ސްޕެއިން ގައުމީ ޓީމަށް ކުޅެނިކޮށް ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް އަށް ލިބުނު އަނިޔާއާ ހެދި ރެއާލް މެޑްރިޑްގެ ކުރިއަށް އޮތް ތިން މެޗުން އޭނާއަށް ނުކުޅެވޭނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.
ރާމޯސްގެ ފަލަމަސްގަނޑަށް އަނިޔާވީ ސްޕެއިނުން 6-0 އިން ޖަރުމަނު އަތުން ނޭޝަންސް ލީގުގައި މޮޅުވި މެޗުގެ ފުރަތަމަ ހާފުގައެވެ. ރާމޯސް އަށް ލިބުނު އަނިޔާ ރަނގަޅަށް ދެނެގަތުމުން ކުރި ސްކޭން އިން އެނގުނީ އޭނާ އަށް އެނބުރި ކުޅުމަށް އާދެވޭނީ 10 ދުވަސް ފަހުން ކަމަށެވެ. އަނިޔާގެ ސަބަބުން ރެއާލްގެ ކުރިއަށް އޮތް ތިން މެޗުގައި ނުކުޅެވޭނެއެވެ. އެއީ ސްޕެނިޝް ލީގުގައި ވިޔަރެއާލް އާއި އަލަވޭސްއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ޗެމްޕިއަންސް ލީގުގައި ރަށުންބޭރުގައި އިންޓަ މިލާނާ ބައްދަލުކުރާ މެޗެވެ.
މި ހަފްތާގައި ރެއާލުން ރަށުން ބޭރުގައި ވިޔަރެއާލްއާ ދެކޮޅަށް ކުޅޭއިރު ރާމޯސްގެ އިތުރުން ރަފައެލް ވަރާން އަށް ވެސް އެ މެޗުގައި ނުކުޅެވޭނެ އެވެ. ވަރާންގެ ކޮނޑަށް ލިބުނު އަނިޔާ އިން އޭނާ އަދި އެއްކޮށް ރަނގަޅެއްނުވެ އެވެ. މެޗާއި ކުރިމަތިލާއިރު ވިޔަރެއާލް ލީގުގެ ދެވަނައިގަ އޮތީ 18 ޕޮއިންޓާއެކުއެވެ. ވިޔަރެއާލްއަށް ވުރެ އެއްމެޗު މަދުން ކުޅެގެން މެޑްރިޑް ހަތަރުވަނައިގަ އޮތީ 16 ޕޮއިންޓާއެކުއެވެ.