"ކޭޕާކް ރެސިޑެންސް" ގެ ނަމުގައި ހުޅުމާލޭގެ ސެންޓްރަލް ޕާކްގެ ކައިރީ ބިނާ ކުރަމުންދާ ލަގްޒަރީ ފްލެޓްތަކުގެ މަސައްކަތް އަންނަ އަހަރުގެ މާޗރް މަހަށް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ކޭޕާކް ރެސިޑެންސްގެ މަސައްކަތް ކުރަމުން އަންނަ ހަންބޯ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރ ހަސަން މަމްދޫހް (މަންޑޭ) ވިދާޅުވެއްޖެއެވެ.
މަމްދޫހު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މަސައްކަތް ފަށައި ހަލުވިކަމާއިއެކު މަސައްކަތް ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނުގެ ތެރެއިން 80 އިންސައްތަ ސާމާނު ސައިޓަށް ޖަމާކޮށް މަސައްކަތް ފަށާފައިވާކަމަށް މަމްދޫހު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އަމާޒަކީ އަންނަ އަހަރުގެ މާރޗް މަހުގެ ނިޔަލަށް މަސައްކަތް ނިންމާލުންކަމަށެވެ.
ކޭޕާކްގެ މަސައްކަތް ފަށައި ވަނީ ހަލުއިކޮށްފައި. ޕްރޮޖެކްޓަށް ބޭނުންވާ ތަކެތީގެ 80 ޕަސެންޓް ވަނީ ސައިޓަށް ޖާމަކޮށްފައި, އަމާޒަކީ އަންނަ މާޗު މަހަށް ނިންމާލުން. ޕްރޮޖްކެޓް ކުރިޔަށް ގެންދިއުމުގައި އެޗްޑީސީން ދެއްވާ އެއްބާރުލުމަށް ޝުކުރިއްޔާ.
– ހަސަން މަމްދޫހު ވިދާޅުވެފައިވެއެވެ.
14 ފަންގިފިލާ އަށް ހަދާފައިވާ ކޭޕާކް ރެސިޑެންސްގައި 110 އެޕާޓްމަންޓް ހުންނާނެއެވެ. އެތަނުގައި ހުންނާނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. ކޭޕާކްގެ ބޮޑު މިނަކީ 21،000 އަކަފޫޓެވެ. މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ފަންގިފިލާއެއްގައެވެ. އެންމެ ތިރީ ފަންގިފިލާ ޕާކިންއަށް ހާއްސަ ކޮށްފައި ވާއިރު ފުރަތަމަ ދެ ބުރި ކޮމާޝަލް އެކްޓިވިޓީތަކަށް ވަނީ ހާއްސަ ކޮށްފައެވެ.

މީގެ އިތުރުން ކޭޕާކް ރެސިޑެންސްގެ ޓެރަސްގައި ސްވިމިން ޕޫލާއެކު އިވެންޓް ސްޕޭސް ވެސް އޮންނާނެއެވެ. އަދި ޑޭ ކެއާ ސެންޓަރުތަކާއި ޖިމްތަކާއި ކޮރެއަން ސްޓައިލްގެ ފްރެންޗައިސް ރެސްޓޯރެންޓެއް ވެސް މިތަނުގައި ހުންނާނެއެވެ.
2017 ގައި މަސައްކަތް ފެށި މިމަޝްރޫއު ނިންމަން ތާވަލް ކުރީ މިއަހަރުއެވެ. ނަމަވެސް ކޯވިޑް-19 އާއި ގުޅިގެން މަސައްކަތް އޮތީ މަޑުޖެހިފައެވެ.
ކޮމެންޓު ފޮނުވާ