ޒަޔާންގެ މަރުގެ މައްސަލާގައި ހިމެނޭ ބޮޑެތި މީހުންނަށް ދައުވާ ކުރުނަށް އަންނަ ހަފްތާގައި ފޮނުވާނެ: ފުލުހުން

ޒަޔާންގެ މަރުގެ މައްސަލާގައި ހިމެނޭ ބޮޑެތި މީހުންނަށް ދައުވާ ކުރުނަށް އަންނަ ހަފްތާގައި ފޮނުވާނެ: ފުލުހުން

Author
ހުސެއިން
19 އޮކްޓޯބަރ 2022 07:58
0

ފާއިތުވެދިޔަ މޭމަހުގެ 31ވަނަ ދުވަހުގެ ރޭ ތޫނު ހަތިޔާރުން ހަމަލާދިނުމުގެ ސަބަބުން އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލިގައި ފަރުވާ ދެމުންދަނިކޮށް، ޖޫންމަހުގެ 2 ވަނަ ދުވަހު މަރުވެފައިވާ އައްޑޫ ފޭދޫ ސޮލިޑް މުހައްމަދު ޒަޔާން މޫސާގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ބޮޑެތި މީހުންގެ ތަހުގީގު ނިންމާ އަންނަ ހަފްތާގައި ދައުވާކުރުމަށް ފޮނުވާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ޖޫންމަހުގެ 2 ވަނަ ދުވަހު ވަޅިން ހަމަލާދިނުމުގެ ސަބަބުން މަރުވި ޒަޔާންގެ މަރުގެ މައްސަލާގައި ފުލުހުން ހިންގާފައިވާ ތަހުގީގު މައުލޫމާތުތައް ހާމަ ކުރައްވަމުން، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެތު އެންޑް ހޯމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ މިމައްސަލާގައި ހަތަރު ކުޑަކުދިން ހިމެނޭ ގޮތުން 11 މީހަކުވަނީ ހައްޔަރު ކޮށްފައި ވާކަމުގައެވެ.

އޭގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ މައްސަލަށް ޖުވެނައިލް ކޯޓަށް ވަނީ ހުށަހަޅާފައެވެ. މީގެތެރެއިން ދެކުއްޖަކު ކުށަށް އިއުތިރާފް ވެފައިވާއިރު އޭގެ ތެރެއިން އެއް ކުއްޖެއްގެ މައްޗަށް ކޮށްފައިވަނީ ތޫނު ހަތިޔާރުން ހަމަލާދީ ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ. އަނެއް ތިން ކުދިންނަށް ދައުވާ ކޮށްފައި ވަނީ ގަސްތުގައި މީހަކު މެރުމުގައި ބައިވެރި ވުމުގެ ދައުވާއެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވެފައިވަނީ ޒަޔާނަށް ހަމަލާދިން ސަރަހައްދުން ފެނިފައިވާ ބައެއް ހެކިތަކުންނާއި ތަކެތިން، މިމައްސަލާގައި ހައްޔަރު ކުރެވުނު އެކެއްގެ ޑީއެންއޭ ދިވާކަމަށާއި އަދި 6 މީހަކު ހެކި ނައްތާލުމަށް މަސައްކަތް ކޮށްފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ހިމެނެނީ 15 އަހަރާއި 19 ދެމެދުގެ މީހުންކަމުގައިވެސް ސާމިހު ވިދާޅުވެފައި ވެއެވެ.

ފުލުހުން ވިދާޅުވެފައިވަނީ ޒަޔާންގެ މަރަކީ އައްޑުއަތޮޅު ފޭދޫގެ ދެ ގޭންގެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި ބަދަލު ހިފުމުގެ ގޮތުން ދުރާލާ ރޭވިގެން ދީފައިވާ ހަމަލާއެއް ކަމުގައެވެ.

ޒަޔާންގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ބޮޑެތި މީހުން:

އަބްދުﷲ ނިޒާރު، ސ. ފޭދޭ/ ކާމަރަނގަގެ، 28އ.
އަބްދުﷲ ރަޝީދު، ސ.ފޭދޫ/ ދިރިމާގޭ، 22އ.
އައިލިޝް އަލީ، ސ. ފޭދޫ/ ފުފޫމާގޭ 29އ.
އަހުމަދު ނަބީލް، ސ. ފޭދޫ/ ސަންޝައިން، 32އ.
އަހުމަދު ޝުޖާއު، ސ.ފޭދޫ/ ދިރިމާގޭ، 24އ.
ޔައިޝް އަންވަރު، ސ.ފޭދޫ/ ކަދުރުމާގެ، 19އ.
އަހުމަދު އަބްދުﷲ، ސ. ފޭދޫ/ ކަރަންފޫގެ، 25އ.

ޒަނާންއަށް ތޫނު އެއްޗަަކުން ޒަޔާންއަށް ހަމަލާދީފައިވަނީ މިއަހަރުގެ މޭމަހުގެ 31 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ މަރުވެފައިވަނީ ލިބުނު އަނިޔާތަކަށް އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އޭގެ ދެދުވަސްފަހުން ޖޫންމަހުގެ 2 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.