ރ.ދުވާފަރު ކައުންސިލްގެ ހުރިހާ މެމްބަރުންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތާ ގުޅިގެން މުޅި ކައުންސިލް ސަސްޕެންޑްކޮށްފިއެވެ.
އެލްޖީއޭއިން ބައެއް މީޑިއާތަކުގައި ހާމަކޮށްފައިވާގޮތުގައި ދުވާފަރުގެ ހުރިހާ ކައުންސިލަރުން ވަނީ ސަސްޕެންޑް ކޮށްފައެވެ. ސަސްޕެންޑްކުރީ އެލްޖީއޭ އިން އިއްޔެ ބޭއްވި ޖަލްސާގައެވެ. ކައުންސިލްގެ ހިންގުން މިހާރު ހަވާލުކޮށްފައި ވަނީ އެކައުންސިލްގެ ސެކްރެޓަރީ ޖެނެރަލާއެވެ.
ދުވާފަރު ކައުންސިލްގެ މެމްބަރުންނާއި، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންގެ އަމިއްލަ އެކައުންޓަށް މިލިއަނުން ފައިސާ ޖަމާކޮށް، ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާތީ އެކަމުގެ އިންކުއަރީއެއް ކައުންސިލްތަކުގެ ބެލެނިވެރިފަރާތްކަމަށްވާ ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ފެށީ މިދިޔަ ޖުލައި މަހުގައެވެ.
އެލްޖީއޭއިން ބުނެފައިވަނީ ދުވާފަރު ކައުންސިލާ ގުޅޭގޮތުން ގިނަ ބަޔަކު ޝަކުވާ ހުށަހެޅުމުން، އެލްޖީއޭގެ ކަމާގުޅޭ ޓީމަކުން އެ ރަށަށް ގޮސް ހެދި މޮނިޓަރިން އިން ފާހަގަކުރެވުނު މައްސަލަތައް ތަހުގީގުކޮށް، ފިޔަވަޅު އަޅައިދިނުމަށް އެދި ތަހުގީގީ އިދާރާތަކަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން އެ ކައުންސިލްގެ އިންކުއަރީ ހަދަމުން އަންނަކަމަށެވެ.
އެލްޖީއޭއިން އެކުލަވާލި ޚާއްޞަ ރިޕޯޓަކުން ހާމަވެފައިވާގޮތުގައި، މާލިއްޔަތު ގާނޫނާއި، މާލިއްޔަތު ގަވާއިދާއި އަދިވެސް އެހެނިހެން ކަންކަމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކަށް އެކައުންސިލުން ވަނީ އިހުމާލުވެފައެވެ.
އެލްޖީއޭގެ ރިޕޯޓުން ހާމާވެފައިވާގޮތުގައި، ދުވާފަރު ކައުންސިލުން މާލީ ކަންކަމާ ގުޅޭ ލިޔެކިޔުންތައް ނުބެލެހެއްޓުމާއި، މެމްބަރުންގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރުމާއި، ނަގުދު ފައިސާއިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެމްބަރުންނާއި ބައެއް މުވައްޒަފުންނަށް ވެސް ބަހާފައެވެ.
’އިން-ކައިންޑް' ގެ ގޮތުގައި ފައިސާ އާއި ތަކެތި މާލިއްޔަތުން ދިނުމާއި ކައުންސިލްގެ މެންޑޭޓުގައި ނުހިމެނޭ ކަންކަމަށް ވެސް ދުވާފަރު ކައުންސިލުން ބޮޑެތި ހަރަދުތަކެއް ކޮށްފައިވާކަމަށް އެލްޖީއޭގެ ރިޕޯޓުގައިވެއެވެ.
އެ ރިޕޯޓުގައި 34 މައްސަލައެއް ފާހަގަކޮށްފައިވެއެވެ. އަދި އެކަންކަން އިސްލާހު ކުރުމަށްެސްވ ލަފާދީފައިވެއެވެ. އެގޮތުން އެއްވެސް ލިޔެކިޔުމެއް ނެތި ދެ މިލިއަނަށް ވުރެ ގިނަ ފައިސާ ކައުންސިލާއި ޑަބްލިއުޑީސީ އަދި ކައުންސިލްގެ ބައެއް މެމްބަރުންނަށް ދިނުންފަދަ ކަންކަން ހިމެނެއެވެ. ރިޕޯޓުން އެނގުނު ގޮތުގައި އެންމެ ގިނަ ފައިސާ ލިބިފައިވާ ކަމަށް އެ ރިޕޯޓުން ދައްކަނީ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅަށެވެ. ޖުމުލަ 711،617 ރުފިޔާ އޭނާގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށް ރިޕޯޓުން ދައްކައެވެ. އަދި ކައުންސިލް މެމްބަރު މުހައްމަދު ޝާމަށް 447،837 ރުފިޔާއާއި ކައުންސިލްގެ ނައިބު ރައީސް އިޒްމީލް އަހުމަދަށް 252،048 ރުފިޔާއާ ކައުންސިލް މެމްބަރު މުހައްމަދު ޒުހުދާ އާދަމަށް 181،666 ރުފިޔާއާއާއި ކައުންސިލް މެމްބަރު މުހައްމަދު ނާސިހަށް 165،200 ރުފިޔާ ޖަމާވެފައިވާ އެލްޖީއޭއިން ބުންޏެވެ.
ކައުންސިލް މެމްބަރު އަހުމަދު ސަމޫހް އާއި އައިމިނަތު ސަލާހް އެކައުންޓަށް ލައްކައަކަށްވުރެ ގިނަ ފައިސާ ޖަމާކޮށްފައިވާކަމަށް ދައްކާއިރު،.ބައެއް ކޮންޓްރެކްޓް މުވައްޒަފުންނާއި ސަޕޯޓް ސްޓާފް އަދި އެހެން މީހުންނަށް ވެސް ގިނަ ތަފުސީލެއް ނެތި ވަނީ ފައިސާ ޖަމާކޮށްފަިވެއެވެ.
އެލްޖީއޭގެ ރިޕޯޓުގައިވާ ގޮތުން ކައުންސިލުން މުދަލުގެ ޒަކާތުގެ ގޮތުގައި ދިނުމަށް ބޭނުންވާ 318،600 ރުފިޔާވެސް އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާކަމަށް އެލްޖީއޭގެ ރިޕޯޓުގައިވެއެވެ.
ފައިސާ ޚަރަދުކުރަން ހަވާލުކޮށްފައިވަނީ މާލިއްޔަތު ގަވައިދާ ޚިލާފަށްކަމާށާއި، ބިލްތައް ހުށަހަޅާފައި ނެތްކަމަށާއި، ހުށަހަޅާފައިވާ ބިލްތައް އެއްވެސް ވަރަކަށް ރިކޮންސައިލް ކޮށްފައިވެސް ނުވާކަމަށް އެލްޖީއޭއިން ބުންޏެވެ.
One Response
ވަގުން ދޯ.ނުވާނެ އެއްވެސް ކަމެއް .ދޫކޮށްލާނެ.އެހެންވެ މިކަންތައް ތަކުރާރު ވަނީ.1 މިލިޔަން ދިރުވާލީމަ 10 ރުފިޔާއިން ޖޫރިމައިނާ.ކިހާ ސަޅި