އިޓަލީ އަތުން ބަލިވެ އިންގްލަންޑް ރެލިގޭޓުވެއްޖެ

އިޓަލީ އަތުން ބަލިވެ އިންގްލަންޑް ރެލިގޭޓުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
24 ސެޕްޓެމްބަރ 2022 12:47
0

ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭ ތިނެއްގައި އިންގްލަންޑާ ދެކޮޅަށް ކުޅުނު މެޗު އިޓަލީން ކާމިޔާބުކޮށްފިއެެވެ.

މި ނަތީޖާގެ ސަބަބުން އިންގްލަންޑް މިހާރު މިވަނީ ލީގް ބީއަށް ރެލިގޭޓުވެގެން ގޮސްފައެވެ. އިޓަލީވިލާތުގެ މިލާންގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިންގްލަންޑުންނެވެ.

މިއާއެކުވެސް އެޓީމަށް އިޓަލީވިލާތުގެ ގޯލް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ. މެޗްގައި އިޓަލީވިލާތުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 68 ވަނަ މިނެޓްގައި ޖަހާދިނީ ޖިއާންކޯމޯ ރަސްޕަޑޯރީއެވެ. މި ލަނޑާއެކު މެޗަށް ދިރުން ލިބިގެންދިޔައިރު އިންގްލަންޑުން ވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ މަސައްކަތް ކޮށްފައެވެ. މިގޮތުން ހެރީ ކޭން ގާތް ގާތުގައި ފޮނުވާލި ދެހަމަލާއެއް ވަނީ އިޓަލީވިލާތުގެ ކީޕަރ ޖިއާންލުއިޖީ ޑޮނަރޫމާ ދިފާއުކޮށްފައެވެ.

މީގެއިތުރުން އިޓަލީވިލާތަށްވަނީ އެޓީމްގެ ލީޑު ފުޅާކުރުމުގެ ފުރުސަތުވެސް ލިބިގެން ގޮސްފައެވެ. މިމެޗްގައި އިންގްލަންޑްގެ ކޯޗް ގެރެތު ސައުތު ގޭޓްވަނީ ކްލަބް ލެވެލްގައި ގިނަ މައްސަލަ ތަކަކާއި ކުރިމަތިލަމުންދާ ހެރީ މެގުއަރއަށް އިތުބާރުކޮށް ފުރަތަމަ އެގާރައިން ޖާގަދީފައެވެ.

މި ކާމިޔާބީއާއެކު އިޓަލީވިލާތަށް މިވަނީ ފައިނަލަށް ދިއުމުގެ ފުރުސަތެއް ކޮންމެވެސް ވަރަކަށް ހުޅުވިގެން ގޮސްފައެވެ. އެއީ އަންނަ ހޯމަދުވަހުގެ ރޭ ހަންގޭރީ އާއި ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗުން މޮޅުވެއްޖެނަމަ ނޭޝަންސް ލީގުގެ ފައިނަލަށް ދާނެތީއެވެ.

މި ނާކާމިޔާބީއާއެކު އިންގްލަންޑް މިވަނީ އެޓީމް އެންމެ ފަހުން ކުޅުނު ފަސް މެޗުންވެސް މޮޅުނުވެވިފައެވެ. އަދި ލީގް ބީއަށް ރެލިގޭޓް ވެގެންދިއުން ވެގެން ދާނީ އެޓީމަށް ލިބިގެންދާ ވަރަށް ބޮޑު ލަދުވެތިކަމަށެވެ. އަދި ވާރލްޑް ކަޕް ފެށެން ކައިރިވެފައިވަނިކޮށް ޓީމްގެ ފޯމް ދަށަށް ގޮސްފައިވުމުން އެކަން އަނބުރާލަން މިހާރު އޮތީ ވަރަށް ކުޑަ ދުވަސް ކޮޅަކަށް ވެގެން ގޮސްފައެވެ. އަދި އިންގްލަންޑް ޓީމާމެދު ގިނަ ބަޔަކު އަންނަނީ މިހާރު ސުވާލު އުފައްދަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.