ޕްރިމިއާ ލީގުގައި އެވަޓަން އަތުން 0-0 ގެ ނަތީޖާއަކުން އެއްވަރުވެ، ލިވަޕޫލްއަށް ޕޮއިންޓް ތާވަލުގައި ކުރިއަށް ދިއުމަށް އިތުރު ހުރަސްތަކާއި ކުރިމަތިވެއްޖެއެވެ.
އެވަޓަން ދަނޑުގައި ރޭ ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ޓީމަށް ވެސް ގޯލު ޖަހަން ފުރުސަތު ލިބުނެވެ. ފުރަތަމަ ހާފުގައި އެވަޓަންގެ ޓޮމް ޑޭވިސް ޖެހި ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، ލިވަޕޫލްގެ ޑާވިން ނޫނޭޒް އާއި ލުއިސް ޑިއާޒް ޖެހި ބޯޅައެއް ވެސް ދަނޑީގައި ޖެހިފައެވެ. ނޫނޭޒް ޖެހި ބޯޅަ ދަނޑި އަށް އަމާޒުވީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް އަތުގައި ޖެހިފައެވެ.
ފްރޭންކް ލަމްޕާޑްގެ ކޯޗުކަމުގައި ކުޅުނު އެވަޓަން އިން ވަނީ މި މެޗުގައި ގޯލެއް ޖަހައިފައެވެ. މެޗުގެ 69 ވަނަ މިނިޓްގައި އެވަޓަންގެ ކޮނާ ކޯޑީ ޖެހި ގޯލުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ނިންމީ އޮފްސައިޑް ކަމަށެވެ.
އެވަޓަން އަށް ގޯލެއް ޖަހައިދޭން ނީލް މޯޕޭ އާއި ޑްވައިޓް މެކްނީލް ޖެހި ބޯޅަތައް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފައެވެ. އަދި ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯ ޖެހި ދެ ބޯޅަ އަކާއި މެޗުގެ އިތުރު ވަގުތުގައި މުހައްމަދު ސަލާހު ޖެހި ޝޮޓް ވެސް ހުއްޓުވީ މެޗުގެ މޮޅު ކުޅުންތެރިޔާ ޕިކްފޯޑްއެވެ.
މި ނަތީޖާއާއެކު ލިވަޕޫލް އޮތީ ކުޅުނު ހަ މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ފަސް ވަނައިގައެވެ. އެވަޓަން އޮތީ ކުޅުނު ހަ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 18 ވަނައިގައެވެ.
ކޮމެންޓު ފޮނުވާ