މީގެ ހަތަރު އަހަރުކުރިން ރާއްޖޭގައި އޮތް ނާއިންސާފާއި އަނިޔާވެރި އަމަލުތައް ނިމުމަކަށް ގެނެސް، އިންސާފައި ހަމަހަމަކަން ގާއިމް ކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ޤައުމާއި މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ މީގެ 4 އަހަރު ކުރިން ދިވެހި ރައްޔިތުންނަށް އެރުވި ޔަޤީންކަމަކީ ދިވެހި ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދިނުމުގައި، އެއްވެސް ރައްޔިތަކު ތަފާތު ނުކުރާނެކަމުގެ ޔަޤީންކަން ކަމުގައެވެ. ތަފާތެއްނެތި، ހަމަހަމަކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރުމުގައި، ދެމިހުންނާނެކަމުގެ ޔަޤީންކަން ކަމުގައެވެ.
މިއަދު މިއީ އޭގެ 4 އަހަރު ފަސް. ޔަޤީންކަމާއެކު، މިއަދު އަޅުގަނޑަށް މިވާހަކަ ދެންނެވިދާނެ. އެދުވަހު އެވީވަޢުދުން ކަސިޔާރު ނުވެ، ދިވެހި ރައްޔިތުންނަށް ހަމަހަމަ 4 އަހަރުކަމުގާ، ފާއިތުވި 4 އަހަރު ވެގެން ހިނގައްޖެ.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ދެވަނަ ޖުމްހޫރިއްޔާގެ ހަޔާތުން 54 އަހަރު އަހަރު ފުރިގެންދާއިރު، މީގެ 4 އަހަރު ފަހަތަށް، ހަނދާންތަށް ސޮއްސާލުމަށް މިއީ، މުނާސަބު ވަގުތު ކަމަށެވެ. ރައީސް ވިދާޅުވީ އެދުވަހު ޤައުމުގާ އޮތީ ހާސްކަމާ ކަންބޮޑުވުމާ، ނުތަނަވަސްކަމާ ބިރުވެރިކަން ކަމުގައެވެ. ސަބަބަކީ ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ޙައްޤުތަކާ މިނިވަންކަން ލިބިދިނުމުގައި، ކަށަވަރުކަމެއް ނެތުމެވެ. އެއްބަސްނުވާ ކޮންމެ މީހަކު ވެފައިވަނީ، ވެރިކަމުގެ ހަތުރަކަށް ކަމުގައެވެ، އޭގެ އެންމެ ބޮޑު ސަބަބަކަށް އޭރުއެކަންވީ، ޤާނޫނު އަސާސީ ތަޞައްވަރު ކޮށްދިން ޑިމޮކްރަސީގެ ހަމަތައް ގެއްލުވާލުންކަމަށް ރައީސް ވިދާޅުވިއެވެ. ވެރިކަމުން، ޤާނޫނީ ހަމަތަކަށް ތަބާވުން ދޫކޮށް، ވެރިކަމުގެ ފަރާތުން ޤާނޫނުގެ ބާރު ލަންބާ، ގުދުކޮށް ވާންކުރުމަކީ އޭރު ފެނިގެންދިޔަ މަންޒަރުކަމަށެވެ.
ނަތީޖާއަކަށްވީ ވެރިކަމުގެ ނިޒާމް ކިލަނބުވެ، ހިނގާ ކަންކަމުގެ ދެފަރާތް ފެނުން އެއީ، ނެތް ފުރުޞަތަކަށްވުން ކަމަށް ރައީސް ވިދާޅުވިއެވެ. ފަރުދާގެ ފުރަގަހުގާ ހިނގާކަމެއް ނިމި، މަންޒަރު ސާފުވާން ފެށިއިރު، އިންސާފަކީ އެންމެ ބޮޑު ބޭއިންސާފު ކަމުގާ އޮތީވެފައިކަމަށް ރައީސް ވިދާޅުވިއެވެ. އަމާނާތްތެރި ކަމަކީ، އެންމެ ބޮޑު ޚިޔާނާތް ކަމުގާ ވެ ނިމިފައިވާއިރު، އިންސާފަށް އެދުމުގެ ކުރިން، އިންސާފު ލިބިދާނެ ކަމަށް އުންމީދު ނުކުރެވޭ ހިސާބަށް، ބޭއިންސާފު އޮތީ އާންމުވެފައިކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ 4 އަހަރު ކުރިން ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ތިއްބެވީ، ކުޑަގޮޅީގަ ނުވަތަ އެގޮޅީގެ އަނގަމަތީގަ. ގޯހުން ހިނގާ ކަންކަން ރަނގަޅު ކުރުމުގެ ފުރުޞަތު ބަންދުކުރި. ރައްޔިތުންގެ މަޖިލީހުގެ ޢިމާރާތުގެ ދޮރުތަށް ތަޅުލި. ދިގުލީ އެތަށް ދުވަހެއް ވަންދެން، މަޖިލިހުގެ ޢިމާރާތް ބަންދުކޮށްފައި ބެހެއްޓި. އެމަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުންނަކީ، މުލައްދަނޑީގެ ބާރުން ނެރެ ފާރުމަތިން އުކާލެވޭ، ބޭކާރު މުދަލެއްގެ ސިފަ ޖެއްސި. ޢަދުލް އިންސާފު ޤާއިމު ކުރުމުގެ އެންމެ މަތީމަރުޙަލާގާ، ހިޔާވަހިކަމެއް އެދުވަހަކު ނެތް. ރައްޔިތުންނަށް ގޮތް ހުސްވުމަކީ، އޮތް ހަމައެކަނި ގޮތް ކަމުގައިވެ ނިމުނު.
– ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެ އޮތީ މީގެ ހަތަރު އަހަރުކުރިން ބައިނަލް އަޤްވާމީ ދުނިޔެއާ ގުޅުންކެނޑި، އެކަހެރިވެ ވަކިވެފައިކަމަށެވެ. ރަށްރަށުގެ އިދާރީ ހިންގުމަށް ރައްޔިތުން އިޚްތިޔާރު ކުރެއްވި، އެތަކެއް ކައުންސިލް މަންދޫބުން ތިއްބެވީ، ގަނޑުކޮށް ސަސްޕެންޑް ކުރެވި، އެކަހެރި ކުރެވިފައިކަމަށެވެ. ރަށްތަށް އެކަހެރި ކޮށް، ރައްޔިތުންގެ މަތިން ހަނދާން ނައްތާލާފައިކަމަށެވެ.
މީގެ 4 އަހަރު ކުރިން ރައްޔިތުން ބޭނުންވި އެންމެ ބޮޑު ކަމަކީ، އިންސާފުގެ މަގަށް ވެރިކަން ހިންގުން ރުޖޫޢަވުމަށް. އެދުވަހު ރައްޔިތުން ބޭނުންވީ، ދެފުށްފެންނަ، ޖަވާބުދާރީ ކުރުވެނިވި، ޤާނޫނު އަސާސީގެ ތަރަޙައިގެ މައްޗަށް، ދައުލަތް ބިނާވުމަށް. އެއްވެސް ރަށެއް އަދި އެއްވެސް ރައްޔިތަކު ބާކީ ނުވެ، މިނިވަންކަމާއެކު ހެލިފެލިވެ، ދިރިއުޅުން އާރާސްތު ކުރެވޭނެ މާހައުލެއް. ރާއްޖޭގެ ރައްޔިތުން ބޭނުންވީ، ތިމާގެ ސިޔާސީ މަޤާމާ، ރިޔާސީ ޓިކެޓަކީ ވެރިކަމަށް އާދެވުމުގެ ކުރިންނާ، އޭގެ ފަހުންވެސް، ފައިސާ ޖަމާ ކުރާ ވަޞީލަތަކަށް.
– ރައީސް ވިދާޅުވިއެވެ.
— The President's Office (@presidencymv) November 11, 2022
ރައީސް ވިދާޅުވީ މީގެ 4 އަހަރު ކުރިން ރައްޔިތުން ބޭނުންވީ، ޚިޔާލުތަފާތުވުންތަކާ އެކު ކުރިއަށް ގޮސް، ޤައުމާ ރައްޔިތުން އިސްކުރާނެ ވެރިކަމެއް އުފެއްދުމަށް ކަމަށެވެ. ރާއްޖޭގެ ރައްޔިތުން ބޭނުންވީ އެދުވަހަށްފަހު، ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތަކަށް، ސަރުކާރުން ހުރަސް ނޭޅޭނެ މަގުފަހި ކުރުމަށް ކަމަށެވެ. މިމަސައްކަތުގައި ފާއިތުވި 4 އަހަރުވެސް މަސައްކަތް ކުރީ، ރާއްޖޭގެ ރައްޔިތުން މަތިކުރެއްވި، ވެރިކަމުގެ މަސްއޫލިއްޔަތު އެގޮތުގައި އަދާ ކުރައްވާފައިވަނީ ތަފާތު ނުކޮށް ހަމަހަމަ ކަމާއެކު، އެންމެންނާއެކުގައިކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސިޔާސީ ޒުވާބާ، ހަސަދައާ ޖަދަލާ، ނަފްރަތުން މުޖުމަތަމަޢު ސަލާމަތް ކުރެވުނުކަމީ ލިބިފައިވާ އެންމެބޮޑު ހިތްހަމަ ޖެހުންކަމަށް ރައީސް ވިދާޅުވިއެވެ.
One Response
އަނެއްކާ ކޮންތާކު ގާއިމުކޮށްފަ އޮތް އެއްޗެއްބާ މީ އިންސާފާ ހަމަހަމަ ކަން ގާއިމު ކުރީ ކައްވަޅުގާތޯ؟؟