ސްޕެނިޝް ލީގުގައި ރޭ ލެވަންޑޮސްކީ ޖެހި ދެ ގޯލާއެކު ބާސެލޯނާއިން ލީގުގެ ތާވަލުގެ އެއްވަނައިން ޖާގަ ހޯދުމާ ގާތަށް ޖެހިލައިފިއެވެ.
ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކުރީ 0-3 ގެ ނަތީޖާއިން ވިޔަރެއާލް ބަލިކޮށްގެންނެވެ.
ރޭގެ މެޗުގައި ޖެހި ތިން ގޯލު ވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައެވެ. މެޗުގެ 31 ވަނަ މިނެޓުގައި ޖޯޑި އަލްބާ ނަގައިދިން ހުރަހަކުން އެޓީމުގެ އިތުބާރު ހިފޭ ފޯވާޑް ލެވަންޑޮސްކީ ބާސާއަށް ލީޑު ނަގައިދިނެވެ.
އޭގެ ހަތަރު މިނެޓު ފަހުން ބާސާގެ އުންމީދީ ކުޅުންތެރިޔާ ޕަބްލޯ ގަވީރާ އަށް ވަނީ ވިޔަރެއާލުން ފައުލުކޮށްފައެވެ. ރެފްރީ ޕްލޭ އޮންއަކަށް ދޫކޮށްލުމާއެކު ގަވީ ހުސްކޮށް ހުރި ލެވަންޑޮސްކީ އަށް ބޯޅަ ޖައްސާލިއެވެ. ލެވަންޑޮސްކީ ހަމަޖެހިލުމަށްފަހު ފޮނުވާލި ބޯޅައާއެކު ބާސާއަށް ލީޑު ފުޅާވެގެންދިޔައެވެ. މެޗުގެ 38 ވަނަ މިނިޓްގައި ފެރާން ޓޮރޭޒް އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ ހުރަސްކޮށްލި ބޯޅަ އަންސޫ ފަޓީ ވަނީ ހަމަޖެހިލާފައި ގޯލަށް ވައްދާލައިފަ އެވެ.
ރޭގެ ދެ ގޯލާ އެކު ލެވަންޑޯސްކީ ވަނީ ޖުމްލަ އެކު ކެރިއަރުގައި 601 ގޯލު ޖަހައިފައެވެ. ލެވަންޑޯސްކީ އަކީ އެކާވީސް ވަނަ ގަރުނުގައި ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފަހު 600 ގޯލު ހަމަކުރި ހަމައެކަނި ކުޅުންތެރިޔާއެެވެ.
ލެވަންޑޯސްކީގެ ގޯލު ތަފްސީލަށް ބަލާއިރު، އޭނާ ވަނީ ޕޮލެންޑްގެ ޒްނިކާއި ލެޗް ޕޮޒްނަން އަށް ޖުމްލަ 62 ގޯލު ޖަހައިފައެވެ. ބޮރުޝިއާ ޑޯޓްމަންޑަށް 103 ގޯލު ޖަހައިިދިންއިރު، ބަޔާނަށް 344 ގޯލު ޖަހައިދިނެވެ. ބާސެލޯނާ އަށް މިހާތަނަށް 16 ގޯލު ކާމިޔާބު ކޮށްދީފައިވާއިރު، ޕޮލެންޑްގެ ގައުމީ ޓީމަށް 76 ގޯލު ވަނީ ޖަހައިފައެވެ.
މި މޮޅާއެކު ބާސާ އޮތީ ޖުމުލަ 25 ޕޮއިންޓާއެކު ލީގުގެ ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި ރެއާލް މެޑްރިޑް އޮތީ ޖުމުލަ 28 ޕޮއިންޓާއެކުގައެވެ. ވިޔަރެއާލް އޮތީ ޖުމުލަ 15 ޕޮއިންޓާއެކު ތާވަލުގެ ނުވަ ވަނައިގައެވެ.