ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްއާއި ސައުދީ އަރަބިއާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާބް (އެމްބީއެސް)ސ ސައުދީ އަރަބިއާގެ ވެރިރަށް ރިޔާދުގައި ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ދެބޭފުޅުންވެސް ވަނީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. ސައުދީ އޮފިޝަލް ނޫސް އޭޖެންސީއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ބައްދަލުކުރެއްވުމުގައި ދެގައުމުގެ ލީޑަރުންވެސް ވަނީ ގިނަ ދާއިރާތަކެއްގައި އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާ ކުރައްވާފައެވެ. އަދި ބައިނަލްއަގުވާމީ މައްސަލަތަކާއި ސަރަހައްދީ މައްސަލަތަކާ ގުޅޭގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާ ކުރެވުނުކަމަށްވެސް ސައުދީ ޕްރެސް އޭޖެންސީން ރިޕޯޓު ކޮށްފައި ވެއެވެ.
ސައުދީ ވެރިރަށް ރިޔާދުން ޝެހްބާޒް ޝަރީފް ވަޑައިގެންނެވީ އުމުރާ ވެވަޑައިގަތުމަށް ޖިއްދާއާއި މައްކާއަށެވެ. ކިންގ އަބުދުލްއަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓުން ޝެހްބާޒް ޝަރީފަށް މަރުހަބާ ވިދާޅުވެފައިވަނީ ޖިއްދާ ޕްރިވިންސްގެ ގަވަރުނަރު ޕްރިންސް ސައުދު ބިން އަބުދުﷲ ޖަލާވީ އާއި އެހެން އޮފިޝަލުންނެވެ.
ޝެހްބާޒް ޝަރީފްގެ މި ދަތުރުފުޅަކީ ޕާކިސްތާންގެ ބޮޑުވަޒީރުކަމާއި އޭނާ ހަވާލުވެވަޑައިގަތުމަށްފަހު އޭނާ ސައުދީ އަރަބިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ޝެހްބާޒް ޝަރީފްއަކީ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކޮއްކޯފުޅެއްވެ.
އޭނާ ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ވަޑައިގަތީ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އެގައުމުގެ ގާނޫނުހަދާ މަޖިލިހުގައި ނެގުނު އިތުބާރުނެތްކަމުގެ ވޯޓަކުން މަގާމުން ދުރު ކުރުމާއި ގުޅިގެންނެވެ. އެއަށްފަހު ދާދިފަހުން ޕާކިސްތާންގެ އިލެކްޝަސް ކޮމިޝަނުން މިހާރުވަނީ އިމްރާން ޚާންގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވާކަމަށް ނިންނާ 5 އަހަރު ވަންދެން އޭނާއަށް އެއްވެސް އިންތިޚާބެއްގައި ވާދަ ނުކުރެވޭ ގޮތަށް ހަދާފައެވެ.
ކޮމެންޓު ފޮނުވާ