޭންފަށާފައެވެ. އަދި މުއާސަލާތީ ޚިދުމަތްދޭ ކުންފުނިތަކުން މި ވިއުގަ މެދުވެރިކޮށް ޚިދުމަތްތައް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފޯރުކޮށްދޭތާ މިހާރު އަހަރަކަށް ވުރެން ގިނަ ދުވަސް ވަނީ ވެފައެވެ.
ކޮމިއުނިކޭޝަންސް އޮތޯރިޓީ އަދި އަދި އެޗް.ޑީ.ސީން ބުނެފައިވަނީ، މިފަދަ ޒަމާނީ ވިއުގައެއްގެ ސަބަބުން އިންޓަނެޓު އަދި ޓީވީގެ ޚިދުމަތްތަކަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެއެވެ. އަދި މީގެ ސަބަބުން މުއާސަލާތީ ޚިދުމަތްދޭ ފަރާތްތަކަށް އަވަސްކަމާއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހި ވެގެންދާނެއެވެ.