ޓެރަރިޒަމްގެ ނުރައްކަލަކީ އަދުގެ ދުނިޔެއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. އަދި އެއީ އޭގެ ނުރައްކާ ދުނިޔޭގެ ހުރިހާ ބިތަކަށް ފޯރާ، ކުށެއްނެތް އެތައް ބަޔަކު ދަނީ އޭގެ ޝިކާރައަކަށްވެ ދުނިޔެއާއި ވަކިވަމުންވެސް މެއެވެ.
މިގޮތުން ބަލާއިރު، މިހަގީގަތާއި މިއަދު ކުރިމަތިލާން ޖެހިފައި ނުވާ ގައުމެއް ދުނިޔޭގައި ނުވާކަމުގައިވެސް ދެންނެވިދާނެއެވެ. އެހެންނަމަވެސް، ދުނިޔޭގެ ގައުމަތަކަށް ރަގަޅަށް ނަޒަރެއް ހިންގާލާއިރު، ޓެރަރިޒަމްގެ ނުރައްކަލާއި ކުރިމަތިލާން ޖެހުމުގައި ދުނިޔެ ކުރާންޖެހިފައިވާ ތަޖުރިބާތައް ވަރަށްވެސް ބޮޑުތަނުން ތަފާތު ކަމުގައި ދަންނަވާން ޖެހެއެވެ.
ބައެއް ގައުމުތަކަށް ޓެރަރިޒަމްގެ ނުރައްކަލާއި ކުރިމަތިލާން ޖެހިފައިވަނީ އެގައުމުތަކުގެ ސަރުކާރުތަކުން ގެންގުޅެމުންއައި ބައިނަލްއަގުވާމީ ސިޔާސަތުތައް ފެއިލްވެ، އެ ސަރުކާރުތަކާއިމެދު ބައިނަލްއަގުވާމީ ފެންވަރުގައި އުފެދުނު ރުޅިވެރިކަމާއި ނަފްރަތުގެ ނަތީޖާއެއްގެ ގޮތުންނެވެ. މީގެ އެންމެ ފުރިހަމަ ދިރިހުރި މިސާލަކީ ހުޅަނގުގެ ގައުމުތަކާއި ދެކޮޅަށް ފާއިތުވެދިޔަ 20 ނުވަތަ 30 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އުފެދިގެންދިޔަ ރުޅިވެރިކަމުން ނަތީޖާއެއްގެ ގޮތުން މިގައުމުތަކުގެ އާންމު ރައްޔިތުންގެ ސަލާމަތަށް ކުރިމަތިވެފައިވާ ނުރައްކަލާއި ބޮޑެތި ގޮންޖެހުންތަކެވެ.
މިގޮތުން އެމެރިކާ، އިނގިރޭސިވިލާތްފަދަ ގައުމުތަކަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ އޮށް އިންދާ، ފެންދީ ހައްދާދިން މައިގަޑު އެއް ސިޔާސަތަކަށް ވެގެން ދިޔައީ، އެތައް ޒަމާނެއްވަންދެން މި ގައުމުތަކުން ފަލަސްތީނުގެ މައްސަލާގައި ގެންގުޅެމުން އައި ބޭއިންސާފު ސިޔާސަތު ކަމުގައި މިއަދު ދެންނެވެން އެބަ އޮތެވެ.
އެހެންނަމަވެސް، އިސްލާމީ ބައެއް ގައުމުތަކަށް، ނުވަތަ ވަކީން ޚާއްސަކޮށް އަރަބި ބައެއް ގައުމުތަކަށް މިއަދު ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލާއި އޭގެ ބިރުވެރިކަން ގުޅިފައިވަނީ މުޅީން ތަފާތު ހާލަތަކަކާއި ކަމުގައި ދަންނަވާންޖެހެއެވެ. ސީރިޔާ، މިއަދުގެ އިރާގު، ލީބިޔާ އަދި އެނޫނަސް އިސްލާމީ މިފަދަ ގިނަ ގައުމުތަކަށް ޓެރަރިޒަމްގެ ނުރައްކަލާއި ކުރިމަތިލާންޖެހުނީ އެގައުމުތަކުގެ ގަބީލާތަކުގެ، ނުވަތަ ދަރިކޮޅުތަކުގެ ނުވަތަ ސިޔާސީ އިދިކޮޅު ފިކުރުތަކުގެ މެދުގައި ހިގަމުންދާ ހަމަނުޖެހުންތަކާއި، ބޮޑެތި ޚިޔާލު ތަފާތުވުންތަކުގެ ސަބަބުންނެވެ.
