އަރަމުން އަންނަ ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރްގެ ހުވަފެނަކީ ޑައިރެކްޓަރ ގޯރީ ޝިންޑޭގެ ފިލްމެއްގައި މަަސައްކަތް ކުރުން ކަމަށް އޭނާ ބުނެފިއެވެ.
2018 ވަނަ އަހަރު މަރުވި ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ބަތަލާ ސްރީދޭވީގެ ދޮށީ ދަރިފުޅު ބުނީ އޭނާގެ މަންމައާ އެކުގައި 2012 ވަނަ އަހަރުގައި "އިންގްލިޝް ވިންގްލިިޝް" ގައި މަސައްކުރި ޑައިރެކްޓަރު ގޯރީ އާއި އެކުުގައި މަސައްކަތް ކުރުމަކީ އޭނާގެ އެންމެ ބޮޑު ހުވަފެން ކަމަށެވެ.
ޖާންވީ ބުނިގޮތުގައި ގޯރީ އާކީ ވަރަށް ރަނގަޅު މީހެއް ކަމަށާއި އެމީހުންގެ މެދުގައި އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށެވެ. އަދި އޭނާއަކީ މަޔެއް ފަދަ މީހެއް ކަމަށާއި އެއީ އޭނާގެ އައިލާ މެމްބަރެއް ފަދަ މީހެއް ކަމަށް ޖާންވީ ވަނީ ބުނެފައެވެ.
ގޯރީ އަކީ މަޝްހޫރު ފިލްމު ޕްރޮޑިއުސަރ އާރް ބާލްކީގެ އަންހެނުންނެވެ. އެދެމީހުން ކައިވެނި ކުރީ 2007 ވަނަ އަހަރުގައެވެ. "އިންގްލިޝް ވިންގްލިޝް" އަކީ ގޯރީގެ ފުރަތަމަ ޑައިރެކްޝަނެވެ. މި ފިލްމަކީ ބޮކްސް އޮފީހުގައި ވަރަށް ކާމިޔާބު ފިލްމެކެވެ. އަދި ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ފިލްމެއް ވެސް މެއެވެ.
ގޯރީ ވަނީ މިހާތަނަށް ތިން ފިލްމެއް ޑައިރެކްޓް ކޮށްފައެވެ. އެއީ "އިންގްލިޝް ވިންގްލިޝް"ގެ އިތުރުން އާލިއާ ބަޓާއި ޝާހްރުކް ޚާން ފެނިގެންދިޔަ ފިލްމު "ޑިއާ ޒިންދަގީ" އާއި މި އަހަރުގެ ސެޕްޓެމްބަރު މަހު ރިލިޒް ކުރި "ޗުޕް: ރިވެންޖް އޮފް ދަ އާޓިސްޓް" އެވެ.
2018 ގައި "ދަޅަކް" އިން ބޮލީވުޑަށް ނުކުތް ޖާންވީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބަވާލް" އާއި "މިސްޓަ އެންޑް މިސިޒް މާހީ" ހިމެނެ އެވެ. އޭނަގެ "މިލީ" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 4 ގައިއެވެ.
ޖާންވީ އަކީ މަޝްހޫރު ޕްރޮޑިއުސަރ ބޯނީ ކަޕޫރް އާއި ޝްރީދޭވީގެ ދެ އަންހެން ކުދިންގެ ތެރެއިން ދޮށީ ކުއްޖާއެވެ. ކުޑައަށް ހުންނަނީ ޚުޝީ ކަޕޫރެވެ. އޭނާވެސް އަންނަނީ ބޮލީވުޑަށް ތައާރަފް ވުމުގެ މަސައްކަތް ކުރަމުންނެވެ. އޭނާގެ އަލަތު ފިލްްމު "ދި އާޗީ"" އަންނަ އަހަރު ރިލިޒް ކުރުމަށް ވަނީ ތާވަލް ކޮށްފައެވެ. ބޮލީވުޑްގެ ނުފޫޒް ގަދަ ކަޕޫރު ހާންދާނަށް ނިސްބަތްވާ ޖާންވީގެ އެއްބަފާ ބޭބެ އަކީ މަޝްހޫރު އެކްޓަރު އަރުޖުން ކަޕޫރެވެ.