ވަޒީފާ އަށް ނުކުންނަ މައިބަފައިންނަށް އެ މީހުންގެ ކުދިން ބެލެހެއްޓުމަށް ސަރުކާރުން އިސްނަގައިގެން ފަށައިފައިވާ މަސައްކަތުގައި ސްޓެލްކޯއިން ގާއިމް ކުރަމުންދާ "ޗައިލްޑް ކެއާ" ސެންޓަރުގެ މަސައްކަތް ނިމުމަކާއި ގާތަށް ގޮސްފިއެވެ.
ސްޓެލްކޯއަކީ އަބަދުވެސް އެކުންފުނީގެ މުވައްޒިފުންނަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކުންފުންޏެވެ. ސްޓެލްކޯން ގާއިމް ކުރަމުންދާ ޗައިލްޑް ކެއާ ސެންޓަރަކީ އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއިއެކު އުފާވެރި މާހައުލެއްގައި ތިވެވޭ ގޮތަށް ތައްޔާރު ކުރަމުންދާ ސެންޓަރެކެވެ.
މިސެނޓަރުގެ މަސައްކަތް ހިނގަމުންދާ ގޮތް ނައިބް ރައީސް ފައިސަލް ނަސީމްވެސް ވަނީ ބައްލަވާ ލައްވާފައެވެ. ސެންޓަރުގެ މަސައްކަތް ނިމުމަކާއި ގާތަށް ގޮސްފައިވާއިރު، މިއީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން މިމަަސައްކަތް އެންމެ ބާރަށް ކުރިއަށް ގެންދާ އެއްކުންފުނިކަންވެސް ފާހަގަކޮށްލެވެއެވެ.
މިދިޔަ ހަފްތާގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހުމޫދް ފޮނުއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައި އާއިޝަތު މުހައްމަދު ދީދީ ވިދާޅުވީ މި ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަމުގެ ތެރޭގައި ހިމެނޭ މާލޭގައި އެފޯޑަބަލް ޑޭކެއާގެ ހިދުމަތް ފޯރުކޮށްދޭނެ ތަނެއް ވުޖޫދު ކުރުމަށް މިނިސްޓްރީން މިހާތަނަށް އައިއިރު ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ.
ސަރުކާރުގެ އިސްނެގުމާއެކު މިކުންފުނީގައި ގާއިމުކުރަމުންދާ ޗައިލްޑް ކެއަރ ސެންޓަރގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު @FaisalNasym ބައްލަވާލައްވައިފި. pic.twitter.com/n2cYE5StkK
— STELCO (@STELCOMALDIVES) November 4, 2022
އެގޮތުން ޑޭކެއާގެ ހިދުމަތް ފޯރުކޮށްދިނުމަށް މާލެ އިން ބޭނުންވާ ޖާގަ ކަށަވަރު ކުރުމަށްޓަކައި ކަމާ ގުޅުން ހުރި އެކި އިދާރާތަކާ އެކުގައި ގިނަ މަޝްވަރާތަކެއް ކުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް މާލޭގެ ޖާގައިގެ ދަތިކަމާ ހުރެ ޑޭކެއާގެ ހިދުމަތް ގާއިމު ކުރާނެ ބިމެއް ލިބިފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އާއިޝަތު މުހައްމަދު ދީދީ ވިދާޅުވި ގޮތުގައި ކުދިން ބެލުމަށް ބޭނުން ކުރެވޭނެ އެހެން ލުޔެއް ހޯދައި ދިނުމަށް ތަފާތު އެހެން މޮޑަލްތައް ދިރާސާކޮށް، ވަޒީފާ އަދާކުރާ ތަނުގައި ކުދިން ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ޗައިލްޑް ކެއާ ސްޕޭސް ގާއިމް ކުރުމަށް ރައީސް އޮފީހާއެކު މި އަހަރުގެ އޮގަސްޓު މަހު މަޝްވަރާ ކޮށްފައިވެއެވެ.
އެ މަސައްކަތް ކުރުމަށް ސޯޝަލް ކައުންސިލަށް ހުށަހެޅުމުން އެކަން ތަންފީޒު ކުރަން މިހާރު ވަނީ އަންގާފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންވެ، އެކަމާ ގުޅޭ ގޮތުން ސަރުކާރުގެ ކުންފުނިތަކާ ވަކިވަކިން މަޝްވަރާ ބައްދަލުވުންތައް ބާއްވަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކުންފުނިތަކުން ދީފައި ހުރި މައުލޫމާތަށް ބަލާއިރު، މި އަހަރު ސްޓެލްކޯ އާއި އެމްޕީއެލުން އެ ހިދުމަތް ގާއިމް ކުރާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.