ފުލުހުންނަށް އިންޒާރުދިން 2 މީހުންގެ ބަންދަށް 15 ދުވަސް

ފުލުހުންނަށް އިންޒާރުދިން 2 މީހުންގެ ބަންދަށް 15 ދުވަސް

Author
މުޙައްމަދު ޝަޒައިމް
20 ސެޕްޓެމްބަރ 2022 07:43
0

އައްޑޫ ހިތަދޫގައި ސައިކަލެއް ޓޯ ކުރުމުން، ފުލުހުންގެ ތަކެއްޗަށް ގެއްލުންދީ، ރޯކޮށްލާނެ ކަމުގެ އިންޒާރު އިއްޔެ ދިން ދެ ޒުވާނުން ތަހުގީގު ނިމެންދެން 15 ދުވަހަށް ބަންދު ކުރަން ކޯޓުން މިއަދު އަންގައިފިއެވެ.

ފުލުހުން ވިދާޅުވީ، އިއްޔެ އައްޑޫ ސިޓީ ހިތަދޫގައި ލައިސަންސް ނެތި ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯވ ކުރުމުން، ފުލުހުންގެ ތަކެއްޗަށް ގެއްލުންދީ، ރޯކޮށްލާނެކަމަށް ބުނެ އިންޒާރުދިން މައްސަލައަކާއި ގުޅިގެން 21 އަހަރާއި 22 އަހަރުގެ ދެ ފިރިހެނުން ކޯޓު ޢަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާކަމަށެވެ. މި މައްސަލަ އިތުރަށް ބަލަމުން އަންނަކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިއަދު ހައްޔަރުކުރި އުމުރުން 21 އަހަރާއި 22 އަހަރުގެ އެ ދެ ފިރިހެނުންގެ ބަންދާ މެދު ގޮތެއް ނިންމަން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރަން އެ ކޯޓުން ވަނީ އަންގާފައެވެ.

ފުލުހުންނަށް އިންޒާރުދިން މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފައި މިވަނީ، މިމަހުގެ 9 ވަނަ ދުވަހު މަޖީދީ މަގުގައި ހުންނަ ޔޫރޯ ސްޓޯރު ކުރިމަތިން 3 ފުލުހަކަށް ހަމަލާދިން މައްސަލައާ ގުޅިގެންވެސް ބަޔަކު ހައްޔަރުކޮށްފައި ވަނިކޮށެވެ. މި މައްސަލާގައިވެސް 5 މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން މިމަހުގެ 18ގައި ފުލުހަކަށް މަރުގެ އިންޒާރު ދިންމައްސަލާގައިވެސް މީހަކު ހައްޔަރުކޮށްފައިވެއެވެ.

ފުލުހުންނަށް މަރުގެ އިންޒާރުދީ، ފުލުހުންގެ ތަކެއްޗަށް ގެންލުންދޭނެކަމުގެ އިންޒާރުދޭ މައްސަލާގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، ޖަމާއަތް ހަދައި، ކުށްކުރުމާއި، އާންމު އިޖުތިމާޢީ މިންގަނޑުތަކާއި ޚިލާފް އަމަލްތައް ހިންގާ އަދި ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ގޮތަށް ހަރަކާތްތެރިވާ ގުރޫޕުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށެވެ. އަދި މިފަދަ ނާތަހުޒީބު އަމަލުތަކުގެ ސަބަބުން ގޭންގުތަކާއި ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަންތަކާއި، މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގަމުންދާ އޮޕަރޭޝަންތަކަށް މަޑުޖެހުމެއް ނާންނެކަމަށްވެސް ސީޕީ ޙަމީދު ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.