އިންގްލެންޑް ކަޓުވާލައި، ޗެމްޕިއަން ފްރާސް ސެމީއަށް

އިންގްލެންޑް ކަޓުވާލައި، ޗެމްޕިއަން ފްރާސް ސެމީއަށް

ގުޅުންހުރި

ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022 ގެ ކުއާޓާ ފައިނަލް މެޗުގައި އިންގްލަންޑް ކަޓުވާލުމަށްފަހު އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ގަތަރުގެ އަލް ބަޔަތު ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފްރާންސްއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ވަރަށް ކުރީކޮޅު ފްރާންސްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މެޗުގެ 17 ވަނަ މިނެޓުގައި މި ލަނޑު ފްރާންސްއަށް ކާމިޔާބު ކޮށްދިނީ އޮއުރެލިއަން ޗުއަމޭނީއެވެ.

ފްރާންސްގެ ލަނޑާއެކު އިންގްލަންޑުން ވަނީ ފުލުފުލުގައި ފްރާންސްގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ކެޕްޓަން ހެރީ ކޭން ފޮނުވާލި ހަމަލާ ފްރާންސްގެ ކީޕަރު ހޫގޯ ލޮރިސް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އޭގެ ފަހުން ލޫކް ޝޯ ފޮނުވާލި ހަމަލާވެސް ލޮރިސް ވަނީ ދިފާއުކޮށްފައެވެ. ދެވަނަ ހާފު ފަށައިގެންވެސް އިންގްލަންޑުން ވަނީ ފްރާންސްގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން އިންގްލަންޑްގެ ޒުވާން ތަރި ޖޫޑް ބެލިންގްހަމް ފޮނުވާލި ހަމަލާ ވެސް ދިފާއުކުރީ ލޮރިސްއެވެ.

މެޗުގެ ނަތީޖާ އިންގްލަންޑުން ހަމަހަމަކުރީ މެޗުގެ 52 ވަނަ މިނެޓުގައެވެ. މިއީ ލިބުނު ޕެނަލްޓީއަކުން ކޭން ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއީ އޭރިއާ ތެރެއިން އިންގްލަންޑްގެ ބުކާއޯ ސަކާއަށް ފްރާންސްގެ ޗުއަމޭނީ ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއެކެވެ. މެޗުގެ 78 ވަނަ މިނެޓުގައި ފްރާންސްއިން ވަނީ ލަނޑު ޖަހާ އަލުން ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އޮލިވިއޭ ޖިރޫޑްއެވެ.

އެކަމަކު މެޗުގެ 84 ވަނަ މިނެޓުގައި އިންގްލަންޑް ކޭންއަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭރިއާ ތެރެއިން ފްރާންސްގެ ތިއޯ ހަނާންޑޭޒް އިންގްލަންޑްގެ މައުންޓަށް ކުރި ފައުލަކާއި ގުޅިގެން ޕެނަލްޓީއެއް ލިބުނުއިރު، ކޭން ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މި ނަތީޖާއާއެކު މި މުބާރާތުގެ ސެމީ ފައިނަލުގައި އަންނަ ބުދަ ދުވަހުގެރޭ ފްރާންސް ނުކުންނަން ޖެހޭނީ ޕޯޗުގަލް ކަޓުވާލުމަށްފަހު ސެމީ ފައިނަލުން ޖާގަ ހޯދި މޮރޮކޯއާ ދެކޮޅަށެވެ.

މިދިޔަ 60 އަހަރުގެ ތެރޭގައި ވޯލްޑް ކަޕްގެ ތަށި ދިފާއުކުރުމުގެ ފުރުސަތު ފްރާންސަށް އޮތްއިރު މިހާތަނަށް ވޯލްޑް ކަޕްގެ ތަށި މިހާތަނަށް ދިފާއުކޮށްފައިވާ ހަމައެކަނި ޓީމަކީ ބްރެޒިލްއެވެ. އެއީ 1958 އާއި 1962 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. އަނެއްކޮޅުން، އިންގްލެންޑް މި ވަނީ ހަތް ވަނަ ފަަހަރަށް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ކަޓައި، ބޭނުންނުވާ ރެކޯޑެއް ގާއިމްކޮށްފަ އެވެ. ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން އެންމެ ގިނަ ފަހަރަށް ކެޓީ ޓީމަކީ އިންގްލެންޑްއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