މިއަދަކީ ރާއްޖޭގެ ރާއްޖޭގެ ނަސްރުގެ ދުވަހެވެ. އެއީ ދިވެހި ޚާއިނުންގެ ބަޔަކު ބޭރުގެ ކުލީ ޓެރިރިސްޓުން ގޮވައިގެން މާލެ އަރައި ރާއްޖޭގެ މިނިވަންކަން ނަގާލަން 1988ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ދިން ޢުދުވާނީ ޙަމަލާ ނާކާމިޔާބުވެ ދިވެހިންނަށް ނަޞްރު ލިބުނު ދުވަހެވެ. ފަހުގެ ތާރީޚުގައި ދިވެހިން ކުރި އެންމެ ވަރުގަދަ ހަނގުރާމައިން ދިވެހިންނަށް ކާމިޔާބާއި ނަޞްރު ލިބުނު ދުވަހެވެ. ދިވެހި ހިތްވަރުގަދަ ސިފައިން މޮޅުވި ދުވަހެވެ. އެޙާދިސާއަށް މިއަދު މިވީ 34 އަހަރެވެ.
34 އަހަރުފަހުން މިއަދު މިޙާދިސާގެ ހަޤީޤަތް އޮޅުވާލައި އެއީ ނުވާކަމަކަށް ހަދަން ބަޔަކު މަސައްކަތް ކުރާކަމުގެ ތުހުމަތު ކުރެވެއެވެ. ކުރަންވެސް ޖެހެއެވެ. އެކަމުގެ އެތައް ހެއްކެއް ފެނެއެވެ. އެހެންނަމަވެސް މިއީ ހަޤީޤަތް ފޮރުވިޔަދީގެންވާނެ ހާދިސާއެއް ނޫނެނެވެ. މިއީ ފަސްއަޅައި ފޮރުވިޔަދީގެންވާނެ ހަނދާނެއް ނޫނެވެ. ޅަދަރިންނަށް ކިޔައިދީ ދަސްކޮށްދޭންޖެހޭ ރާއްޖޭގެ ތާރީޚެކެވެ. 3 ނޮވެމްބަރެވެ. ކުށެއް ނެތް 19 ދިވެހިންގެ ޠާހިރު ލެއިން މިޤައުމުގެ މިނިވަންކަމުގެ އަގު ދެއްކި ދުވަހެވެ. އެއީ އެއްވެސް އަގެއް ނެތް އެއްޗެއްކަމަށް ހަމަ ހިލާ ހެދިޔަ ދީގެން ނުވާނެއެވެ.
ޙަމަލާ ރޭވުމުގަޔާއި ހިންގުމުގައި ޣައްދާރު ދިވެހިން:
ނޮވެމްބަރ ތިނެއްގެ ޢުދުވާނީ ހަމަލާއަކީ އޭރު ރާއްޖޭގައި ހިނގަމުން ދިޔަ ޤާނޫނީ ސަރުކާރު ބަދަލުކޮށް ރާއްޖޭގެ ވެރިކަން ހޯދުމުގެ އަމިއްލަ އެދުމުގައި ހިންގި ޤާނޫނާ ޚިލާފު އެތައް ޢަމަލުތަކެއްގެ ނަތީޖާއެވެ. އަމިއްލަ އެދުމުން ފޯވެފައިވާ މަދު ދިވެހި ޚާއިނުންތަކެއްގެ އަނިޔާވެރި ޢަމަލެކެވެ. ވެރިކަން ބަދަލުކުރުމުގެ މަޝްވަރާތަކުން އެމީހުން ފެށި ނުބައި ޢަމަލު ނިމުނީ އުފަން ޤައުމަށް ޣައްދާރުވެ 19 ދިވެހިން ޝަހީދުކޮށްފައެވެ. އެމީހުންގެ އަމިއްލަ އެދުމާއި، ޚިޔާނާތުގެ މިންވަރު އެމީހުންގެ އަމިއްލަ އިއުތިރާފުން ސާބިތުވެއެވެ. ނޮވެމްބަރު 3 ގެ ޙާދިސާގެ ތަޙުޤީޤު ބަޔާންތައް އަދިވެސް އެހެރީ ފެންނާށެވެ.
