އަމިއްލަ ދަނޑުގައި އިޓަލީގެ ޗެމްޕިއަން އޭސީ މިލާނާ ވާދަކޮށް 3-0 އިން މެޗު ކާމިޔާބު ކޮށްގެން، ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ، ޗެމްޕިއަންސް ލީގުގައި ފުރަތަމަ ފަހަރަށް މޮޅުވެއްޖެއެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއްް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ ވެސްލީ ފޮފާނާއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 56 ވަނަ މިނެޓްގައި ޖަހާދިނީ ޕިއޭ އެމެރިކް އައުބެމެޔާންގްއެވެ.
މިމެޗްގައި ޗެލްސީއިން ކާމިޔާބުކުރި ފަހު ލަނޑު މެޗްގެ 62 ވަނަ މިނެޓްގައި ޖަހާދިނީ ރީސް ޖޭމްސްއެވެ. މިމެޗްގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައެވެ. މިފަހަރުގެ މުބާރާތުގެ ފެށުން ޗެލްސީއަށް ގޯސްވި ނަމަވެސް މިހާރު ވަނީ އަލުން އެޓީމްގެ ކުޅުން ރަނގަޅުކޮށް ގްރޫޕްގެ ދެވަނައަށް އަރާފައެވެ.
ގްރޫޕް އީގެ އެއް ވަނައިގައި އޮތީ ރޭ ޑިނަމޯ ޒަގްރެބް އަތުން 1-0 އިން މޮޅުވެ، ތިން މެޗުން ފަސް ޕޮއިންޓް ހޯދި ސަލްޒްބާގްއެވެ. ދެ ވަނައިގައި ޗެލްސީ އޮތީ ތިން ވަނައިގައި އޮތް މިލާނާ އެއްވަރަށް ތިން މެޗުން ހަތަރު ޕޮއިންޓާ އެކުއެވެ. އެންމެ ފުލުގައި އޮތް ޒަގްރެބަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ.
ކޮމެންޓު ފޮނުވާ