ށ.ފުނަދޫ "ކައުންސިލް ކަޕް 2020″ ފުޓްސަލް މުބާރާތް ފަށައިފިއެވެ.
މި މުބާރާތަކީ ފުނަދޫގައި ހުންނަ އޮފީސްތަކަށް އަމާޒުކޮށްގެން އެރަށު ކައުންސިލުން ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި 5 އޮފީހަކުން ޖުމްލަ 11 ޓީމް ވާދަކުރާކަމަށް ފުނަދޫ ކައުންސިލުން މައުލޫމާތު ދެއެވެ. އެއީ ފިރިހެން ޑިވިޝަންގެ 6 ޓީމާއި އަންހެން ޑިވިޝަންގެ 5 ޓީމެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ފުލުހުންގެ ދެ ޓީމު ކަމަށްވާ ޕޮލިސް ޓީމާއި، ޔުނައިޓެޑް ޕޮލިސް އެފްސީއެވެ. މި މެޗް ޕޮލިސް ޓީމު ކާމިޔާބުކުރީ 02-12 އިން ނެވެ.
ދެވަނަ އަށް ކުޅުނު އަންހެން ޑިވިޝަންގެ މެޗުގައި ބައްދަލުކުރީ ޕޮލިސް ލޭޑީސް އާއި ފުނަފަތި (އެސް.އާރް.ސީ) އެވެ. ވާދަވެރި ކުޅުމެއް ފެނުނު މި މެޗް 7-2 އިން ކާމިޔާބުކުރީ ޕޮލިސް ލޭޑީސް ޓީމެވެ.
ލީގު އުސޫލަށް ކުރިއަށް ގެންދާ މި މުބާރާތުގެ ފައިނަލް މެޗްތައް ބާއްވަން ހަމަޖެހިފައި އޮތީ އަންނަ މަހުގެ 8 ވަނަ ދުވަހުއެވެ. މިއީ އެރަށުގައި މި އަހަރު މިހާތަނަށް ބާއްވާ 3 ވަނަ ފުޓްސަލް މުބާރާތެވެ.