ޖަރުމަނު ލީގުގައި ރޭ އަމިއްލަ ދަނޑުގައި ސްޓުޓްގާޓާ 2-2 އިން އެއްވަރުވެ، އެންމެ ފަހުގެ ޗެމްޕިއަން، ބަޔާން މިއުނިކް ލީގުގައި ޖެހިޖެހިގެން ތިން ވަނަ މެޗުން އެއްވަރުވެއްޖެއެވެ.
ބަޔާން ދަނޑުގައި ކުޅުނު މި މެޗުގައި ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. މިގޮތުން އެޓީމުން ދިޔައީ ސްޓުޓްގާޓްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައް އުފައްދަމުންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބަޔާން އިންނެވެ. މި ލަނޑު ޑޭވިސް ނަގައިދިން ހުރަހަކުން ގޯލު ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރީ ޓެލްއެވެ. މި ލަނޑަށްފަހުވެސް ބަޔާންއަށް ވަނީ ލީޑު ފުޅާ ކުރަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
ފުރަތަމަ ހާފް 0-1 ގެ ނަތީޖާއަކުން ސްޓުޓްގާޓްގެ މައްޗަށް ބަޔާން ކުރީގައި އޮވެގެން ނިމިފައިވާއިރު، ދެވަނަ ހާފް ފެށިގެން ސްޓުޓްގާޓް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅު ކޮށްފައެވެ. މިގޮތުން 52 ވަނަ މިނެޓުގައި އެޓީމުން ނަތީޖާ ހަމަހަމަ ކުރި ނަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު އެ ގޯލު ޖެހުމުގެ ކުރިން ފައުލެއް ކޮށްފައިވާ ކަމަށް ބުނެ ގޯލު ދީފައެއް ނުވެއެވެ.
މިއާއެކު ސްޓުޓްގާޓް އިން އިތުރު ހިތްވަރެއް ލައި 57 ވަނަ މިނެޓުގައި ވަނީ އަނެއްކާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ބަޔާންގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅައަކުން އެއްފަހަރު ކުރިޔަށް ފޮނުވާލައިގެން ކާމިޔާބުކުރީ ފުރީޗްއެވެ. ނަމަވެސް ބަޔާން އިން ވަނީ އޭގެ ދެ މިނެޓު ފަހުން މެޗުގެ ލީޑު އަނބުރާ ހޯދާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުސިއަލާއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ސްޓުޓްގާޓްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ތިރިތިރިން ގޯލުގެ ކަނަށް ފޮނުވާލައިގެންނެވެ.
މި މެޗުގެ އިތުރު ވަގުތުގައި ބަޔާން އިން ކުރި ފައުލަކާ ގުޅިގެން ސްޓުޓްގާޓްއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް، ފަހުވަގުތު ސްޓުޓްގާޓްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ގިރާސީއެވެ. މި ނަތީޖާއާއެކު ބަޔާން އޮތީ ކުޅުނު ހަ މެޗުން ލިބުނު 12 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. ސްޓުޓްގާޓް އޮތީ ކުޅުނު ހަ މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ލަނޑުގެ ތަފާތުން 13 ވަނައިގައެވެ.
ޖަރުމަނު ލީގުގައި ރޭ އާރްބީ ލައިޕްޒިގުން ވަނީ 3-0 އިން ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށް އާ ކޯޗު މާކޯ ރޯސްގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފަ އެވެ. ލައިޕްޒިގުގެ ގޯލުތައް ޖެހީ ވިލީ އޮބާން، ޑޮމިނިކް ސޮބޯޒްލާއީ އަދި އަހުމަދު ހައިޑާރާއެވެ.
މި ނަތީޖާއާއެކު ލައިޕްޒިގް އޮތީ ކުޅުނު ހަ މެޗުން ލިބުނު 8 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން 10 ވަނައިގައެވެ. މެޗުން ބަލިވި ޑޯޓްމަންޑް އޮތީ ކުޅުނު ހަ މެޗުން ލިބުނު 12 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ޕޮއިންޓް ތާވަލުގެ ހަތަރު ވަނައިގައެވެ.
ކޮމެންޓު ފޮނުވާ