ހުޅުމާލެއިން ވިއްކާ 74 ގޯއްޗަށް ކުރިމަތިލުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ހުޅުމާލެއިން ވިއްކާ 74 ގޯއްޗަށް ކުރިމަތިލުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ދިރިއުޅުމަށް، ގޯތީގެގޮތުގައި ހުޅުމާލެއިން 74 ބިން ވިއްކުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުވާލި ފުރުޞަތަށް އެދުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

މި ބިންތައް ވިއްކާނީ ބީލަމުގެ އުސޫލުންނެވެ. ހުޅުމާލެއިން ބިން ގަންނަން ބޭނުންވާ ފަރާތްތަކަށް ފޯމް ވިއްކަން އެންމެ ފުރަތަމަ ހުޅުވާލީ އޮގަސްޓް 21ވަނަ ދުވަހުން ފެށިގެން މިމަހުގެ 1ވަނަ ދުވަހާ ހަމައަށެވެ. އެހެންނަމަވެސް މި މުއްދަތު އެޗްޑިސީން ވަނީ އަންނަ މަހުގެ 4ވަނަ ދުވަހާ ހަމަޔަށް ހުޅުވާލާފައެވެ. ނަމަވެސް މިހާރު އަނެއްކާވެސް ވަނީ މިމުއްދަތު އަންނަ މަހުގެ 6 ވަނަ ދުވަހުގެ 11:00 އާއި ހަމައަށް އިތުރު ކޮށްފައެވެ.

އެޗްޑީސީއިން ކުރި އިއުލާނުގައި ބުނެފައިވަނީ، ގޯތިތަކުގެ މައުލޫމާތު ސާފު ކުރުމަށް ފުރުސަތު ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެ 3:30 އާއި ޖެހެންދެން ހުޅުވާލާފައިވާ ކަމަށެވެ. އެޗްޑީސީއަށް ގުޅައިގެންނާއި އީމެއިލް މެދުވެރިކޮށް ވެސް މައުލޫމާތު ސާފުކުރެވޭނެ އެވެ.

އެޗްޑީސީން ވިދާޅުވީ ބިން ވިއްކުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިންކަމަށެވެ. މި ބިންތަކަކީ 1095 އަކަފޫޓާއި 2588 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ. މީގެތެރޭގައި ހިމެނެނީ ގޮނޑުދޮށަށް ކުރިމަތި ވާގޮތަށް ދޫކުރާ 22 ބިމަކައި އަތިރިމައްޗާ ކައިރިން ދޫކުރާ 52 ބިމެކެވެ.

ގޮނޑުދޮށަށް ކުރިމަތި ވާގޮތަށް ދޫކުރާ ބިންތަކުގެ ބީލަން ފަށާ އަގަކީ އަކަފޫޓަރަކަށް 6500 ރުފިޔާއެވެ. އަދި އަތިރިމައްޗާ ކައިރިން ދޫކުރާ ބިންތައް ވިއްކަން ބީލަން ފަށާ އަގަކީ އަކަފޫޓަކަމަށް 5500 ރުފިޔާއެވެ. މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 1 މިލިއަން ރުފިޔާ ހުންނަންޖެހޭނެއެވެ. ގޮނޑުދޮށަށް ކުރިމަތި ވާގޮތަށް ވިއްކާ ބިންތަކަށް ބީލަން ހުށައެޅުމަށް ހުޅުވާލާފައިވަނީ އަންނަ މަހުގެ 3 ވަނަ ދުވަހުގެ މެންދުރު 12:00 ހަމަޔަށެވެ. އަދި އަތިރިމައްޗާ ކައިރިން ދޫކުރާ ބިންތަކަށް ބީލަން ހުށައެޅުމަށް ވަނީ އަންނަމަހުގެ 4 ވަނަ ދުވަހުގެ 12:00ހަމައަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން އާންމުންނަށް ގޯތީގެ ގޮތުގައި ބިން ވިއްކާ މިއީ 3ވަނަ ފަހަރެވެ. މިހާތަނަށް މުޅިންވެސް ގޯއްޗަށް ބިން ދޫކުރަމުންދަނީ ދެވަނަ ފިޔަވަހިންނެވެ. އެންމެ ފަހުން ގޯތި ދޫކުރީ މިއަހަރުގެ ކުރީކޮޅުއެވެ. އެއީ އަތިރިމައްޗާ ކައިރިން 34 ގޯއްޗެވެ. އަދި ގޮނޑުދޮށަށް ކުރިމަތި ވާގޮތަށް ދޫކުރި 26 ގޯއްޗެއްވެސް ހިމެނެއެވެ.

އޭގެ ކުރިންވެސް ހުޅުމާލެ ދެވަނަ ފިޔަވަހީ ގޮނޑުދޮށަށް ކުރިމަތި ވާގޮތަށް ބިން ދޫކުރިއެވެ. މިގޮތަށް ދޫކޮށްފައިވާ ބައެއް ބިންތަކުގައި ދިރިއުޅުމަށް ގެދޮރު ހަދައި، މިހާރުވެސް ގިނަ އާއިލާތަކަކުން އަންނަނީ ދިރިއުޅެމުންނެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފުރަތަމަވެސް މީހުން ދިރިއުޅެން ފެށީ، އަމިއްލަ ފަރާތްތަކުން ގަނެ އިމާރާތްކުރި ގެތަކުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *