ދިވެހިރާއްޖެއަކީ 2008 ވަނަ އަހަރު ބަލައިގަތް އާ ގާނޫނު އަސާސީއާއެކު، އެ ގާނޫނު އަސާސީގެ ޒަރީއާއިން ޒަމާނީ ޑީމކްރަސީއެއްވެސް ބަލައިގެންފައިވާ ގައުމެކެވެ.
އެއަށްފަހު، ގާނޫނު އަސާސީން ތައާރަފް ކޮށްދިން އާ ނިޒާމުގެ ތެރެއިން ތިންބާރު ވަކިވެފައި އޮތް ޑިމޮކްރަޓިކް ނިޒާމެއް ދިވެހިރާއްޖޭގައި ގާއިމްވެގެން ދިޔަނަމަވެސް، ދިވެހިރާއްޖެ ވެގެން ގޮސްފައިވަނީ ގެނެވެނު ޑިމޮކަރަޓިކް ބަދަލުތަކާ އެއްވެރުގެ ކުރިއެރުންތަކެއް ތަރައްގީއާއި ތަމައްދުނުގެ ރޮގުން ނުހޯދި، ތަރައްގީއަށް އެތެރެއާއި ބޭރުން ބޮޑެތި ގޮންޖެހި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ގައުމެއްގެ ގޮތުގައެވެ.
ފާއިތުވެދިޔަ 15 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އައި ކޮންމެ ސަރުކާރަކުންވެސް އެކަށައެޅިފައިވާ މެނިފެސްޓޯއަކާއެކީ ވެރިކަމަށްއައިސް، ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް ތަންފީޒު ކުރުމަށް މަސައްކަތް ކުރިނަމަވެސް، ދިވެހިރާއްޖެ ފާހަގަވެގެން ގޮސްފައިވަނީ، ކުރެވޭ ހޭދަތަކާ އެއްވަރުގެ ތަރައްގީ ފެންނަމުން ނުދާ ގައުމެއްގެ ގޮތުގައިވެސް މެއެވެ.
މި ގޮތުން ބަލާއިރު، ފާއިތުވެދިޔަ ތަނުގައި، ޑިމޮކްރަސީގެ ނަމުގައި ރާއްޖެއަށް އައިސްފައިވާ ކުރިއެރުންތަކުގެ ގޮތުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ލިބިގެން ގޮސްފައިވާ ހައްގުތަކާއި، އަދި އޭގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ދައުރު ފުޅާވެގެން ގޮސްފައިވާ މިންވަރަށް ރަގަޅެއް ނަޒަރެއް ހިންގާލާއިރު، މި ދެންނެވުނު ކަންކަމުގެ ޒަރީއާއިން ގައުމަށް ހަގީގަތުގައިވެސް ލިބިގެން ގޮސްފައިވަނީ ކުރިއެރުމާއި، ތަރައްގީއާއި ތަމައްދުނުތޯ މިއީ މިއަދު ކޮށްލާން ޖެހިފައިވާ ވަރަށްވެސް މުހިންމު ސުވާލެކެވެ.
ސަބަބަކީ، ފާއިތުވެދިޔަ މުއްދަތުގައި ލިބިގެން ގޮސްފައިވާ ކަމަމަށް ސިޔާސީ ފަރާތްތަކުން ވަކާލާތު ކުރާ އިސްވެ ދެންނެވުނު ކުރިއެރުންތަކާއެކުވެެސް، ރައްޔިތުންގެ ޖީބުތައް ތަނަވަސްވެގެން ގޮސްފައި ނުވުމެވެ. ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލެވިފައި ނުވުމެވެ. ބޭރާއި އެތެރޭގެ ދަރަނި އިތުރުވެ، ގައުމުގެ އިގްތިސާދީ ހާލަތު ނާޒުކު ފައްތަރެއްގައި އޮތުމުގެ އިތުރުން، ގައުމުގެ އިޖުތިމާއީ ފޭރާން ބަލިކަށިވެ، ދިވެހިންގެ އެންމެ ވަރުގަދަ ވަހުދަތެއްގެ ގޮތުގައި އޮތް ދީނީ އެއްބައިވަންތަކަމަށް މިއަދު ބުރޫއަރާ، ގައުމިއްޔަތުގެ ބިންގާ ފުނޑުފުނޑުވެގެން ދިއުމުގެ ނުރައްކާ ގައުމަށް ކުރިމަތި ވެފައި ވުމެވެ.