އެއީ، މި ގައުމުތަކުގެ އެތެރޭގައި އުފެދެންފެށި ހަމަނުޖެހުންތައް ބޮޑުވެ، އެތެރޭގެ ސުލްހަ މަސަލަސްކަން ގެއްލި، ގައުމުތަކުގެ އެތެރޭގެ މައްސަލަތަކުގެ ތެރެއަށް ބޭރުގެ ބާރުތަކަށް ވަނުމުގެ ފުރުސަތު ފަހިވެގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ބައެއް ގައުމުތަކުގެ ސަރުކާރުތަކަށް ވެރިކަމުގައި ދެމި އޮވެވޭނެ މަގެއް ނުފެނި، ވެރިކަން ހިމާޔަތް ކުރުމަށްޓަކާ ބޭރުގެ އަސްކަރީ ބާރުތަކުގެ އެހީތެރިކަން ހޯދާން މަޖުބޫރުވެ، ހުރިހާ މާނައެއްގައިވެސް ގައުމުތައް އަޅުވެތި ވެގެން ދިޔައީއެވެ.
އިސްވެ ދެންނެވުނު، އެތެރޭގެ ހަމަނުޖެހުންތަކާއި އަދި އަޅުވެތިކަމަށް ޖާގަ ދިން ހަގީގީ ސަބަބަކީ، އެ ގައުމުތަކަށް ވެރިވެގެންދިޔަ ސިޔާސީ، ދީނީ އަދި އިޖުތިމާއި މައްސަލަތަކާއި ޚިޔާލު ތަފާތުވުންތަކެވެ.
ދިވެހިރާއްޖެއަށް ޓެރަރިޒަމްގެ ނުރައްކާ އިންތިހާއަށް!
ދިވެހިރާއްޖޭގައި މިހާތަނަށް، ޖާނުން ފިދާވުމާއި، ބާރުގަދަ ބޮންތައް ގޮއްވާ، އަދި އެނޫނަސް އަސްކަރީ ވަސީލަތްތަކުގެ ބޭނުން ކޮށްގެން ހަމަލާދީ ގިނަބައެއްގެ ފުރާނަ ގެއްލިގެން ގޮސްފައި ނުވިނަމަވެސް، ރާއްޖެއަށް ޓެރަރިޒަމްގެ ނުރައްކާ އިންތިހާއަށް އޮތްކަން އަމަލީގޮތުން ސާބިތުކޮށްދޭ އެތައް ހާދިސާއެއް ފާއިތުވެދިޔަ ތަނުގައި ވަނީ ހިގައިގެން ގޮސްފައެވެ.
މިގޮތުންމީގެ އަހަރުތަކެއް ކުރިން ސަލްޓަމް ޕާކުގައި ދިން ބޮމުގެ ހަމަލާއާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން 6 މޭގެ ޓެރަރިސްޓު ހަމަލާއާއި އަދި ދާދިފަހުން ފުލުހުން ހިންގި އެންޓި ޓަރަރިޒަމް އޮޕަރޭޝަންގައި ހައްޔަރު ކުރެވުނު މީހުން ހިންގާން އުޅުނުކަމަށް ފުލުހުން މައުލޫމާތު ދީފައިވާ، އައިސިސްއާ ގުޅިގެން ތަންތަން ގޮއްވައި އެތައް ބަޔަކު މަރާލުމަށް ރާވަމުންދިޔަ ރޭވުންތަކުން އެކަނިވެސް ރާއްޖެއަށް ކުރިމަތިވެފައިވަ ޓެރަރިޒަމްގެ ނުރައްކާތެރިކަން ވަޒަން ކުރެވިގެން ދެއެވެ.
ފުލުހުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދީފައިވާ ގޮތުގައި، މިހިގާ ނޮވެމްބަރުމަހުގެ 11 އިން ފެށިގެން މާލެ އާއި އައްޑޫ އަދި ކ. ގުރައިދޫގައި ސަލާމަތީ ބާރުތަކުން ހިންގާ ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަންގައި މިހާތަނަށް 14 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އަދި ފުލުހުން ވިދާޅުވެފައިވާ ގޮތުގައި، މި އޮޕަރޭޝަންގެ ހައްޔަރުކޮށްފައިވާ މީހުން މަސައްކަތް ކޮށްފައިވަނީ އައިސިސްއާ ގުޅިގެން ތަންތަން ގޮއްވައި އެތައް ބަޔަކު މަރާލުމަށެވެ.