މިހަޤީޤަތް އިތުރަށް ޔަޤީންވެގެންދާ އެއް ހެއްކަކީ ސްރީލަންކާގެ "ދި އައިލެންޑް" ނޫހަށް ލުޠުފީ ދީފައިވާ އިންޓަވިއުއެވެ. އޭނާ ފަހުން ޖަލުން ފިލައިގެން ނުވަތަ ފިލުވީމާ ލަންކާއަށް ގޮސް ދިން އިންޓަވިއުގައި ބުނެފައިވަނީ ނޮވެމްބަރު ތިނެއްގެ ހަމަލާއަކީ ކޮންމެ ގޮތެއް ހަދައިގެންވެސް ރައީސް މައުމޫން، ވެރިކަމުން ބޭރުކުރުމަށް ހިންގި އަމަލެއް ކަމަށެވެ. އެހެން އެކަންކުރީ އިންތިޚާބަކުން މައުމޫނު ބަލި ކުރެވޭނެ ގޮތެއް އޭރު ނެތީމަކަމަށެވެ. އެހެންކަމުން މިއީ ވެރިކަމުގެ ދަހިވެތިކަމުގައި ގަސްތުގައި ޣައްދާރުންގެ ބަޔަކު ޤައުމަށްދިން އިންތިހާ ދަރަޖައިގެ ގެއްލުމެކެވެ.
މިޙަމަލާ ރާވައި ހިންގީ ސްރީލަންކާގެ އޭރު ހިންގަމުން ދިޔަ އަހުލީ ހަނގުރާމައިގާ ބައިވެރިވާ ޓެރަރިސްޓު ޖަމާޢަތެއްކަމަށްވާ، ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް، ޕްލޯޓް ޖަމާޢަތުގެ 80 ވަރަކަށް ކުލީ ހަނގުރާމަވެރިންނާއެކު ދިވެހިންގެ ބަޔަކެވެ. އިސްކޮށް ތިބީ ދެ ދިވެހިންނަކީ ހ. ހާޖަރާގޭ ޢަބްދުﷲ ލުޠުފީއާއި ސ. ހިތަދޫ ޕެރިސް ހޮލިޑޭ ސަގަރު އަޙްމަދު ނާސިރެވެ. މި ޢުދުވާނީ ޙަމަލާގައި ބައިވެރިވިކަމަށް ޝަރީޢަތުން އިތުރު 5 ދިވެއްސެއްގެ މައްޗަށް ހުކުމް ކޮށްފައިވެއެވެ. އެއީ ޢަބްދުﷲ ޝާހިދު، ކަރޯ ޢައްބާސް އިބްރާހީމް، މުޙައްމަދު ނަޢީމް (ޕައިލޮޓް ނަޢީމް)، ސިއްކަ އަޙްމަދު އިސްމާޢީލް މަނިކާއި ޢުމަރު ޖަމާލެވެ.
ހަނގުރާމަވެރިންނާއެކު މި ބާޣީން މާލެއަށް ބަނދަރު ކުރީ ނޮވެމްބަރު ތިން ވަނަ ދުވަހުގެ ފަތިހު 3.30 ގައެވެ.
ލުތުފީއާއި ސަގަރޭގެ އިރުޝާދުގެ ދަށުން ދުޝްމަނުންގެ އިސްކޮށްހުރި ޓެރަރިސްޓަކީ ވަސަންތީއެވެ. އޭނާ ހަނގުރާާމަވެރިންގެ ބަޔަކު ގޮވައިގެން ދިޔައީ ސިފައިންގޭގެ މައިގޭޓަށް ހަމަލާ ދޭށެވެ. އެއާއެކު ދިވެހި ސިފައިންގެ ޒުވާން ފަހުލަވާނު ޙުސައިން އާދަމް އިސްވެ ދިވެހި ސިފައިން ރައްދުގައި ވަގުތުން ހަމަލާ ދޭންފެށިއެވެ.
މިކަންވީ ހަނގުރާމަވެރިންނަށް ހައިރާން ލިބުނު ކަމަކަށެވެ. އަދި އެމީހުން ސިހި ފަހަތަށް ޖެހެން މަޖުބޫރިވި ސަބަބަކަށެވެ. ދިވެހި ޣައްދާރުން ޓެރިރިސްޓުންނަށް ދީފައިވާ މަޢުލޫމާތުން އެމީހުންނަށް ހީވެފައި އޮތް މިންވަރަށްވުރެ އެތައް ގުނައެއް ދިވެހި ސިފައިން ހިތްވަރުގަދައެވެ. ޖެހިލުން ކުޑައެވެ. ހުށިޔާރެވެ. މޮޅެވެ. މިއީ ދުޝްމަނުން ބިރުގަތް ކަމެކެވެ. ދިވެހި ޣައްދާރުން ޓެރިރިސްޓުންނަށް މަޢުލޫމާތު ދީފައި އޮތީ ސިފައިންގެ މަރުކަޒުގެ ފާރައަށްތިބޭ ދިވެހި ސިފައިންގެ ބަޑިއަކު ވަޒަނެއް ނުހުންނާނެކަމަށެވެ. އަދި ފަސޭހަ ކަމާއެކު ސިފައިންގެއަށް ވަދެވޭނެކަމަށެވެ.
