އެމްޑީޕީ މެމްބަރުންގެ ނަޝީދަށް: ހިތުހުރި ގޮތަކަށް މަޖިލީހެއް ނުހިންގެވޭނެ

އެމްޑީޕީ މެމްބަރުންގެ ނަޝީދަށް: ހިތުހުރި ގޮތަކަށް މަޖިލީހެއް ނުހިންގެވޭނެ

Author
މުޙައްމަދު ޝަޒައިމް
25 އޮކްޓޯބަރ 2022 10:52
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިތުހުރި ގޮތަކަށް މަޖިލިސް ނުހިންގެވޭނެކަމަށް ވިދާޅުވެ، އެމްޑީޕީގެ މަޖިލިސް ބައެއް މެމްބަރުންގެ ހޫނު ބަހުގެ ހަމަލާތަކެއް ރައީސް ނަޝީދަށް އަމާޒުކޮށްފިއެވެ.

މިއަދު މަޖިލީހުގައި ކުރިއަށްދިޔަ ޓެކްސް ބޮޑު ކުރުމުގެ ބިލުގެ ބަހުސްގައި ރައީސް ނަޝީދުވަނީ ކަމާއި ގުޅުންހުރި އިދާރާތަކާއި ބޭފުޅުން މަޖިލީހަށް ހާޒިރު ކުރުމަށްފަހު ނޫނީ މަޖިލީހުގައި ޓެކްސް ބޮޑުކުރުމުގެ ބިލަށް ވޯޓަށް ނާހާނެކަމަށެވެ. މިކަމާއި އެމްޑީޕީގެ ރައީސް ޞާލިހަށް ތާއީދު ކުރާ ގިނަ މެމްބަރުން ދެކޮޅު ހަދައި މަޖިލިސް ތެރޭގައި އަޑުގަދަކޮށް ހަދާފައިވެއެވެ.

މިގޮތުން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ސަނީފް ވިދާޅުވީ މަޖިލިސްގެ ގަވާއިދުގައި މަޖިލިސް ހިންގާނެ ގޮތާއި، މަޖިލީހުގެ ކޮމެޓީތައް ހިންގާނެ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. މަޖިލިސް ހިންގެވުމުގައި ނުލިބޭ ބާރެއް ބޭނުންކޮށްގެން ވަކިގޮތަކަށް މަޖިލިސް ހިންގުމަކީ ނަޝީދަށް ލިބިގެންވާ ބާރެއް ނޫންކަމަށް ސަނީފް ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދުގެ 159 ވަނަ މާއްދާގައި މަޖިލިސް ހިންގުމުގެ ބާރު ހިތުހުރި ގޮތަކަށް ހިންގުމުގެ ބާރެއް ރައީސަށް ލިބިގެން ނުވޭ. ރައީސް ކުރާނެ ގޮތަކަށް ރައީސް ކުރަންވީ. ދެން އަޅުގަނޑުމެން ކަން ކުރާނެގޮތް އެގޭނީ އަޅުގަނޑުމެންނަށް. ރައީސް ޚުދުމުހުތާރުކޮށް މަޖިލިސް ހިންގާކަމަށް ވެއްޖިއްޔާ އަޅުގަނޑުމެން ހިންގާނެގޮތް އެނގޭނީ އަޅުގަނޑުމެންނަށް.

– ސަނީފް ވިދާޅުވިއެވެ.

މިބިލަށް ވާހަކަ ދައްކަވަމުން މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވިދާޅުވީ ސަރުކާރުން ޓެކްސް ބޮޑުކުރަން ހުށަހެޅީ އަލަށް ނޫންކަމަށެވެ. މީގެ ކުރިންވެސް ތަފާތު އެކި ފަހަރު މަތީން ޓެކްސް ބޮޑުކޮށްފައިވާކަމަށާއި، އިޤްތިޞާދީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި އެއްބާރުލުން ދޭންޖެހޭކަމަށެވެ. އަދި މަޖިލިސްގެ ކަންކަން ހިންގަންވާނީ ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިންކަމަށް ރިޒާ ވިދާޅުވިއެވެ.

މީ މުޅި މަޖިލީހުގެ ކޮމެޓީ، ކޮމެޓީ ކޮމެޓީގެ މުގައްރިރު މިވަގުތު މުގައްރިރު ކަމުގެ މަޤާމުގައި ހުންނެވީ. މިކޮމެޓީން ފާސްކޮށްގެން ނޫންގޮތަކަށް މިކޮމެޓީއާއި ގުޅޭ އެއްވެސް ކަމެއް ކުރިއަށް ގެންދެވޭނެ ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ. އެކަމަށް އަޅުގަނޑު އިއުތިރާޒު ކުރަން.

– ރިޒާ ވިދާޅުވިއެވެ.

މިވާހަތަކާއި ގުޅިގެން ކޮމެޓީގެ މުގައްރިރު ނަޝީދު ވިދާޅުވީ މަޖިލީހުގެ އިޖުރާއަތުތައް ހިފެހެއްޓުމަކީ މިވަގުތު އެމަނިކުފާނު ކުރައްވާނެ ކަމެއްކަމަށެވެ. އަދި މެމްބަރުން ވަކި ގޮތަކަށް ކަންކަން ކުރައްވަން އެދުނު ނަމަވެސް މަޖިލީހުގެ ރައީސްގެ ގޮޑީގައި އިންނަވައިގެން ވަކި ގޮތަކަށް ކަންކަން ކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެެވެ.

ޑިމޮކްރަޓިކް އުސޫލުތައް ހިފެހެއްޓުމަކީ އަޅުގަނޑުގެ އެންމެބޮޑު ވާޖިބު. ވަކި ސަރުކާރަކަށް ފަހިވާގޮތަށް މިތަނުގެ އިޖުރާއަތުތައް ހިންގުމަކީ އަޅުގަނޑު މިއަދު ކޮށްގެންވާނެ ކަމެއްނޫން. އަޅުގަނޑަށް އެނގޭ އިއްޒަތްތެރި މެމްބަރުގެ ޕާޓީއަށް ފަހިވާގޮތަށް އިއްޒަތްތެރި މެމްބަރު ކަންކަން ކުރައްވަން އެދިވަޑައިގަންނަވާނެކަން. އެހެން ނަމަވެސް އަޅުގަނޑު ކަންކުރާންޖެހޭނެ ގޮތަކީ މިދިވެހި ރާއްޖޭގެ ރައްޔިތުންނަށް އަދި މިދިވެހި ރާއްޖޭގެ ޑިމޮކްރަސީއަށް އެންމެ ރަނގަޅުވާނެ ގޮތުގެ މަތީން.

– ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ މުޅި މަޖިލިސް ކޮމެޓީ ކުރިއަށް ގެންދިއުމަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް ރައީސް ނަޝީދު ވަނީ އެމަނިކުފާނު މަޖިލީހުގެ ރިޔާސަތުގައި އިންހާ ދުވަހަކު އިޖުރާއަތްތަކުގެ ބޭރުން ކަންކަން ކުރަން ޖާގަ ނުދެއްވާނެކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

S Sakoon
Ithubaar ne kamuge vote nagaafa God in baa laa ijraa athu ga hifa hattai gen onnaa ne eirun