އިންގްލެންޑް މިފަހަރުގެ ފީފާ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި 2-6 ގެ ބޮޑު ތަފާތަކުން އީރާން ބަލިކޮށްފިއެވެ.
ޤަތަރުގެ ވެރިރަށް ދޯހާގެ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިރޭ ކުޅެވުނު މެޗު ފަށައިގެންވެސް އިނގިރޭސީން ފެނުނީ ވަރަށް ބޮޑަށް ކުރިއަށްޖެހި ރަނގަޅު ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރި ތަނެވެ. ރަނގަޅު ކުޅުންތެރިންތަކެއް ހިމެނިގެން ނުކުތް އިނގިރޭސީންގެ ފުރަތަމަ އެގާރައަކީ މިވަގުތު އިނގިރޭސި ވިލާތުގައި ތިބި އެންމެ މޮޅު ކުޅުންތެރިންނެވެ.
މެޗްގެ ހަތްވަނަ މިނެޓްގައި އިރާންގެ ގޯލް ކީޕަރަށް އަނިޔާވެގެން ދިހަ ވަރަކަށް މިނެޓް ވަނީ ދަނޑުމަތީގައި ފަރުވާދީފައެވެ. ބޮލަށް ލިބުނު އަނިޔާގެ ސަބަބުން އިރާންގެ ގޯލް ކީޕަރު އަލީރިޒާ ވަނީ މެޗުގެ 17 ވަނަ މިނެޓްގައި ބަދަލުކޮށްފައެވެ. އަލީރިޒާގެ ބަދަލުގައި އެރީ ޖޯޒީ ނަންބަރު 17 ހުސައިން ހުސައިނީއެވެ.
މެޗުގެ ވިހި ވަނަ މިނެޓުގައި އިރާން އިން ވަނީ އިންގްލެންޑުގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ދޭން މަސައްކަތް ކޮށްފައިނަމަވެސް އިނގިރޭސި ޑިފެންސުން ވަނީ ހުށިޔާރު ކަމާއެކު މި ހަމަލާ ދިފާއުކޮށްފައެވެ. އިރާން ގެ އަލީރިޒާ ޖަހަންބަކްޝް އިންގްލެންޑުގެ ލޫކް ޝޯ އަށް ކުރި ފައުލަކާއި ގުޅިގެން މެޗުގެ ފުރަތަމަ ރީދޫ ކާޑު 25 ވަނަ މިނެޓްގައި ވަނީ ދައްކާފައެވެ. 32 ވަނަ މިނެޓުގައި އިންގްލެެންޑުން ނެގި ކޯނަރު ހެރީ މެގުއަޔާ ބޮލުންޖަހާ ފޮނުވާލީ ގޯލުގެ މަތީ ދަނޑިއަށެެވެ.
މެޗުގެ 34 ވަނަ މިނެޓުގައި އިންގްލެންޑުގެ ފުރަތަމަ ގޯލު ޖޫޑް ބެލިންގްހަމް ވަނީ އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ. މިއީ މި ސީޒަން ގައި ޑޯޓްމަންޑަށް މޮޅު ކުޅުމެއް ދައްކަމުންދާ ޒުވާން ކުޅުންތެރިޔާ އިންގްލެންޑުގެ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އުމުރުން ނަވާރައަހަރުގެ ބެލިންގްހަމް އަކީ އިންގެލެންޑުން ވޯލްޑުކަޕެއްގައި މިހާތަނަށް ބައިވެރިވާ ތިންވަނައަށް އެންމެ ހަގު ކުޅުންތެރިޔާއެވެ.
އިންގްލެންޑްގެ ދެވަނަ ލަނޑު ޖެހިބުކަޔޯ ސަކާ ވަނީ ދެވަނަ ހާފުގައި ވެސް ލަނޑު ޖަހައިފަ އެވެ. އިންގްލެންޑްގެ ދެވަނަ ލަނޑު އޭނާ ޖެހީ މެޗުގެ 43 ވަނަ މިނެޓްގައި ހެރީ މެގްއާ ދިން ބޯޅަ އަކުންނެވެ. އިރާންގެ ކީޕަރަށް އަނިޔާ ވެގެން ފުރަތަމަ ހާފުގައި މެޗު ނުކުޅެ ހޭދަވި ވަގުތަށް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި 15 މިނެޓް ދެއްކިއެވެ. އިންގްލެންޑްގެ ތިންވަނަ ލަނޑު، ރަހީމް ސްޓާލިން ޖެހީ އިތުރު ވަގުތުގެ ފުރަތަމަ މިނެޓްގައެވެ.
ދެވަނަ ހާފުގައި ސަކާ ލަނޑު ޖެހީ ސްޓާލިން ދިން ބޯޅައިންނެވެ. މެޗުގައި އިރާނަށް ސުމެއް ކަނޑުވާލައި ދިން ލަނޑު ޖެހީ މަހްދީ ތެރީމީއެވެ. އިންގްލެންޑްގެ ފަސްވަނަ ލަނޑު ޖެހީ މާކޯސް ރަޝްފޯޑްއެވެ. އިންގްލެންޑްގެ ހަވަނަ ލަނޑު ޖެހީ ޖެކް ގްރިލީޝްއެވެ.
އިރާންގެ ދެވަނަ ލަނޑު އެ ޓީމުން ޖެހީ މެޗުގެ އެންމެ ފަހު ސިކުނތު ކޮޅުގެ ތެރޭގައި ވީއޭއާރް މެދުވެރިކޮށް ބަލައިގެން ލިބުނު ޕެނަލްޓީންނެވެ. އެ ޕެނަލްޓީގައި ލަނޑު ޖެހީ، އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ޖެހި މެހްދީއެވެ.
ވޯލްޑް ކަޕްގައި މިރޭ ނުވައެއް ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނެދަލެންޑްސް އާއި ސެނެގޯލްއެވެ. މިރޭ ކުޅޭ ފަހު މެޗުގައި އެމެރިކާއާ ދެކޮޅަށް ނުކުންނާނީ ވޭލްސްއެވެ.