ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަން އިންޑިއާގެ ޖޭއެމްސީއާ ހަވާލުކޮށްފި

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަން އިންޑިއާގެ ޖޭއެމްސީއާ ހަވާލުކޮށްފި

Author
މުޙައްމަދު ޝަޒައިމް
25 ސެޕްޓެމްބަރ 2022 09:48
0

ބޮޑު ތިލަދުންމައްޗަށް އިޤްތިޞާދީ ބޮޑު އިންޤިލާބެއް ގެނުވާނެ، ހދ.ހަނިމާދޫ އިންޓަނޭޝަން އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫޢު އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް އާއި ހަވާލުކޮށްފިއެވެ.

މީރުމާ ހޮޓެލްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އެވެ. ޖޭއެމްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ވައިސް ޕްރެޒިޑެންޓެވެ.

ރާއްޖޭގެ އިޤްތިޞާދުގެ އެންމެބޮޑުބައެއް ޙިއްސާކުރާ ފަތުރުވެރިކަމުގެ ދާއިރާ ބޮޑުތިލަދުންމަތީގައި އެންމެ ބޭނުންވާ މިންވަރަށް ނުކުރެވި އޮތް އެއްސަބަބަކީވެސް ބައިނަލްއަޤުވާމީ ޚިދުމަތްދެވޭނެ ރަނގަޅު އެއަރޕޯޓެއް ނެތުމެވެ. ހަނިމާދޫ އެއަރޕޯޓަކީ ރާއްޖޭގެ އެންމެ ދުވަސްވީ އެއް ޑޮމެސްޓިކް އެއާޕޯޓަށްވާއިރު މިއެއާޕޯޓަކީ 2012ވަނަ އަހަރުން ފެށިގެން އެކި ވެރިކަންތަކުގައި ތަރައްޤީކުރާނެ ކަމުގެ ކުލަހުވަފެން ދެއްކި އެއާޕޯޓެކެވެ. ނަމަވެސް ޢަމަލީގޮތުން އެއާޕޯޓުގެ މަސައްކަތް ކުރެވިގެންދިޔަ ތަނެއް ފެނިފައި ނުވެއެވެ. ނަމެއްގައި އިންޓަރނޭޝަނަލްވުން ފިޔަވައި އެއާޕޯޓަށް އައި އެއްވެސް ކުރިއެރުމެއް ނެތެވެ.

ހަނިމާދޫ އެއާޕޯޓަކީ އިންޓަރނޭޝަނަލް ވަރުގަދަ އެއާޕޯޓަކަށް ހެދުމަށް ސަރުކާރުން ވަނީ ވަރުގަދަ މަޝްރޫޢެއް ފަށާފައެވެ. ހދ.ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިރޭ ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުއެހީގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. މަޝްރޫޢޫގެ މަސައްކަތް ކުރުމަށް ހަވާލުވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް އިންނެވެ.

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެފައިވަނީ މިމަޝްޢުއަކީ ބޮޑު ތިލަދުންމަތީގެ އިތުރުން، މުޅި ރާއްޖޭގެ އިޤްތިޞާދަށްވެސް ބޮޑު އިންޤިލާބެއް ގެނުވާނެ މަޝްރޫޢުއެއް ކަމަށެވެ. އަދި މިއީ މާލެ ސަރަހައްދުން ބޭރުގައި ރާއްޖޭގެ ތަރީޚުގައިވެސް ކުރެވޭ އެންމެބޮޑު އެއް އިންވެސްޓްމަންޓުކަމަށެވެ.

މިމަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އައު ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓަރމިނަލެއް ޢިމާރާތްކުރެވޭނެއެވެ. މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި ބޮއިންގ 737 މަރުކާގެ ބޯޓުތަކަށް މި އެއަރޕޯޓުން ޚިދުމަތް ދެވޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ޤާއިމުވެގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.