އިތުރު ވަގުތުގައި އެންޓޯނިއޯ ރުޑިގާ ޖެހި ލަނޑުން, ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަަ ބުރުން ޗެމްޕިއަން ރެއާލް މެޑްރިޑް ޖާގަ ޔަޤީންކޮށްފިއެވެ.
ޝަހުތަރު ޑޮނެސްކް އަތުން 1-0 ން ބަލިވާން ދަނިކޮށް, ޑިފެންޑަރު ރުޑިގާ އިތުރު ވަގުތުގައި ފުންމައިގެން އަރާ ބޮލުން ޖެހި ލަނޑުން ނަތީޖާ ހަމަހަމަވެ, ރެއާލްއަށް ވަނީ ގަދަ ސޯޅަ ޓީމްގެ ތެރެއިން ޖާގައެއް ޔަޤީންވެފައެވެ. ލަނޑުޖަހަން ފުންމައިގެން އެރިވަގުތު ކީޕަރާ ޖެހި ރުޑިގާ ދަނޑުން ފޭބީ ގިނަ އަދަދެއްގެ ލެޔާއެކުއެވެ. ރުޑިގާ ގޯލް ޖެހީ ޓޯނީ ކްރޫޒް ނެގި ހުރަސް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. ޔުކްރެއިންގެ ޝަހުތަރު ޑޮނެސްކްގެ ދަނޑުގައި ކުޅުނު މެޗުގައި އެޓީމުން ކުރި ހޯދީ ދެވަނަ ހާފް ފަށައިގެން ދެވަނަ މިނެޓުގައި ޒުބްކޯވް ޖެހި ލަނޑުންނެވެ.
ރެއާލް ރޭގެ މެޗަށް ނުކުތްއިރު މޮޅަކާ އެކު އަނެއް ބުރު ޔަގީން ކުރެވެން އޮތެވެ. އެކަމަކު، އެއްވަރުވެގެން ވެސް އަނެއް ބުރު ޔަގީންވީ ރޭ މި ގްރޫޕްގެ އަނެއް މެޗުގައި އާރްބީ ލައިޕްޒިގުން 2-0 އިން ސެލްޓިކް ބަލިކުރުމުންނެވެ.
ރެއާލް މި ވަގުތު ގްރޫޕް އެފްގެ އެއް ވަނައިގައި އޮތީ ހަތަރު މެޗުން 10 ޕޮއިންޓާ އެކުއެވެ. ދެ ވަނައިގައި އޮތް ލައިޕްޒިގަށް ވަނީ ހަތަރު މެޗުން ހަ ޕޮއިންޓް ލިބިފައެވެ. ތިން ވަނައިގައި އޮތް ޝަހުތަރު ޑޮނެސްކްގެ ހަތަރު މެޗުން ފަސް ޕޮއިންޓް އެބައޮތެވެ. ހަތަރު މެޗުން ޕޮއިންޓެއް ލިބި އެންމެ ފުލުގައި އޮތް ސެލްޓިކް ވަނީ ކަޓައިފައެވެ.