ދެ މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަނުކޮށްފިއެވެ.
ފަނޑިޔާރުން އައްޔަނުކުރީ ދ. ކުޑަހުވަދޫ އަދި ށ. ފުނަދޫގައި ހުންނަ މެޖިސްޓްރޭޓް ކޯޓަށެވެ. އެގޮތުން ކުޑަހުވަދޫ ކޯޓަށް އައްޔަނުކުރީ އަލްއުސްތާޛު ޔާސިރު މުހައްމަދުއެވެ. އަލްއުސްތާޛު ޔާސިރު މުޙައްމަދު ވަނީ ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ ޙާސިލް ކުރައްވާފައެވެ. ތިން އަހަރު ޝަރުޢީ ދާއިރާގައި ހޭދަކުރައްވާފައިވާ، އަލްއުސްތާޛް ޔާސިރު މުޙައްމަދު މިހާތަަނަށް ހުންނެވީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަގާމުގައެވެ.
އަދި ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހަމަޖެއްސީ އަލްއުސްތާޛު އިބްރާހިމް ނައީމްއެވެ. އަލްއުސްތާޛު އިބްރާހިމް ނަޢީމް ވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ އަދި ވިލާ ކޮލެޖުން މާސްޓަރ އޮފް ޝަރިޢާ އެންޑް ލޯ ޙާސިލް ކުރައްވާފައެވެ. ފަސް އަހަރު ޝަރުޢީ ދާއިރާގައި ހޭދަކުރައްވާފައިވާ އަލްއުސްތާޛް އިބްރާހީމް ނަޢީމް މިހާތަނަށް ހުންނެވީ ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަގާމުގައެވެ.
Appointment of Magistrates to the Sh.Funadhoo and Dh.Kudahuvadhoo Magistrate Courts pic.twitter.com/rqnsncgEYl
— Judicial Service Commission (@MaldivesJSC) December 4, 2022
ޖުޑީޝަލް ސާވިސް ކޮމިޝަންގައި، މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ދެ ބޭފުޅުންނާ ވަނީ ފަނޑިޔާރުކަމުގެ ލިޔުން ހަވާލުކޮށްފައެވެ. އަދި އެ ދެ ބޭފުޅުން ވަނީ ފަނޑިޔާރުކަމުގެ ހުވާ ކުރައްވައިފައެވެ. އެ ދެ ބޭފުޅުންނަށް ލިޔުން ހަވާލުކޮށްދެއްވީ ޖޭއެސްސީގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންއެވެ.
މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު ގިނަ އަދަދެއްގެ ފަނޑިޔާރުންގެ މައްސަލަތަކެއް ބަލާ ފިޔަވަޅު އެޅި އިރު ބައެއް ފަނޑިޔާރުން ވަކިވެސްކޮށްފައި ވެއެވެ.
ކޮމެންޓު ފޮނުވާ