ދުޝްމަނުން ހީކުރިގޮތާ ޚިލާފަށް ދިވެހި ސިފައިގެން ރައްދުގައި ހަމަލާ ދުޝްމަނުން ފަހަތައް ޖައްސުވައި ހަނގުރާމަ ރާވައި ހިންގުމަށް ދިވެހި ސިފައިންނަށް ފުރުސަތު ލިބުނީ ނަސްރުގެ ދުވަހުގެ ބަޠަލް ޝަހީދު ޙުސައިން އާދަމްގެ ހިތްވަރުންނެވެ. އޭނާގެ ހަމަލާ ވެގެން ދިޔައީ ސިފައިންނަށް "މިހަނގުރާމައަށް" ސަފުތައް ރުކުރުވާލަން ލިބުނު ފުރުޞަތަކަށެވެ. ޝަހީދު ހުޞައިން އާދަމް ވަނީ އޭނާގެ ބަޑީގެ ވަޒަން ހުސްވެ، ޝަހީދުވެގެން ފުރާނަ ދަންދެން މި ލޮބުވެތި ޤައުމު ދިފާޢުކޮށްދެއްވާފައެވެ. ފަސްޖެހުމެެއް ނެތި ދުޝްމަނުންނަށް ހަމަލާ ދީފައެވެ.
ހަނގުރާމަވެރިން ބަލިކުރީ ދިވެހި ސިފައިން!
ނޮވެމްބަރ ތިނެއްގެ ޢުދުވާނީ ހަމަލާގައި ހަނގުރާމަވެރިން ތިން ދިމާއަކުން ސިފައިންގެ އަށް ހަމަލާ ދިނެވެ. ޖެހިލުމެއް ނެތި ދިވެހި ސިފައިންވެސް ދިޔައީ ރައްދުގައި ހަމަލާ ދެމުންނެވެ. ނަމަވެސް ސިފައިންނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ ސީދާ ހަމަލާތައް އަންނަ ދިމާ ނޭނގުމެވެ. އެހެންކަމުން ސިފައިންގެއިން ބަޔަކު ނުކުމެ ހަމަލާ އަންނަ ދިމާ ފާާހަގަ ކުރެވޭތޯ ބަލަން ނިންމިއެވެ. ފުރަތަމަ ނިންމީ ވެހިކަލެއްގައި ނުކުންނާށެވެ. އެގޮތުން އޭރު ސިފައިންގޭގައި ބޭނުންކުރާ މިނީ ބަހަކަށް ސިފައިން އެރުމަށް ފަހު ކުރީގައި ޓްރެކްޓަރެއް އޮވެގެން ނުކުންނާން ދިޔަ ދިއުމުގައި ޓްރެކްޓަރު ސިފައިންގޭގެ ދަގަނޑު ދޮރާށީގައި ތާށިވީއެވެ. އެހެންކަމުން ފައިމަގުގައި ސިފައިންގެ ބަޔަކު ނުކުންނަށް ނިންމިއެވެ. ނުކުންނާން ހަމަޖެއްސި ގުރޫޕުގެ ކޮމާންޑަރަކަށް ހުންނެވީ މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލެވެ. މޭޖަރ ޖަލީލާއެކު، ދުޝްމަނުންގެހަމަލާތަކުގެ ކުރިމައްޗަށް ސިފައިންގެ 11 ބޭކަލަކު ނުކުންނެވިއެވެ. އެ ބޭކަލުންގެ ތެރެއިން ދެބޭކަލަކު ޝަހީދުވިއެވެ. ނަމަވެސް މޭޖަރ ޖަލީލާއެކު ނުކުންނެވި އެހެން ބޭކަލުން އެނބުރި ސިފައިންގެއަށް ވެންނެވީ ހަމަލާ އަންނަ ދިމަދިމާ ފާހަގަ ކޮށްގެންނެވެ. މިކަން ވީ ދުޝްމަނުން ނަށް ބަލިކޮށްލަން ޤައުމީ ދިފާޢީ ބާރަށް ލިބުނު އެންމެ ބޮޑު ހިތްވަރަށެވެ.
