ބޮލީވުޑްގެ މަޝްހޫރު އެކްޓަރ އަޖޭ ދޭވްގަންގެ ނުނެރެވި ލަސްވަމުންދާ ފިލްމު "މައިދާން" އަށް އަނެއްކާ ވެސް އައު ތާރީހެއް ލިބިއްޖެއެވެ.
އަޖޭގެ ކެރިއަރަށް އިތުރު ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ފިލްމަކަށް މި ފިލްމު ވާނެކަމަށް ފިލްމުގެ ޕްރޮޑިއުސަރު ބޯނީ ކަޕޫރު ގަބޫލު ކުރާ ފިލްމު ނެރުން މިހާ ލަސްވެގެން ދިޔައީ ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުންނެވެ.
އިންޑިއާ ފުޓްބޯޅައިގެ ރަން ދުވަސްވަރު (1952-1962) ގައި ކޯޗުކަން ކޮށްދިން ސައިދު ޢަބްދުއްރަޙީމްގެ ޙަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ “މައިދާން” ގައި ސައިދުގެ ރޯލުން ފެނިގެންދާނީ އަޖޭއެވެ. އިތުރު މުހިންމު ރޯލުތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ދެކުނު އިންޑިއާގެ ބަތަލާ ޕްރިޔަމާނީ، ރުދްރަނިލް ގޯޝް އަދި ގަޖްރާޖް ރާއޯ ހިމެނެއެވެ.
ފިލްމުގެ ޑައިރެކްޓަރަކީ 2018 ގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބަދާއީ ހޯ" ގެނެސްދިން އަމިތު ޝަރުމާ އެވެ.
މިދިޔަ ޖޫން މަހު ރިލީޒްކުރަން ކުރިން ތާވަލުކުރި "މައިދާން" މިހާރު ރިލީޒްކުރަން ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު 17 އަށެވެ. ހިންދީ، ތަމަޅަ، ތެލުގޫ އަދި މަލަޔާލަމް ބަހުން ފިލްމު ގެނެސްދިނުމަށް ވަނީ ނިންމާފައެވެ.
ކޮމެންޓު ފޮނުވާ