ދުނިޔޭގެ ގައުމުތައް ތަރައްގީވެގެން އައީ ކިހިނެއް؟
އެބައެއްގެ ދިރިއުޅުމާއި ވައްޓަފާޅިއަކީ ކިތަންމެ ނުރަގަޅު ވައްޓަފާޅިއެއްގެ ގޮތުގައި އަޅުގަޑުމެންނަށް ސިފަ ކުރެވުނު ނަމަވެސް، މިއަދުގެ ހަގީގަތަކީ، ތަރައްގީއާއި ތަމައްދުނުގެ ރޮގުން މިއަދު އެންމެ ކުރިއަރާފައިވާ ގައުމުތަކަކީ ހުޅަނގުގެ ގައުމުތައް ކަމެވެ. އެއީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ އިގްތިސާދުތައްވެސް މެއެވެ.
ދުނިޔޭގައި މިވަގުތޮ އޮތް އެންމެ ކުރިއަރާފައިވާ، ނުވަތަ އެއްމެ ވަރުގަދަ އިގުތިސާދެއް އޮތް ތިން ގައުމަކީ އެމެރިކާ، ޗައިނާ އަދި ޖަޕާންއެވެ. އެމެރިކާއަކީ މުޅި ދުނިޔޭގެ އިގްތިސާދުގެ 23.93 އިންސައްތަ ހިއްސާކުރާ ގައުމަކަށް ވާއިރު، ޗައިނާއަކީ މުޅި ދުނިޔޭގެ އިގްތިސާދުގެ 18.45 އިންސައްތަ ހިއްސާކުރާ ގައުމެވެ. އަދި ޖަޕާނަކީ މުޅި ދުނިޔޭގެ އިގްތިސާދުގެ 5.14 އިންސައްތަ ހިއްސާކުރާ ގައުމެވެ. ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު އިގްތިސާދެއް އޮތީ ޖަރމަނީގައެވެ. އަގައުމުގެ އިގްތިސާދަކީ މުޅި ދުނިޔޭގެ އިގްތިސާދުގެ 4.39 އިންސައްތަ ހިއްސާއެއް އޮތް އިގްތިސާދެކެވެ.
ހަމައެއާއެކު ފާހަގަ ކޮށްލާންޖެހޭ ނުކުތާއަކީ، މިއީ ބޮޑެތި އާބާދީތައް އޮތް ގައުމުތައްކަންވެސް މެއެވެ. އަދި މިއީ އަރަބި ގައުމުތަކުގައި އޮތް ފަދަ، ތެލާއި މައުދަނާއި އަދި އެނޫނަސް އެފަދަ ގުދުރަތީ ވަސީލަތްތަކުގެ މައްޗަށް ބިނާވެފައި އޮތް އިގުތިސާދުތަކެއް އޮތް ގައުމުތަކެއް ނޫންކަންވެސް މި ފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

މީގެ ދިރިހުރި އެއް މިސާލެއްގެ ގޮތުގައި ފެންނާން އޮތް އެއް ގައުމަކީ ޖަޕާނެވެ.
އެގައުމަކީ ހުރިހާ ބާވަތެއްގެ ގުދުރަތީ ކާރިސާތައް ތާއަބަދު އައިއައިސް އޮންނަ ގައުމެކެވެ. ޖަޕާނަކީ އަހަރު 1،500 ބިންހެލުން އަންނަ ގައުމަކަށް ވާއިރު، ބިންހެލުންތަކުގެ ސަބަބުން ސުނާމީތަކުގެ އިންޒާރު ކޮންމެ އަހަރަކުވެސް އެތައް ފަހަރަކު އެގައުމުގައި އާންމު ކުރާން ޖެހެއެވެ. އޭގެ އިތުން ބޮޑެތި ތޫފާންތަކާއި، ބިންގަޑު ކަނޑައިގެން ދިއުމާއި އަދި މިގެންގޮސް ގުދުރަތީ އެތައް ކާރިސާއަކުން ލިބޭ ގެއްލުންތަކުން ތާއަބަދު އަރައިގަންނަން ޖެހިފައި އޮތް ޖަޕާނަކީ އެގައުމުގެ ބިމުން ތެލާއި މައުދަންގެ އެއްވެސް ބާވަތެއް ލިބެންހުރި ގައުމެއްވެސް ނުމެ ނޫންމެއެވެ. އަދި އެގައުމަކީ ދަނޑުވެރިކަމަށްވެސް ރަގަޅު ބިމެއް އޮތް ގައުމެއް ނޫންކަންވެސް މި ފުރުސަތުގައި ފާހަގަ ކޮށްލާންޖެހެއެވެ.