ހަނގުރާމަވެރިން މަސައްކަތްކުރަމުން ދިޔައީ ސިފައިންގެ އަށް ވަނުމަށެވެ. ރޮކެޓު ހަމަލާއަކުން ސިފައިންގެ ފާރުން ބާގަނޑެއް ހެދިއެވެ. އެއީ މިހާރު ޝަހިދުންގެ ބިނާ ހަދައިފައިވާ ތަނެވެ. ނަމަވެެސް ހަނގުރާމަ ވެރިންއެތެރެއަށް ވަންނަން ފުރުޞަތު ނުދީ ދިވެހި ސިފައިން ދިޔައީ ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކުގައި ހަނގުރާމަވެރިންގެ ތެރެއިން އިސްކޮށްހުރި ވަސަންތީ އާއި ޖޫލީ މަރުވިއެވެ. ވަސަންތީ އާއި ޖޫލީ މަރުވުން ވީ ހަނގުރާމަވެރިންނަށް ހިތްވަރު އެލި ފަހަތަށް ޖެހެން ޖެހުނު ސަބަބަކަށެވެ.
އިސްކޮށް އުޅުނު ދެ މީހުން ސިފައިންގެ ހަމަލާގައި މަރުވުމުން ހަނގުރާމަވެރިން މާޔޫސްވެ ފަހަތަށް ޖެހެން ފެށިއެވެ. ކާއެއްޗެއް ނުލިބި ހަމަލާ ދިނުމުގައި ގިނައިރުތަކެއް ވެގެން ދިއުމާއެކު ހަނގުރާމަވެރިން ބަނޑުހައިވެ ބަލިވާން ވެސް ފެށިއެވެ. ލުޠުފީ އާއި ނާޞިރު ރޭވި ގޮތަށް އެއްވެސް ކަމެއް ނުދިއުމުން އެމީހުންގެ ރުޅި ވެސް ގަދަވިއެވެ.
ނޮވެމްބަރ ތިނެއްގެ ދެ ޚާއިނުން ކަމުގައިވާ ލުޠުފީ އާއި ސަގަރޭ ރޭވި ގޮތަކަށް އެއްވެސް ކަމެއް ނުދިޔައެވެ. ރައީސް މައުމޫނެއް ވެސް ޑިފެންސް މިނިސްޓަރ އިލްޔާސްވެސް އަދި ރައީސް މައުމޫނުގެ ކޮއްކޯ ފުޅު އޭރުގެ އެޓޯލްސްމިނިސްޓަރ ޢަބަދުﷲ ޙަމީދުވެސް އަތުލައެއް ނުގަނެވުނެވެ. އެންމެ ފަހުން އަތު ޖެހުނު ބައެއް ގޮވައިގެން ހަނގުރާމަވެރިންނާއެކު ފިލައިގެން ދިއުމުގެ މަސައްކަތް ފެށިއެވެ.
މާާލެ ތެރެއިން އަތުލައިގަނެގެން ގެންނަން ޖެހޭ މީހުންގެ ލިސްޓެއް ނާސިރަށް ދިނުމަށްފަހު ފިލައިގެން ދިއުމުގެ މަސައްކަތް ލުޠުފީ ފެށިއެވެ. އޭނާ ހަނގުރާމަވެރިންނާއެކު ފަޅު ތެރެއިން ދޯންޏެއް އަތުލައިގަތެވެ. އެ ދޯނިގައި ގޮސް އެރީ ބަނދަރުގައި އޮތް "ޕްރޮގްރެސް ލައިޓް" ނަމަކަށް ކިޔާ ރާއްޖޭގެ މުދާ އުފުލާބޯޓަކަށެވެ.
