ނޭޝަންސް ލީގު ގްރޫޕް އޭ ފޯގައި ނެދަލަންޑްސް އާއި ބެލްޖިއަމް ބައްދަލުކުރި މެޗް ކާމިޔާބުކޮށް ނޭޝަންސް ލީގުގެ ފައިނަލް ބުރުން ނެދަލަންޑްސް ޖާގަ ހޯދައިފިއެވެ.
ނެދަލަންްޑްސް ގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ބެލްޖިއަމުން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ނެދަލަންޑްސް އިންނެވެ. މި މެޗަށް ނިކުތްއިރު ނެދަލަންޑްސްއިން ފައިނަލް ބުރަށް އަށް ދިއުމަށްޓަކައި ޖެހިފައިވީ މެޗުން ތިން ލަނޑުގެ ތަފާތަކުން ބަލިނުވުމެވެ. އެއީ މި ދެޓީމްގެ މެދުގައި ކުރިން ކުޅުނު މެޗް 4 ލަނޑު އެއްލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ނެދަލަންޑްސް ކާމިޔާބުކޮށްފައިވުމެވެ.
ޖޯހާން ކްރައިފް އެރީނާގައި ކުޅުނު މިމެޗްގައި ނެދަލަންޑްސްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 73 ވަނަ މިނެޓްގައި ޖަހާދިނީ ޑިފެންޑަރ ވަރޖިލް ވެން ޑައިކްއެވެ. މި ކާމިޔާބީއާއެކު ނެދަލަންޑްސްއިން ގްރޫޕް ނިންމާލީ އެއްވެސް އެއްޗަކުން ބަލިނުވެ 16 ޕޮއިންޓާއެކުއެވެ. އަދި އެންމެ ގާތުން ވާދަކުރި ބެލްޖިއަމްއަށް ލިބުނީ ހަ މެޗުން 10 ޕޮއިންޓެވެ.
އަދި މިއީ ވޭތުވެދިޔަ 50 މެޗްގައި ބެލްޖިއަމްއަށް ލަނޑެއް ކާމިޔާބުނުކުރެވި ނިންމާލި ފުރަތަމަ މެޗެވެ. އަދި ނެދަލަންޑްސްއިން މިވަނީ ބަލިނުވެ 15 މެޗް ހާމަކޮށްފައެވެ. މިގްރޫޕްގައި ޕޮލަންޑާއި ވޭލްސް ބައްދަލުކުރިމެޗް ކާމިޔާބުކުރީ ޕޯލަންޑެވެ. އަދި މިއާއެކު ވޭލްސް މިވަނީ ލީގު ބީއަށް ރެލިގޭޓްވެފައެވެ.