އެހެންނަމަވެސް ޖަޕާނަކީ އަދުގެ ދުނިޔޭގައި އެންމެ ވަރުގަދަ އެއް އިގްތިސާދު އޮތް ގައުމެވެ. ތަރައްގީއާއި ތަމައްދުނުގެ ރޮގުން އެންމެ ކުރިއަރާފައިވާ އެއްގައުމުވެ. މުޅި ދުނިޔޭގައިވެސް އެންމެ ކެރިފޯރުންތެރި އާބާދީއެއް އޮތް ގައުމަކީވެސް އަދުގެ ދުނިޔޭގައި ޖަޕާންއެވެ. މިއީ، ދުނިޔޭގައި ގުދުރަތީ އެތައް ވަސީލަތެއް ލިބިފައި އޮތް، ތެލާއި މައުދަނާއި، ދަނޑިވެރިކަމާއި އަދި އެނޫނަސް މިފަދަ އެތައް ވަސީލަތަކެއް ހުރި، ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގެ މައްޗަށް، އަފަދަ އެއްވެސް ވަސީލަތެއް ނެތް ގައުމަކުން، ބައި ގަރުނެއްހާ މުއްދަތުގައި ހޯދާފައިވާ ކުރިއެރުމުގެ ވާހަކައެވެ.
ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އިގްތިސާދުތައް ކުރިއަރައިގެން ދިޔަ ގޮތުގެ މައްޗަށް މި ބީދައިން ނަޒަރެއް ހިންގާލާއިރު، މި ހުރިހާ ގައުމަކީވެސް ސިޔާސީ ގޮތުންނާއި ގައުމުތަކުގައި އޮތް ވެރިކަމުގެ ނިޒާމްތަކުގެ ގޮތުން ތަފާތުކަން ބޮޑު ގައުމުތަކަކަށް ވިނަމަވެސް، މި ހުރިހާ ގައުމުތަކުގައިވެސް އެއްގޮތްކަން ބޮޑު އެއް ސިފައެއްގެ ގޮތުގައި ފެންނާން ހުރީ މިގައުމުތަކުގައި އޮތް ސިޔާސީ ހަމަޖެހުމެވެ. ސުލްހަ މަސަލަސްކަމެވެ. ޚިޔާލު ފަތާތުވުންތަކަށް އެއްގޮތުން ނުވިއްޔާ އަނެއްގޮތަކުން ނަމަވެސް އެއްގޮތްކަން ގެނެސް، ސިޔާސީ ބައިބައިވުންތައް ގައުމުގެ ސުލްހަ މަސަލަސްކަމަށް ބުރޫ އަރާ ދަޖައަށް ހައްދުން ނައްޓައިގެން ނުދިއުމެވެ.
ޖަޕާނަކީ ބަރުލަމާނީ ނިޒާމެއް އޮތް ގައުމަކަށް ވާއިރު، ދުނިޔޭގެ ދެވަނަ ބޮޑު ހަގުރާމައަށްފަހު، 31 ބޮޑުވަޒީރަކު އެގައުމުގައި ބޮޑުވަޒީރުކަން ކޮށްފައިވެއެވެ. މީގެ ތެރެއިން 8 ބޮޑުވަޒީރުންނަކީ އަހަރަކަށްވުރެ މަދު ދުވަސްކޮޅަކު ބޮޑުވަޒީރުކަން ކުރެއްވި ބޮޑުވަޒީރުންނެވެ. މިގޮތުން ޖަޕާން ހިމެނިގެންދަނީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ސަރުކާރު ބަދަލުވާ އެއް ގައުމުގެ ގޮތުގައިވެސްމެއެވެ.

އެހެންނަމަވެސް، އާ ބޮޑުވަޒީރުން އިންތިޚާބު ކުރުމާއި، ދައުރުތައް ބަދަލު ވެގެން ދިއުމުގައި އެގައުމުގައި އެއްވެސް ހަމަނުޖެހުމެއް ސިޔާސީ ހަލަބޮލިކަމެއް ނެތެވެ. ވެރިކަމުގެ ދައުރުތައް ބަދަލު ވަމުން ގޮސްފައިވަނީ ހަމަހިމޭން ކަމާއެކީއެވެ. އެއް ސަރުކާރަކުން ފަށާ ތަރައްގީ އަންނަ ސަރުކާރަކުން ދަމަހައްޓަމުންނެވެ.
