މަސައްކަތުގެ ދާއިރާއިން ބޭރުންވެސް ވަކީލުން ކުރާ ކުށްތައް ބެލޭގޮތަށް ގާނޫނީ ފަންނުގެ ގާނޫނު އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ފާސް ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން މިއަދުވަނީ، މި ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކާއި އަދި އޭގެ އިތުރުން ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ހުށަހެޅުއްވި އިސްލާހުތައްވެސް ފާސް ކޮށްފައެވެ.
ގާނޫނީ ފަންނުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ތަކަކީ ދާއިރާއިން ބޭރުން ވަކީލުން ކުރާ ކުށްތައްވެސް ބެލޭގޮތަށް ގާނޫނަށް ބަދަލު ގެނައުމަށް ހުށަހަޅާފައިވާ އިސްލާހު ތަކެކެވެ.
ކޮމިޓީން މިއަދު ފާސްކުރި އިސްލާހުގައިވަނީ، ވަކީލުން ސުލޫކީ މިންގަޑާއި ޚިލާފް ވެއްޖެނަމަ، ނުވަތަ އެ ކުރި އަމަލަކީ އަދުލު އިންސާފުގެ ހަމަތަކާއި ޚިލާފް އަދި ގާނޫނީ ފަންނުގެ އިތުބާރު ގެއްލޭފަދަ އަމަލެއް ކަމުގައި ވެއްޖެނަމަ، މީހަކު އިސްވެ މައްސަލަ ހުށަނޭޅި ކަމުގައިވި ނަމަވެސް ބާކައުންސިލަށް އެފަދަ މައްސަލައެއް ބެލޭނެ ކަމަށެވެ. މި އިސްލާހު ކޮމިޓީން ފާސްކުރީ ކޮމިޓީގެ އަޢުލަބިއްޔަތުންނެވެ.
އަދި ބާ ކައުންސިލް ހިންގުމަށްޓަކާ ވަކީލުން އަތުން ފީ ނެގުމުގެ އިތުރުން ޖޫރިމާނާ ކުރުމުގެ ބާރު ބާ ކައުންސިލަށް ދިނުމަށްވެސް އިސްލާހު ގެނައުމަށް ފާސްކޮށްފައި ވެއެވެ.
މި ގާނޫނަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ހުށަހެޅުއްވި އިސްލާހަކީ ވަކީލުކަމުގެ ޚާއްސަ ހުއްދަ 2020 ވަނަ އަހަރު ދީފައިވާ ފަރާތްތަކުން ބާ އިމްތިހާނެއް އަލުން ހަދަންޖެހޭ ގޮތަށް ގާނޫނުގައި ކުރިން އޮތް ބައި އުވާލުމަށެވެ. މި އިސްލާހުވެސް ކޮމިޓީން މިއަދުވަނީ ފާސްކޮށްފަައެވެ.
ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނެސްފައިވަނީ، މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި، ގާނޫނީ ފަންނުގެ ގާނޫނު އޮތްގޮތުން ކަމަށްބުނެ އޭނާގެ މައްޗަށް އެއްވެސް ފިޔަވަޅެއް ނޭޅުމުގެ ސަބަބުން ބާ ކައުންސިލަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒު ވެފައި ވަނިކޮށެވެ.
ބާ ކައުންސިލުން ބުނެފައިވަނީ، މިހާރު ގާނޫނު އޮތްގޮތުން، ދާއިރާއިން ބޭރުން ގާނޫނީ ވަކީލުން ކުރާ ކުށްތަކަށް އެ ކައުންސިލަށް ފިޔަވަޅު އެޅުމުގެ ފުރުސަތެއް ނެތްކަމަށެވެ.
ކޮމެންޓު ފޮނުވާ