އިތުރަށް ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ހައްޔަރުކުރި މީހުން ދިރިއުޅޭ ގޭގެއިންނާއި، އެމީހުންނާއި ގުޅުންހުރި ބައެއް ތަންތަނުން ބޮން ގޮއްވުމަށް ބޭނުންކުރާ އާލަތްތައްވެސް ހޯދާފައިވެއެވެ. އެމީހުން ހަމަލާ ދޭން އުޅުނީ ކޮންތަނަކަށް ކަން ފުލުހުންގެ ތަހުގީގަށް އެނގިފައި ވީނަމަވެސް އެމައުލޫމާތު ފުލުހުން މީޑިއާތަކާއި ހިއްސާ ކޮށްފައެއް ނުވެއެވެ.
ފުލުހުން ހިންގާފައިވާ އެންޓި ޓެރަރިޒަމް އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ އައްޑޫން 10 މީހަކާއި، މާލެ އިން އެކަކު އަދި ގުރައިދޫން ދެ މީހެކެވެ. މިއެންމެންނަކީވެސް އައްޑުއަށް ނިސްބަތްވާ މީހުންނެވެ. ފުލުހުން ބުނެފައިވަނީ އޭގެ ތެރޭގައި ހިމެނޭ 9 މީހަކު މީގެ ކުރިން ވެސް ޓެރަރިޒަމްގެ ކުށުގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
ކޮންމެއަކަސް، ދުނިޔޭގައި މިވަގުތުވެސް އޮތް އެންމެ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތް ކަމުގައިވާ، އައިސިސް ޖަމާއަތާއި ގުޅިގެން ރާއްޖޭގައި ބޮން ގޮށްވައިގެން ޓެރަރިސްޓު ހަމަލާއެއް ދޭން މަސައްކަތް ކުރަމުންދާކަމުގެ ވާހަކައަކީ އާދައިގެ ވާހަކައެއް ކަމުގައި ގަބޫލު ކޮށްގެން ނުވާނެއެވެ.
ސަބަބަކީ، އައިސިސް ޖަމާއަތަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ޓެރަރިޒަމްގެ ހަމަލާތަކާއި އޮޕަރޭޝަންތައް ހިންގުމުގެ ގާބިލްކަން ލިބިފައިވާ ވަރުގަދަ ޖަމާއަތަކަށް ވާތީއެވެ. އަދި އެ ޖަމާއަތުގެ މެމްބަރުންގެ ގޮތުގައި ތިބޭ ފަރާތްތަކަކީ އެ ޖަމާއަތުގެ ފިކުރު ގަބޫލުކުރާ، ގިނަ ފަހަރަށް ޖާނުން ފިދާވުމުގެ ހަމަލާތައް އެކި ގައުމުތަކުގައި ހިންގަމުންދާ ފަރާތްތަކެވެ.
މިގޮތުން ބަލާއިރު ރާއްޖޭގައި ފަހުގެ ތާރީޚްތަކުގައި މިއުސޫލުން ހިނގާފައިހުރި މިބާވަތުގެ މައްސަލަތަކާއި ގުޅިގެން އާންމުވެފައިވާ މައުލޫމަތުތަކަށް ބަލާއިރުވެސް ފެންނާން އޮތް ހަގީގަތަކީ، މިފަދަ އަމަލްތައް ހިނގާފައި ހުރީ ދީނީ އަދި ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ޖަޒުބާތުގައި ކަމެވެ.
ޓެރަރިޒަމަށް މަގުފަހި ކޮށްދެނީ ސިޔާސީ، ދީނީ ޚިޔާލުތަފާތުވުންތައް!
އަދުގެ ދުނިޔޭގައި ޓެރަރިޒަމްގެ ނުރައްކަލާއި ކުރިމަތިލާން ޖެހިފައިވާ ގިނަ ގައުމުތަކަށް ބަލާއިރު ފެންނާން އޮތް ހަގީގަތަކީ، އެގައުމުތައް ޓެރަރިޒަމްގެ އަދަވަޅަށް ވެއްޓެން މެދުވެރިވީ އެންމެ ބޮޑު ސަބަބަކަށް ގައުމުގެ އެތެރޭގެ ހަމަނުޖެހުމާއި، އޭގެއިން އުފެދުނު ނަފްރަތާއި ނިމުމެއް ނުވާ ބަދަލު ހިފުމުގެ ރޫހު ވެގެން ގޮސްފައިވާ ކަމެވެ.