ހަމަ އެފަދައިން އެމެރިކާ މިއަދު ފެންނާން އޮތީ، ވެރިކަމުގެ ނިޒާމު އެންމެ ހަރުދަނާ އެއް ގައުމުގެ ގޮތުގެ ގޮތުގައެވެ. ސިޔާސީ ހަލަބޮލިކަން ސިޔާސީ މަސްރަހުގައި އޮތް ނަމަވެސް، މުވައްސަސާތައް ވަރުގަދަ، ސިޔާސީ ގޮތުން ހަމަޖެހުން އޮތް ގައުމެއްގެ ގޮތުގައެވެ. ޖާރމަނީ އަދި ޗައިނާ ފަދަ ގައުމުތަކަކީވެސް ސިޔާސީ ހަމަނުޖެހުމެއް ނެތް، ސިޔާސީ ގޮތުން ހަލަބޮލިކަން ނެތް، ގައުމުތަކުގެ ގޮތުގައި އަދުގެ ދުނިޔޭގައި ފާހަގަވާން އޮތް ދެގައުމެވެ.
ސިޔާސީ ހަލަބޮލިކަން ނައްތާ ނުލެވި، ހަމަޖެހުމެއް ނާންނާނެ!
ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތައް އެއް ގައުމު އަނެއް ގައުމާއި އެތައް ގޮތަކުން އަޅާ ކިޔެން އޮތްނަމަވެސް، ގައުމުތައް ތަރައްގީއާއި ތަމައްދުނުގެ ރޮގުން ކުރިއަރާ ދިއުމުގައި އެއްގޮތްކަން ހުރިކަންކަން ހުރިކަން މިއީ ވަރަށްވެސް ސާފުކޮށް ފެންނާން އޮތް ހަގީގަތެކެވެ.
އެއާއި ޚިލާފަށް ދިވެހިރާއްޖެފަދަ، ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގައި، ގުދުރަތީ ވަސީލަތްތަކެއްވެސް ނެތި، ބަލިކަށި އިގްތިސާދެއް އޮވެފަ، ގައުމުގެ އެތެރޭގައިވެސް ސިޔާސީ ހަމަޖެހުން މިވަނީ ނެތި ގޮސްފައެވެ. ސަރުކާރުތައް ބަދަލުވެގެން ދަނީ ބޮޑެތި ހައިޖާންތަކާ އެކީއެވެ.
އެއް ސަރުކާރަކަށް ފަހު، އަންނަ އަނެއް ސަރުކާރުން ކުރީ ސަރުކާރުގެ ތަރައްގީ ދެމެހެއްޓުމެއް ނެތެވެ. ގޯސްކޮށް ހިނގާ ކަންކަމުގެ ހައްލު ހޯދުމުގެ ބަދަލުގައި އޮތީ ބަދުނާމު އެޅުވުމާއި، އަބަދުވެސް ކުރިން އޮން ސަރުކާރެއް ކުށްވެރި ކުރުމެވެ. އަދި އޭގެ ޒުވާބާއި ޖަޒްބާތުގައި، އާދައިގެން ނިކަމެރި ރައްޔިތު މީހާވެސްޖެހި، ފަރުދީ ފެންވަރުގައިވެސް ހާލަތު ބަދަލުކުރުމާމެދު ވިސްނާކަށް ޖާގައެއް ނެތެވެ.

ގައުމުގެ އިގްތިސާދުގެ މައްޗަށް އިންވެސްޓަރުންގެ އިތުބާރެއް ނެތެވެ. ގައުމުގައި އޮތް ސިޔާސީ ހަލަބޮލިކަމުގެ ނަތީޖާއެއްގެ ގޮތުން، ދެމެހެއްޓނިވި ގޮތެއްގައި ނަފާވެރި ވިޔަފާރިއެއް ކުރެވިދާނެކަމުގެ ޔަގީންކަން ނެތިގެން ދިޔައީއެވެ. ތަރައްގީއަށް ބޭނުންވާ ލޯނުތައް ހޯދުމާއި، ހޯދާންޖެހޭ މާލީ އެހީތެރިކަން ކަށަވަރު ކުރުމުގައި ގައުމަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތައް އިންތިހާއަށް ބޮޑެވެ.
އެހެންކަމުން މިހާލަތު ބަދަލުކޮށް، ތަރައްގީއާއި ތަމައްދުނުގެ ރޮގުގައި ކުރިއަރާދާން މިއަދު ރާއްޖެއަށް ހޯދާންޖެހިފައިވާ އެންމެ މުހިންމު ހައްލަކީ ހަގީގަތުގައިވެސް ސިޔާސީ ހަމަޖެހުމާއި އެއްބަައިވަންތަކަންކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.
ކޮމެންޓު ފޮނުވާ