ރަޝިއާއިން ނިއުކުލިއަރ ހަތިޔާރުގެ ބޭނުން ކޮށްފިނަމަ ނޭޓޯއިން ރައްދު ހަމަލާ ދޭނެކަމުގެ އިންޒާރު ދީފި

ރަޝިއާއިން ނިއުކުލިއަރ ހަތިޔާރުގެ ބޭނުން ކޮށްފިނަމަ ނޭޓޯއިން ރައްދު ހަމަލާ ދޭނެކަމުގެ އިންޒާރު ދީފި

Author
ހުސެއިން
12 އޮކްޓޯބަރ 2022 08:15
0

މިހާރު ކުރިޔަށްދާ ޔޫކުރެއިން ހަނގުރާމާގައި ރަޝިއާއިން އެގައުމަށް ނިއުކުލިއަރ ހަމަލާ ދީފިނަމަ، ހަނގުރާމާއިގެ މިސްރާބު ބަދަލުވެ، ޔޫކުރެއިންއަށް އެހީތެރިވެދެމުންދާ ބާރުތަކުން ރަޝިއާއަށް ރައްދު ހަމަލާ ދޭން މަޖުބޫރު ވެގެންާދާނެކަމަށާއި އެފަދަ ހާލަތެއްގައި ރަޝިއާއަށް ރައްދު ހަމަލާ ދޭނީ ނޭޓޯއިން ކަމުގައި، އެ ޖަމިއްޔާގެ ސީނިއަރ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ނެޓޯގެ އޮފިޝަލަކު އިންޒާރު ދީފައިވާ ގޮތުގައި، ރަޝިއާއިން މި ހަގުރާމާގައި ނިއުކުލިއަރ ހަތިޔާރުގެ ބޭނުން ކޮށްފިނަމަ، "ރަޝިއާއިން ހީވެސް ނުކުރާފަދަ ބޮޑެތި ގޮންޖެހުންތަކާ" އެގައުމަށް ކުރިމަތި ލާން ޖެހޭނެއެވެ.

"އެފަދަ ހާލަތެއްގައި، ޔޫކުރެއިންއަށް އެހީތެރި ވެދެމުންދާ ބާރުތަކުން ރަޝިއާއަށް ރައްދު ހަމަލާ ދޭން މަޖުބޫރުވެގެން ދާނެ، އެންމެ އަކަށީގެންވަނީ ރައްދު ހަމަލާ ނޭޓޯއިން ދިނުން،" އޮފިޝަލް ވިދާޅުވެފައި ވެއެވެ.

އޮފިޝަލް ވިދާޅުވެފައިވާ ގޮތުގައި، ރަޝިއާއިން ނިއުކުލިއަރ ހަތިޔާރުގެ ބިރު ދައްކަމުން ދަނީ، ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް ނޭޓޯއާއި އަދި އެހެން ގައުމުތައް ވަނަ ނުދިނުމުގެ ގޮތުން ކަމުގައެވެ.

މިއަހަރުގެ ފެބްރުއަރީމަހުގެ 24 ވަނަ ދުވަހު ރަޝިއާއިން ޔޫކުރެއަށް އުދުވާނީ ހަމަލާ ދޭންފެށީ، ދުނިޔޭގަ އޮތް އެންމެ ވަރުގަދަ އަދި އެންމެ ބޮޑު އެއް އަސްކަރިއްޔާއިން، ޖެހިގެން އޮތް އަވައްޓެރި ގައުމު ހިފާ، އެގައުމުގެ ސަރުކާރު ބަދަލުކޮށް، މަދު ހަފްތާތަކެއްގެ ތެރޭގައި އެގައުމުގައި ގޮޑިކޮއްކޮ ސަރުކާރެއް ގާއިމްކުރުމުގެ މަގުސަދުގައެވެ.

އަދި ޔޫކުރެއިންއަށް އެރުމަށް އަސްކަރިއްޔާއަށް އަަމުރު ކުރުމަށްފަހު، ރަޝިއާގެ ރައީސް ލާޑިމިރް ޕުޓިން ދުނިޔެއަށް ދިން އިންޒާރަކީ، މި ހަގުރާމާއިގެ ތެރެއަށް ބޭރުގެ އެއްވެސް ގައުމަކުން ވަދެގެންފިނަމަ، ހީވެސް ނުކުރާވަރުގެ ރައްދެއް ރަޝިއާއިން އެގައުމަކަށް ދޭނެ ކަމުގައެވެ.

ފަނާކުރަނިވި ނިއުކުލިއަރ ހަތިޔާރުން ގައުމުތަކަށް ބިރު ދައްކަމުން، ޔޫކުރެއިން ހިފުމަށް ރަޝިއާއިން ފެށި ހަގުރާމައަށް 7 މަސް ފާއިތުވެގެން ދިޔައިރު ފެންނާން އޮތް ނަތީޖާއަކީ، ގެއްލުން ބޮޑު މިހަގުރާމާގައި ރަޝިއާ ބަލިވަމުން ދިއުމެވެ. ހަގުރާމާއިގެ ކުރީ ކޮޅުގައި ރަޝިއާގެ ބާރުގެދަށަށް ގެނައިން ގިނަ ސަރަހައްދުތައްވެސް، ޔޫކުރެއިންއިން ފާއިތުވެދިޔަ ހަފްތާތަކުގައި ފެށި ރައްދު ހަމަލާތަކުގައި (ކައުންޓަރ އެޓޭކްތަކުގައި) ދަނީ މިނިވަން ކުރަމުންނެވެ.

ހުޅަނގުގެ ގައުމުތަކުން ފޯރުކޮށްދެމުންދާ ހަތިޔާރާއި، އިންޓެލިޖެންސް (ޖާސޫސީ މައުލުމާތު)ގެ އެހީތެރިކަމާއެކު، ރަޝިއާގެ ވަރުގަދަ އަސްކަރިއްޔާގެ މައްޗަށް ޔޫކުރެއިންއިން ހޯދަމުންދާ ބޮޑެތި ކާމިޔާބީތަކުގެ ނަތީޖާއަކަށް ވެގެން ދިޔައީ، ކުއްލި ގޮތަކަށް، ހިފާފާއިވާ ޔޫކުރެއިންގެ 4 ސަރަހައްދެއް އެއީ ރަޝިއާގެ ބައެއް ކަމުގައި ކަނޑައެޅުމަށް ޕުޓިން ނިންމެވުމެވެ. އެއާއެކު، ޕުޓިން ދިން އިންޒާރަކީ، ރަޝިއާގެ ސަރަހައްދުތައް އެގައުމުން ކޮންމެފަދަ އަގެއް ދައްކައިގެން ނަމަވެސް ހިމާޔަތް ކުރާނޭ ކަމުގެ އިންޒާރެވެ.

ރަޝިއާގެ ރައީސްގެ މި އިންޒާރާއެކު، އަދި ހަގުރާމާގައި ރަޝިއާ ބަލިވެ، ޕުޓިން އެކަހެރިވަމުންދާ ދިއުމުގެ ނަތީޖާއަކީ، މި ހަނގުރާމާއިގެ މިސްރާބު އަބުރާލުމަށްޓަކާ ރަޝިއާއިން ނިއުކުލިއަރ ހަތިރާރުގެ ބޭނުން ކުރުން ކަމުގައި އަސްކަރީ މާހިރުން ގެންދަވަނީ ވިދާޅު ވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.