އަތޮޅުތެރޭ ކަރަންޓު އަގުހެޔޮކުރުމަށް ދެމުން އަންނަ ސަބްސިޑީގެ ގޮތުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށް 593.9 މިލިއަން ރުފިޔާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.
މިފަހްތާގެ ހޯމަދުވަހު، 2023 އަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މަޖިލީހަށް އިއްވި ބަޔާނުގައި ވިދާޅުވެފައިވަނީ މީގެ އިތުރުންވެސް ކުނި އުކާލުމަށް ރައްޔިތުންގެ އަތުން ނަގާ ފީ ހެޔޮކުރުމަށާއި، ކާޑުގެ ބާވަތްތަކާއި، ޕަބްލިކް ޓްރާންސްޕޯޓް އަދި ފެނާއި ނަރުދަމާގެ ޚިދުމަތް އަގު ހެޔޮކޮށް ބެހެއްޓުމަށް ޖުމުލަކޮށް 864.7 މިލިއަން ރުފިޔާ ބަޖެޓުކުރެވިފައި ވާއިރު، މިއަހަރުގެ ފިސްކަލް ސްޓްރެޓަޖީ އެކުލަވާލިއިރު ހިމެނި އެންމެ މުހިއްމު އެއް ރިފޯމަކީ ފިއުލް ސަބްސިޑީ ދެމުން އަންނަ ގޮތް މުރާޖައުކުރުން ކަމުގައެވެ.
އަދި މިއީ ފިސްކަލް ސްޓްރެޓެޖީގައި ހިމެނޭ އަމާޒުތައް ހާސިލުކުރުމަށް މުހިއްމު އިސްލާހެއްކަން ފާހަގަ ކުރައްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ، ތެލުގެ ސަބްސިޑީ އިންޑައިރެކްޓް ސަބްސިޑީއަކުން ޑައިރެކްޓް ސަބްސިޑީއަކަށް ބަދަލުކުރުމުގެ އިންތިޒާމް ހަމަޖެއްސުމުގެ އަމަލީ މަސައްކަތްތައް ދަނީ ކުރިއަށް ދާކަމުގައެވެ.
މިގޮތުން މި ބަދަލު ނުގެންނަނަމަ، ތެލުގެ ސަބްސިޑީއަށް އަންނަ އަހަރު 1.8 ބިލިއަން ރުފިޔާ ޚަރަދުކުރަން ޖެހޭނެ ކަމަށާއި، ނަމަވެސް، އިސްލާހުތަކާއެކު، ސަބްސިޑީ ނިޒާމް ދެމެހެއްޓެނިވި ނިޒާމަކަށް ބަދަލުކޮށް، ތެލުގެ ސަބްސިޑީއަށް ބަޖެޓުގައި ހިމަނާފައިވާނީ 588.2 މިލިއަން ރުފިޔާ ކަމުގައިވެސް ފިނޭންސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
އަންނަ 2023 ވަނަ އަހަރަށް ލަފާކޮށް، ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާފައިވަނީ 43 ބިލިއަން ފުރިޔާގެ ބަޖެޓެކެވެ.
އަންނަ އަހަރަށް ލަފާކުޜާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބުރާހިމް އަމީރު ވިދާޅުވި ގޮތުގައި، ސަރުކާރުން ހުށަހެޅުއްވި ބަޖެޓްގެ ތެރެއިން ޚަރަދުގެ ގޮތުގައި ހިގާނެކަމަށް ލަފާކުރެވެނީ 40.6 ބިލިއަން ރުފިޔާ ކަމުގައެވެ.
އެއީ ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިގާ 28.6 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 14.1 ބިލިއަން ރުފިޔާއެވެ. މ އަދި ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 2.1 ބިލިއަން ރުފިޔާ ކަމަށްވެސް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.