އެމްއެންޕީގެ ޕްރައިމަރީގައި ވާދަކުރަން ނާޒިމް ފޯމު ހުށައަޅައިފި

އެމްއެންޕީގެ ޕްރައިމަރީގައި ވާދަކުރަން ނާޒިމް ފޯމު ހުށައަޅައިފި

Author
މުޙައްމަދު ޖިމީ
13 ޑިސެމްބަރ 2022 03:58
0

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވުމަށް އެޕާޓިގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް އެޕާޓީއަށް ފޯމް ހުށައަޅައިފިއެވެ. ރާއްޖޭގައި އެންމެ ފަހުން އުފެއްދި ސިޔާސީ ޕާޓީކަމުގައިވާ، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީގެ) ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލީ މިމަހުގެ 1 ވަނަ ދުވަހުއެވެ.

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ނާޒިމް މީގެ ކުރިންވެސް އިއުލާންކުރައްވާފައިވެއެވެ. ޕްރައިމަރީގައި ވާދަކުރަން ފޯމް ހުށައެޅުއްވުމަށްފަހު ނާޒިމް ވިދާޅުވީ، އެމްއެންޕީ އަކީ ރައްޔިތުންނަށް އޮތް އާ އުންމީދެއްކަމަށާއި، އާ ފުރިހަމަ ވިސްނުމެއްކަމަށެވެ.

ނގެތީގެ ދާއިރާގެ މެމްބަރު ކާނަލް ނާޒިމް އިސްވެ ހުންނަވާ ހިންގަވާ އެމްއެންޕީގެ ރިޔާސީ ޕްރައިމަރީ އަންނަ ޖެނުއަރީމަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް އެޕާޓީގެ ގައުމީ ކައުންސިލްއިން ވަނީ ނިންމާފައެވެ.

އަންނަ ޖެނުއަރީމަހު އެމްއެންޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ގައުމީ ކައުންސިލްއިން ނިންމާފައިވާއިރު، އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން މިހާތަނަށް ފާޅު ކޮށްފައިވަނީ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ނާޒިމް އެކަންޏެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އަހަރެއްހާ ދުވަހަށް ވެފައިވާއިރު، ރިޔާސީ އިންތިޚާބުގައި ވާދަކުރާނޭކަން ގިނަ ސިޔާސީ ޕާޓީތަކުން ވަނީ އިއުލާން ކޮށްފައެވެ. އޭގެ ތެރޭގައި އިދިކޮޅު ޕީޕީއެމްއާއި، ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ އިތުރުން ސަން ސިޔާމްގެ އެމްޑީއޭވެސް ހިމެނެއެވެ. އޭގެ އިތުރުން ގާސިމް އިބުރާހިމްގެ ޖުމުހޫރީ ޕާޓީންވަނީ އެ ޕާޓީންވެސް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކެނޑިޑޭޓަކު ނެރޭނެކަން ހާމަކޮށްފައެވެ.

 

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.