ދެންވެސް ވައުދުވެ، ވައުދު ފުއްދާނީ ރައީސް ޔާމީން: ޕީޕީއެމް

ދެންވެސް ވައުދުވެ، ވައުދު ފުއްދާނީ ރައީސް ޔާމީން: ޕީޕީއެމް

Author
މުޙައްމަދު ޝަޒައިމް
21 އޮކްޓޯބަރ 2022 11:15
0

މިސަރުކާރަކީ ވެފައިވާ ވައުދުތައް ފުއްދޭނެ ސަރުކާރެއް ނޫންކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ވައުދުވެ ވައިދު ފުއްދާނީވެސް ޕީޕީއެމްގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންކަމަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހިނާ މިހެން ވިދާޅުވީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން ރައީސް ޔާމީން ވަމުންދާ ބައެއް ވައުދުތަކާއި ގުޅޭގޮތުން ދެއްކެވި ވާހަތަކަށް އިޝާރާތް ކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ. އިއްޔެ ރައީސް އޮފީހުގައި ވާހަކަ ދައްކަވަމުން މިއުވާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ މިދައުރު ނިމޭއިރު އަސާސީގޮތުން ޤާއިމްކޮށްދޭންޖެހޭ ހިދުމަތެއް ނޯންނާނެކަމަށެވެ.

މިއުވާންގެ ވާހަކަތަކާއި ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ތަރުޖަމާން ހީނާ ވިދާޅުވީ ރައީސް ޔާމީން މިޤައުމުގެ ތަރައްޤީއަށް ބިނާކޮށްދެއްވި ބޮޑެތި ބިނާތައް ރަހުނުކޮށް، ބޮޑެތި ލޯނުތައް ނަގައިގެން މިސަރުކާރުން ތަރައްޤީގެ ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭކަމަށެވެ. މިހާރުވެސް މިސަރުކާރުން ރިބަންފަށް ކަނޑަމުންދާ ބިޔަ މަޝްރޫއުތަކަކީ ރައީސް ޔާމީންގެ ދުރު ވިސްނުމާއިއެކު ފެއްޓެވި މަޝްރޫޢުތަކެއްކަންވެސް ނޭގޭކަމީ ހައިރާންވާ ކަމެއްކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ މިސަރުކާރަކީ ވައުދުވެ އެވައުދުތައް ފުއްދަން ނޭގޭ ސަރުކާރަކަށް ވީނަމަވެސް ރައީސް ޔާމީނަކީ ރައްޔިތުންނަށް ބޭނުންވާ ކަންކަމުގެ ވައުދުވެ އެކަންކަން ފުއްދަވާ ދެއްވާނެކަމުގެ ޔަގީންކަމާއި އިތުބާރު ހޯއްދަވާފައިވާ ރައީސެއްކަމަށެވެ.

ރައީސް ޔާމީން ބިނާކުރެއްވި ބޮޑެތި އިމާރާތްތައް ރަހުނުކޮށް ލޯނު ނަގައިގެންތިބެ، އެއްއަތުން ރައީސް ޔާމީން ފެއްޓެވި މަޝްރޫޢުތަކުގެ ރިބަންފަށް ކަނޑަމުން، އަނެއްއަތުން މައިކު ހިފައިގެން ރައީސް ޔާމީން ވައުދުވާނެ ކަމެއްނެތޭ ކީމަ އަންނަނީ ހިނި. ދެންވެސް ވައުދުވެ ވައުދު ފުއްދޭނީ ރައީސް ޔާމީނަށް.

– ހީނާ ވިދާޅުވިއެވެ.

މިސަރުކާރު ވެރިކަމަށް ވަޑައިގެންފަހުން އިފްތިތާހު ކޮށްދެއްވި ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި ރައީސް ޔާމީންގެ ވެރިކަމުގައި ފެއްޓެވި މަޝްރޫޢުތައް ހިމެނެއެވެ. އޭގެ ތެރޭގައި ފްލެޓްތަކާއި، ވީއައިއޭގެ ޓާމިނަލްއާއި، ރަންވޭފަދަ މަޝްރޫޢުތައް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.