އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ބެޓް ކަމުނުގޮސްގެން އުޅެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމުން ވައްޓަނުލެވިގެން އުޅޭ މީހުންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މިސަރުކާރުގެ ކޯލިޝަން އެއް ބައިވެރިޔާ ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޤާސިމް އިބްރާހީމް މިހެން ވިދާޅުވެފައިވަނީ 2018 ވަނަ އަހަރު ހަދާފައިވާ ޖޭޕީގެ ޕީޖީ ގްރޫޕަށް ކޮށްފައިވާ މެސެޖެއްގައެވެ. ޤާސިމް އިބްރާހީމް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓަކީ ރަނގަޅު ބަޖެޓެއްކަމަށާއި، މީގެ ކުރީ އަހަރުތަކުގެ ބަޖެޓުތައް ފާސްކުރަނީވެސް ދަރަންޏާއެކުކަމަށް ޤާސިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވެފައިވާގޮތުން 2021 ވަނަ އަހަރުގެ ބަޖެޓް ކަމުނުގޮސްގެން އުޅޭނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމުން ވައްޓާނުލެވިގެން އުޅޭމީހުންކަމަށާއި، ކުރަންވީކަމަކީ އެތެރޭގެ ދަރަނީތަކުގެ ތެރެއިން އެމްއެމްއޭއިން ނަގާފައިހުރި ހުރިހާ ދަރަނި ޒީރޯ ކުރުން ނުވަތަ އޮފް ކުރުންކަމަށެވެ. ގާސިމް ވިދާޅިވީ މިހާރު ރާއްޖޭގައި އޮތް ދަރަންޏަކީ މިސަރުކާރުގެ ދަރަނި ނޫންކަމަސާއި، އެއީ 2005 ވަނަ އަހަރުން ފެށިގެން އުފެދި އިތުރުވަމުން އަންނަ ދަރަނިކަމަށެވެ.
އަދި މިގޮތަށް ދަރަނިކޮށް ފާސްކުރިއަސް އެފައިސާ ލިބިގެންނޫނީ ޚަރަދު ނުކުރެވެނޭތާދޯ؟ ކޮންމެ އަހަރަކުވެސް ފާސްކުރާ ބަޖެޓްގައިވާ ހުރިހާ ފައިސާއެއް ނުލިބޭ، އަދި ޚަރަދުވެސް ނުކުރެވޭދޯ؟ މިގޮތަށް މުޅިޤައުމު ތަށީވީމާ މަޖިލީހުން ތިގޮތަށް ތާށިކުރީމާ ރައްޔިތުން ޖެހޭނީ ބަނޑަށް. އެއީ ތިޔަކުރައްވަން އުޅުއްވާކަމަކީ. އެހެން ހަދައިގެން ނުވާނެ. ދެން ކުރަންވީކަމަކީ ބޭރުން ނަގާފައިވާ ދަރަނި ދެއްކުމަށް އިތުރު މުއްދަތު ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތަށް މަޖިލީހުން ފުރިހަމައަށް އެހީތެރިވާންވީ. އެހެނީ އެކަން ނުވެގެން ލިބޭ ގެއްލުން ތަހައްމަލުކުރުމުގައި މުޅި ރައްޔިތުން އުފުލަންޖެހޭނެ.
-ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް
ޤާސިމް އިބްރާހީމް ވަނީ ވަކި ޤައުމަކަށް ފާޑުވިދާޅު ނުވެ ހުރިހާ ޤައުމުތަކާއެކުވެސް ގުޅުން ބޭއްވުމަށް އެދިވަޑައިގެންފައެވެ.
ވީމާ ވަކި ޤައުމަކާ ޖެހިނުގަނެ ހުރިހާ ޤައުމަކާއެކީ ވަރުގަދަ ގުޅުން ބާއްވައިގެން ވަކިބައެއްގެ އަތްދަށު ނުވެ ކުރިއަށްދާންވީ ކާބަފައިން ދެއްކި މަގުން، ހިނގަންފަށަންވީ. އަދި މިހާރު ލަސްނުކޮށް ކުރިއަށްދާންވީ މިދެންނެވި މަގުން. މިދެންނެވި ގޮތަށް ބަލާއިރު މިބަޖެޓް އަދި ކުޑައީ. މިއަދު ރައްޔިތުންނަށް އެހީވާންވީ ވެވުނުގޮތަކުން ވެވުނު އެންމެ ބޮޑު އެހީތެރިކަމެއް.
-ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް
ޤާސިމްގެ މެސެޖު ނިންމަވާލައްވަމުން ވަނީ އެކަންކަން ނުކޮށް ސަރުކާރާ ދިމާކުރުމަކީ ޤައުމުގެ ހަލާކުކަމަށް ސިފަކުރައްވާ އެއީ ރައްޔިތުންގެވެސް ހަލާކުކަމަށް ވިދާޅުވެފައެވެ.
ވީމާ ބަޖެޓް ފާސްކޮށްދެއްވާ ކުރިން ދެންނެވިގޮތަށް ސަރުކާރަށް ހެޔޮހިތުން އެހީތެރިވާންވީ. ދިވެހި ޤައުމަށް ކުރިއެރުން، ރައްޔިތުންނަށް އުފާވެރިކަމާ ރޯޝަންކަން ދެއްވުން އެދި ދުޢާކުރަން.
-ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް
ޤާސިމް އިބްރާހީމް މިހެން ވިދާޅުވެފައި މިވަނީ، އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ 34.8 ބިލިއަން ރުފިޔާގެ ބަޖެޓަކީ %50 އަށްވުރެ ދަރަނި ބޮޑު ބަޖެޓެއްކަމުން އެއީ ވޯޓު ދެއްވާވަރުގެ ބަޖެޓެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ބަޖެޓަށް ވޯޓު ދެއްވަން ފުރުޞަތު ލިބިވަޑައިގެންފިނަމަ މިއީ ވޯޓު ދެއްވާނެ ބަޖެޓެއް ނޫންކަމަށް ބަޖެޓްގައި ހިމަނާފައިވާ ދަރަނީގެ ޢަދަދާއެކު ބަޖެޓް ފާސްކޮށްފިނަމަ މޫޑީސް އިން ރާއްޖޭގެ ރޭޓިން ދަށްކުރާނެކަމަށެވެ.
ކޮމެންޓު ފޮނުވާ