ފަގީރުކަން ނައްތާލުމަށް "ޒަކާތު ނަފާ"ނަމުގައި ޚާއްޞަ ޕްރޮގްރާމެއް

ފަގީރުކަން ނައްތާލުމަށް "ޒަކާތު ނަފާ"ނަމުގައި ޚާއްޞަ ޕްރޮގްރާމެއް

Author
މުޙައްމަދު ޖިމީ
06 ނޮވެމްބަރ 2022 05:12
0

ޒަކާތު ނަފާ ޕްރޮގްރާމް ފެށުމަށްޓަކައި އެކަމާ ގުޅޭ ފަރާތްތަކާއިއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި ކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ އަޙްމަދު އަދީލްއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޕާމަނެންޓް ސެކްރެޓަރީ ޔޫސުފް ރިޒާއާއި އެގްރޯނޭޝަނަލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަޙްމަދުފުޅު އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ޑިރެކްޓަރ އޮފް އޮޕްރޭޝަންސް ޢަލީ އާނިފްއެވެ.

މި ރަސްމިއްޔާތަށްފަހު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ ޝާފިޢު ޢަލީ އަދި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛް ފައްޔާޒު އިސްމާޢީލްއާއި އެމިނިސްޓްރީގެ ކޮންސަލްޓެންޓް ފޮރ ޑެލިވަރިންގ ޓްރޭޑް އެންޑް އިންވެސްޓްމެންޓް ޠާސީން ޙިލްމީ  ވަނީ ނޫސްވެރިންނާއި ބައްދަލުކުރައްވާ މި ޕްރޮގްރާމާ ގުޅޭ މުހިންމު ގިނަ މަޢުލޫމާތުތަކެއް ދެއްވާފައެވެ.

ޒަކާތު ނަފާ ޕްރޮގްރާމަކީ، ދިވެހިރައްޔިތުންގެ ތެރެއިން ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން، އެފަރާތްތަކުގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއި އިކޮނޮމިކް މިނިސްޓްރީން ތަޢާރަފްކުރާ ޕްރޮގްރާމެކެވެ.

ޒަކާތު ނަފާ ޕްރޮގްރާމް ކުރިއަށްދާނީ، ޕްރޮގްރާމް ހިންގުމާ ގުޅޭގޮތުން އެކުލަވާލާފައިވާ “ޒަކާތު ނަފާ ޕްރޮގްރާމް ހިންގާނެގޮތުގެ އުސޫލު” އާއި އެއްގޮތަށް، ފިޔަވަހިތަކަކަށް ބަހާލައިގެން، ކޮންމެ ފިޔަވައްސެއްގައި ކަނޑައެޅޭ ވަކި ޢަދަދެއްގެ ބަޔަކަށް އަމާޒުކޮށްގެންނެވެ. މި އުސޫލު މިހާރުވަނީ ގެޒެޓްކުރެވިފައެވެ.

މި ޕްރޮގްރާމްގެ ދަށުން އެހީ ދޭނެ ފަރާތްތައް ކަނޑައަޅާނީ، “ޒަކާތު ނަފާ ޕްރޮގްރާމް ހިންގާނެގޮތުގެ އުސޫލު” ގެ 12 ވަނަ މާއްދާގެ (ހ) އާ އެއްގޮތަށެވެ. އެއީ؛

  • ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަޤީރުންގެ ތެރެއިން، ރަށްރަށުގައި ހުރި ފަޤީރުންގެ ގޭބިސީގެ ނިސްބަތުން ރަށްތައް ކެޓަގަރައިޒްކުރުން؛
  • ކެޓަގަރައިޒްކޮށްގެން ކަނޑައެޅޭ ރަށްރަށުގެ ފަޤީރުންނަށް ހަމަހަމަ ފުރުޞަތުތަކެއް ދިނުން؛
  • އެހީ ދިނުމަށް ކަނޑައެޅިފައިވާ ދާއިރާގައި މަސައްކަތްކުރުމަށް ޤާބިލުފަރާތްތަކަށް އިސްކަންދިނުން މިއެވެ.

ވަކިވަކި ދާއިރާތަކަށް ބައިވެރިން ހޮވުމުގައި ބަލާނީ އުސޫލުގެ ޖަދުވަލު 1 ގައި ހިމެނިފައިވާ ޝަރުޠުތަކަށެވެ.

އެހީގެ ގޮތުގައި ދެވޭނީ، އުސޫލުގެ 9 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ ދާއިރާތަކުން މަސައްކަތް ކުރުމަށް ބޭނުންވާ ތަކެއްޗާއި ތަމްރީނެވެ.  އެހީ ދިނުމަށްފަހު، އުސޫލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދާކަން ކަށަވަރުކުރުމަށްޓަކައި، މޮނިޓަރިންގ ޕީރިއަޑެއް ކަނޑައަޅާ އެ ފަރާތުގެ މަސައްކަތްތައް މޮނިޓަރކުރެވެމުންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.