ޔުއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑް ރޭ ކުޅުނު މެޗުން އެއްވަރުވި ނަމަވެސް މުބާރާތުގެ ނޮކްއައުޓް ބުރުން ޖާގަ ހޯދަައިފިއެވެ.
ސިޓީ އިން ޑެންމާކުގެ ކޯޕަންހޭގަންއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ ލަނޑެއް ނުޖެހި 0-0 އިންނެވެ. މެޗުގެ 11 ވަނަ މިނެޓުގައި ސިޓީން ލަނޑެއް ޖަހާ އުފާ ފާޅުކުރިއެވެ. ރޮޑްރީ ޖެހި ލަނޑު ވީއޭއާރުން ބެލުމަށްފަހު ބަލައިނުގަންނަން ނިންމީ އުފާ ފާޅުކުރި ފަހުންނެވެ. އޭގެފަހުން 25 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ވެސް ސިޓީއަށް ކާމިޔާބެއް ނުކުރެވުނެވެ.
އޭރިޔާ ތެރެއިން ކޯޕަންހޭގަންގެ ޑިފެންޑަރު ނިކޮލާއީ އަތުގައި ޖެހުމުން ދިން ޕެނަލްޓީ ރިޔާދު މާރޭޒް ޖެހުމުން ކީޕަރު ދިފާއުކުރީއެވެ. މާރޭޒް އެންމެފަހުން ޖެހި ތިން ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. ސިޓީއަށް އިތުރު މައްސަލަތައް ކުރިމަތިވީ 30 ވަނަ މިނެޓުގައި ސާޖިއޯ ގޮމޭޒްކުރި ފައުލަކަށް ސީދާ ރަތް ކާޑު ދެއްކުމުންނެވެ. ރެފްރީ ރަތް ކާޑު ދެއްކީ އަރިމަތީގައި ހުރި ސްކްރީނުން ވީޑިއޯ ބެލުމަށްފަހުއެވެ.
މެޗުން މޮޅުނުވިޔަސް ސިޓީ ދެވަނަ ބުރަށް ދަތުރުކުރީ އަންގާރަ ދުވަހުގެރޭ ދަންވަރު މިގްރޫޕްގައި ސެވިއްޔާއާއި ޑޯޓްމަންޑް އެއްވަރުވުމުންނެވެ. މެޗުން މޮޅުވެގެން ޑޯޓްމަންޑަށް ދެވަނަ ބުރު ޔަޤީންކުރެވެން އޮތެވެ. މިހާރު ދެވަނަ ބުރު ޔަޤީންކުރަން ޑޯޓްމަންޑް ބޭނުންވަނީ ދެ މެޗުން ޕޮއިންޓެކެވެ. ޑޯޓްމަންޑާއި ސެވިއްޔާ ވާދަކުރި މެޗު އެއްވަރުވީ 1-1 ނެވެ. މެޗުގައި ވެސް ޑޯޓްމަންޑަށް ލަނޑު ޖަހައިދިނީ ބެލިންގހަމްއެވެ. މިއީ މިސީޒަންގައި މިމުބާރާތުގައި އޭނާގެ ހަތަރު ވަނަ ލަނޑެވެ. ސެވިއްޔާއިން ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ ނިއަންޒޯ ޖެހި ލަނޑުންނެވެ.
ސިޓީ ދެ މެޗު ބާކީ އޮއްވާ ދެވަނަ ބުރު ޔަޤީންކުރީ ހަތަރު މެޗުން 10 ޕޮއިންޓު ހޯދައިގެންނެވެ.