މެލޭޝިޔާގައި ބާއްވާ ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލް ކުރާ ދަރިވަރު ފުރައިފި

މެލޭޝިޔާގައި ބާއްވާ ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލް ކުރާ ދަރިވަރު ފުރައިފި

Author
މުޙައްމަދު ޝަޒައިމް
18 އޮކްޓޯބަރ 2022 09:02
0

“62 ވަނަ އިންޓަރނޭޝަނަލް އަލް-ޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒިން އެސެމްބްލީ 2022” ޤުރްއާން މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލްކުރުމަށް ހަމަޖެހިފައިވާ ދަރިވަރާއި ބެލެނިވެރިޔާ މެލޭޝިޔާއަށް ފުރައިފިއެވެ.

ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ މި މުބާރާތުގައި ބައިވެރިވުމަށް، ދަރިވަރަކު ހޮވާފައިވަނީ މިކަމަށް ޚާއްސަ އޮޑިޝަނެއް ބާއްވާ، އެ އޮޑިޝަނުން ހޮވުނު ދަރިވަރެވެ. މި މުބާރާތަށް ހޮވިފައިވަނީ ކަލާފާނު ސްކޫލުގެ ދަރިވަރެއް ކަމުގައިވާ އާއިޝަތު ލީސް އަޢުރަފް ފާރޫޤެވެ. މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ މި ދަރިވަރާ ބައްދަލުކުރައްވާ ހިތްވަރުދެއްވާފައެވެ.

މެލޭޝިއާ ސަރުކާރުން އިންތިޒާމްކުރައްވައިގެން މި އޮކްޓޫބަރު މަހުގެ 17 އިން 22 އަށް ކުއަލަލަންޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ އުމުރުން 15 އަހަރުގެ އާއިޝަތު ލީސް އަޢުރަފް ފާރޫޤަކީ މުބާރާތުގައި ބައިވެރިވާ އެންމެ ހަނގު ދަރިވަރުކަމަށް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވިއެވެ.

މި ދަރިވަރު މުބާރާތަށް ރާއްޖޭގެ ފަރާތުން ހޮވިފައިވަނީ މެލޭޝިއާއިން މި މުބާރާތް އިންތިޒާމުކުރައްވާ ފަރާތްތަކުން ކުރިއަށްގެންދިޔަ އޮޑިޝަނުންވެސް ކޮލިފައިވުމުންކަމަށް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވިއެވެ. އެ މަރުކަޒުން ކުރެއްވި މަސައްކަތުން ބެލެނެވެރިއާއިއެކު މި މުބާރާތަށް ދިޔުމަށް އާއިޝަތު ލީސް އަޢުރަފް ފާރޫޤަށް ފުރުސަތު ލިބިފައިވާއިރު މިއީ ރާއްޖޭގެ ކޮންމެ ފަރާތަކަށްވެސް ލިބިދާނެ ފުރުސަތެއްކަން އެ މަރުކަޒުން ފާހަގަކުރައްވައެވެ. މިފަދަ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކުރުމަށްޓައި ވީހާވެސް ގިނަ ފަރާތްތަކުން މިފަދަ ފުރުސަތުތަކުގެ ބޭނުން ހިފުމަށް އެ މަރުކަޒުން އެދިލައްވައެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާތާ 20 ވަރަކަށް އަހަރު ވެފައިވާއިރު، ރާއްޖެއިން މި މުބާރާތުގައި ބައިވެރިވާ ދަރިވަރުން، ގަދަ 10 އަދި ގަދަ 5 ގައިވެސް ހިމެނޭކަން އެ މަރުކަޒުން ފާހަގަކުރައްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.