އޭއެފްސީ ކަޕުގެ ގޯލުތަކުގެ ތެރެއިން އެންމެ މޮޅު ގޯލު ހޮވުމަށް ބާއްވާ ޗެލެންޖުގެ ސެމީ ފައިނަލުގެ ވޯޓު ކާމިޔާބުކޮށް ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) ފައިނަލަށް ގެންދިއުމުގެ ހުރިހާ ބާރެއް އޮތީ ދިވެހި ރައްޔިތުންގެ އަތްމަތީގައެވެ.
ސެމީ ފައިނަލް ގައި އަޝްފާޤާއި ވާދަކުރަނީ އާބާދީގައި 97 މިލިޔަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް ވިއެޓްނާމްގެ ގުޔެން ގުއެންގް ހައިއާއިއެވެ. ވޯޓުހޯދުމަށް ވިއެޓްނާމުގައިވެސް އިއްޔެ އިން ފެށިގެންދަނީ ޚާއްސަ ކެމްޕެއިނެއް ފަށާފައެވެ. ދިވެހިންގެ ފަހުރުވެރި ޤާއުމި ކުޅިވަރު، އަދި ފަހުގެ ތާރީހުގައި ދިވެހިންގެ އުންމީދުތަށް ފުޓުބޯޅާގައި ހަސިލް ކޮށްދިން ދެކުނު އޭޝިޔާ ސަރަހައްދުގެ އެންމެ އިތުބާރު ފޯވާޑު އަލީ އަޝްފާޤާއިއެކު ދިވެހިންނަށް ފައިނަލަށް ނުދެވެންވީ އެއްވެސް ސަބަބެއް ނެތެވެ. ރާއްޖޭގެ އާބާދީ ކިތަންމެ މަދު ކަމުގައި ވީނަމަވެސް އަޝްފާޤާއިއެކު ސެމީއަށް ދިވެހިން ދަތުރުކުރީވެސް ހަމަ ދިވެހި ރައްޔިތުންގެ ވޯޓުންނެވެ.
ކޮންމެ ބޭފުޅަކުވެސް އެމީހެއްގެ އެކުވެރިންނާއި، އާއިލާގެ މީހުންނާއި، އެކުވެރިން ހިނެނޭ ސޯޝަލް މީޑިޔާ ގްރޫޕްތަކަށް ލިންކް ޝެއާކޮށް ވީހާވެސް ގިނަ ވޯޓް އަޝްފާޤަށް ހޯދުމަށް ޚާއްސަ ސަމާލުކަން ދެއްވުމަކީ ޤައުމީ ޖޯޝުގައި ހިއްވަރު އާކުރަން މިވަނީ ޖެހިފައެވެ. ސެމީ ފައިނަލުގެ ވޯޓުލުމުގެ ސުންގަޑިއަކީ މިމަހުގެ 22 ވަނަ ދުވަހުގެ 13:00 އެވެ.
މިހާރުގެ ނަތީޖާ ދައްކާގޮތުން އަޝްފާގަށްވުރެ ގުޔެން ގުއެންގް ހައި އުޅެނީ ކުރީގައެވެ. ވޯޓުގެ ނަތީޖާ މިހާރު ދައްކާގޮތަށް ބަލާއިރު ތަފާތުކުޑަކޮށް އޮތްކަމަށް ދެއްކިނަމަވެސް ފަރަގު ބޮޑުވެދާނެކަމަށް ބަލައި އާހިއްވަރަކާއިއެކު ވޯޓު އިތުރުކުރުމުގެ މަސައްކަތް ކޮންމެ މީހަކުވެސް ފަރުދީ ފެންވަރެއްގައިވެސް ކުރުން މުހިންމެވެ. އަޝްފާޤަށް މިވޯޓުން ކާމިޔާބު ލިބޭނެ ހަމައެކަނި ގޮތަކީ ދިވެހިން ކުއާޓާފައިނަލުގައިވެސް ދެއްކި ހިއްވަރު ނެރުމެވެ. އަދި މިހާރު މިއޮތީ އެއަށްވުރެ މާބޮޑަށް މިކެންޕެއިން ފުޅާކޮށް އާދީއްތަ ދުވަހުގެ 1 ޖެހުމާއި ހަމައަށް ނޭވާ ހިފަހައްޓާލަން ޖެހިފައެވެ.
އަޝްފާޤު ސެމީއަށް ދަތުރުކޮށްފައިވަނީ ވަރަށް ވާދަވެރިކޮށް %51 ވޯޓުންނެވެ. އޭނާއާއި ވާދަކުރި ވިއެޓްނާމުގެ އެންގުޔެން ވެން ލިބިފަިއވަނީ %48 ވޯޓެވެ.
އޭއެފްސީ މިހާރު ކުރިއަށްގެންދާ ބްރެކެޓް ޗެލެންޖުގައި ޖުމުލަ 32 ކުޅުންތެރިން ވާދަކުރާ އިރު، މި ޗެލެންޖުގައި އޭއެފްސީ ޗެލެންޖްކަޕުގައި ޖަހާފައިހުރި މޮޅެތި ސޯލޯ ގޯލުތަކެވެ. ނޮކް އައުޓް އުސޫލުން އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކު ވާދަކުރާ އިރު، ދެން އޮތް ރައުންޑަށް ކޮލިފައިވާނީ ސަޕޯޓަރުންގެ އެންމެ ގިނަ ވޯޓް ލިބޭ ކުޅުންތެރިޔާ އެވެ.
ދިވެހިންނަކީ މިހާތަނަށްވެސް ކުރަން ނިކުތް ކޮންމެ ކަމެއްގައި ކާމިޔާބީއާއި ހަމަޔަށް ވާސިލް ވަންދެން ގަދައަޅައި މަސައްކަތް ކޮށް ނަތީޖާ ނެރެފައިވާ ބައެވެ. އެހެންކަމަށްވުމުން އަޝްފާޤާއިއެކު ފައިނަލަށް ނުދެވެންވީ ސަބަބެއް ނެތެވެ.