މިގޮތުން، މި ނަޒަރިއްޔާތުން ވިސްނާލާއިރު ދިވެހިރޭއްޖޭގެ މިސްރާބު މިއަދު ހުރީ މިނޫން އެހެން މިސްރާބަކަށް ކަމުގައި ދެންނެވޭކަށް ނެތެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި އޮތްހާވެސް ކަމަކީ ސިޔާސީ ވާދަވެރިކަމަށްވުރެ ބޮޑަށް ނަފްރަތާއި ޒާތީ ރުޅިވެރިކަން ކަމެވެ. ނިމުމެއް ނުވާ ބަދަލު ހިފުމުގެ ރޫޙެވެ. އަދި މި ޚިޔާލު ތަފާތުވުންތައް ގައުމުގައި އޮތް ދީނީ ޚިޔާލުތަފާތުވުންތަކާއި އެކުލާ މެހިގެންގެން ގޮސް، ދީނީ އިލްމުވެރީންވެސް މިއަދު ވެގެން ގޮސްފައިވަނީ ސިޔާސީ މީހުންގެ ސިޔާސީ އެޖެންޑާ ކުރިއެރުވުމުގެ ފިކުރުގައި ތިބި ބަޔަކަށެވެ.
މިގޮތުން ރައްޖޭގައި އުފެދިގެން ގޮސްފައިވާ ސިޔާސީ ދެކޮޅުވެރިކަމުގެ މޫތައްވަނީ، އެންމެ ވަރުގަދައަށް ހިގައިމުން އަންނަ ސިޔާސީ ޕާޓީތައްވެސް ފޫއަޅުވާލާފައެވެ. ވެރިކަން ކުރާ އެމްޑީޕީއަށް މިއަދު ކުރިމަތިވެގެން ގޮސްފައިވާ ހާލަތަކީ މީގެ އެންމެ ފުރިހަމަ ދިރިހިރި އެއް މިސާލެވެ.
އެޕާޓީގެ ދެލީޑަރުންގެ މެދުގައި އުފެދިގެން ގޮސްފައިވާ ސިޔާސީ ދެކޮޅުވެރިކަމުގެ ނަތީޖާއަކަށް މިއަދު ވެގެން ގޮސްފައިވަނީ، ދެ ރައީސުންނަށް ތާއީދުކުރާ މަޖިލިސް މެމްބަރުންގެ ޒުވާބުތައް ޗާޓުން ބޭރުވެ، ކުރާ ތުހުމަތުތަކާއި ދޭން އިންޒާރުތަކާއެކު ޖާނަށް ނުރައްކާވެގެން ދިއުމެވެ.
އެހެންނަކަމުން، ރައްޖޭގައި އުފެދިފައިވާ ސިޔާސީ ދެބަސްވުމާއި ކޯޅުންތަކާއި، ދީނީ ޚިޔާލުތަތާފާތުވުންތައްވެސް މިއަދު މިވަނީ އޭގެ ހުދޫދުން ބޭރުވެފައި ކަމުގައި ދަންނަވާން ޖެހެއެވެ.
މި ދަރަޖައަށް ގައުމު ހާލަތު ދިއުމުން، ގައުމުގެ އެތެރޭގައި އޮތް ބަލިކަށިކަމުގެ ފައިދާ އެންމެ ބޮޑަށް ނަގާނީ ބޭރުގެ ބާރުތަކުންނެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން އެތެރޭގެ ސުލްހަ މަސަލަސްކަން ގެއްލި، އެންމެފަހުން ޓެރަރިޒަމްގެ މޫތައް ގައުމުގެ އެކި ކަންކޮޅުތަކަށް ފެތުރި، މުޅި ގައުމަށް ވެރިވަމުންދާނީ ޓެރަރިޒަމް ނުރައްކަލާއި ބިރުވެރިކަމެވެ. މިއީ އަދުގެ ދިވެހިރާއްޖެ ދަތުރުކުރަމުންދާ ހިގީގީ މިސްރާބުކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.