ލުތުފީ ޙަވާލު ކުރި ލިސްޓުން ނާސިރަށް އަތުލައި ގެނެވުނީ ދެ މީހެކެވެ. އެއީ އޭރުގެ ޓްރާންސްޕޯޓް މިނިސްޓަރ އަޙްމަދު މުޖުތަބާއާއި މއ. ބޯގަންވިލާ އިސްމާޢީލް ނަޞީރެވެ. އެހެން މީހަކު އަތު ޖެހޭ ގޮތެއް ނުވިއެވެ. މުޖުތަބާއާއެކު އެމަނިކުފާނުގެ އަނބިކަނބަލުންވެސް ރަހީނުންގެ ގޮތުގައި ގެންދިއެވެ. ރަހީނުންގެ ގޮތުގައި 14 މީހަކު ޕްރޮގްރެސް ލައިޓަށް އެރުވިއެވެ.
ނޮވެމްބަރ ތިނެއްގެ ޢުދުވާނީ ހަމަލައާގައި ރާއްޖެއަށް އެހީތެރިކަން ހޯދަން އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ކުރެއްވި މަސައްކަތުން ވަގުތުން އެހީ ލިބުނެވެ. އެންމެ އަވަހަށް އެހީ ފޯރުކޮށްދެވޭނީ، އަވަށްޓެރި އިންޑިއާއަށްކަމަށް ވުމުން އެމީހުންގެ އެހީ ހޯއްދެވިއެވެ. އިންޑިއާސިފައިން މާލެ އައިއިރު، ބާޣީން ހަނގުރާމައިން ބަލިވެ ފިލައިންދަނީއެވެ. އެމީހުން އަތުލައިގަނެވުނީ އިންޑިއާ ސިފައިންގެ އެހީގައެވެ.
ނޮވެމްބަރ 3 ގެ ބާޣީން:
މިމައްސައިލައިގައި ހިންގި ޝަރީޢަތުން ޖުމުލަ ހަތް ދިވެއްސަކަށް ވަނީ ބަޣާވާތް ކުރިކަމުގެ ކުށްސާބިތުވެ، ޙުކުމް އިއްވައިފައެވެ. ހަތަރު މީހަކަށް ވަނީ މަރުގެ ހުކުމް ކޮށްފައެވެ. މަރުގެ ޙުކުމްް ކުރެވުނު މީހުންގެ އަދަބު ލުއި ކުރައްވައި އުމުރަށް ޖަލަށް ލުމަށް ފަހުން ބަދަލު ކުރެވުނެވެ. އެއީ 25 އަހަރަށް ޖަލަށް ލުމެވެ.
މަރަން ޙުކުމް ކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީއާއި ސ.ހިތަދޫ ޕެރިސް ހޮލިޑޭ އަޙްމަދު ނާޞިރާއި ހަމަ އެރަށު ޒަމާނީގޭ ޢަބްދުﷲ ޝާހިދާއި ހ.ކަރޯގޭ އައްބާސް އިބްރާޙިމްއެވެ.
މީގެ އިތުރުން އެކި މުއްދަތުގެ ޖަލު ޙުކުމް އިއްވި މީހުންގެ ތެރޭގައި ހިމެނެނީ، 11 އަހަރުގެ ޖަލު ޙުކުމެއް އިއްވި، މުޙައްމަދު ނަޢީމު (ޕައިލެޓު ނައީމު)، މ. ދުއްލިސާގެއާއި 15 އަހަރުގެ ޖަލު ޙުކުމެއް އިއްވި ސިއްކަ އަޙްމަދު އިސްމާޢީލު މަނިކު، މ. ދީފްރަމްއާގެއާއި، 13 އަހަރުގެ ޖަލުޙުމެއް އިއްވި ޢުމަރު ޖަމާލު، މއ. ތިނަދޫގެއެވެ.
މިމީހުންގެ ތެރެއިން މިހާރު ޖަލުގައި ހުރީ ލުޠުފީ އެކަންޏެވެ. ސަގަރު ނާސިރު ޖަލްޙުކުމް ތަންފީޒުކޮށް މިނިވަން ވެފައިވަނީ 2014ވަނަ އަހަރުއެވެ. ލުޠުފީ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ނުވަވަރަކަށް އަހަރުވަންދެން ވަނީ ފިލައިގެން ލަންކާގައި އުޅުނެވެ. އޭނާ ބޭސްފަރުވާއަށް ފޮނުވީ ރައީސް ނަޝީދުގެ ވެރިކަމުގައި 2010ވަނަ އަހަރުއެވެ. 2019ވަނަ އަހަރުގެ ލުޠުފީ މާލެ ގެނައެވެ. އަދި ހުކުމް ތަންފީޒު ކުރަން އޭނާ ވަނީ އަލުން މާފުށީ ޖަލަށްލާފައެވެ.