ދިވެހިންގެ ދުޢާއާއި ހަމްދަރުދީ ވަނީ ޕާކިސްތާނާއިއެކު: ރައީސް

ދިވެހިންގެ ދުޢާއާއި ހަމްދަރުދީ ވަނީ ޕާކިސްތާނާއިއެކު: ރައީސް

Author
މުޙައްމަދު ޝަޒައިމް
29 އޮގަސްޓް 2022 08:52
0

ޖޫން މަހުން ފެށިގެން ޕާކިސްތާނުގެ އެކި ހިސާބުތަކަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި އެތައްބަޔަކު މަރުވެ މިހިތްދަތި ވަގުތުގައި ދިވެހި ރައްޔިތުންގެ ހެޔޮ ދުޢާއާއި ހަމްދަރުދީވަނީ ޕާކިސްތާނުގެ ރައްޔިތުންނާއި އެކުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ޖޫން މަހުން ފެށިގެން ޕާކިސްތާނުގެ އެކި ހިސާބުތަކަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ކުރިމަތިވެ އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 1،000 އަށްވުރެ މައްޗަށް އަރައިފިއެވެ. މޫސުމީ ވިއްސާރައިގައި ހުއްޓުމެއް ނެތި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ޕާކިސްތާނުގެ ގިނަ ހިސާބުތަކެއް ވަނީ ފެން ބޮޑުވެފައެވެ.

ޕާކިސްތާނަށް ދިމާވެފައިވާ މިހިތްދަތި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ފެންބޮޑުވުމުގެ މިހާދިސާގައި އެތައް މިލިޔަން މީހުން ހާލުގައި ޖެހިފައިވާ ޚަބަރު އެހީ ފުން ހިތާމައާއި އެކުގައިކަމަށެވެ. މިހިތާމަވެރި ދަނޑިވަޅުގައި ދިވެހި ރައްޔިތުންގެ އިޚުލާސްތެރި ދުޢާއާއި، ހަމްދަރުދީ ވަނީ ޕާކިސްތާނުގެ ރައްޔިތުންނާއި އެކުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މޫސުމީ ވިއްސާރައިގެ އަސަރު 33 މިލިޔަން މީހުންނަށް ކޮށްފައިވާ ކަމަށް އެ ޤައުމުގެ މޫސުމީ ބަދަލުތަކާ ބެހޭ ވަޒީރު ޝެރީ ރަޙުމާން ވަނީ ވިދާޅުވެފައެވެ. އެއީ އެ ޤައުމުގެ އާބާދީގެ 15 އިންސައްތައެވެ. މި އަހަރުގެ ވިއްސާރަ މޫސުގައި ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާތަކުގައި 400,000 އަށްވުރެ ގިނަ ގެ ވަނީ ހަލާކުވެފައެވެ. އަދި، 184,000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ނެތި، މަގުމަތިވެފައެވެ. އޭގެ ތެރެއިން ގިނަ މީހުން މިހާރު ދިރިއުޅެމުން ދަނީ ވަގުތީ ހިޔާތަކުގައެވެ.

މޫސުމީ ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ ޕާކިސްތާނުގެ ދެކުނުގެ ސަރަޙައްދުތަކަށެވެ. މީގެ ތެރެއިން ވެސް، އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ ސިންދު ޕުރޮވިންސަށެވެ. ވިއްސާރަ މޫސުމުގައި ޢާންމުކޮށް އެ ޕުރޮވިންސަށް ވާރޭވެހޭ މިންވަރަށް ވުރެ އަށް ގުނަ އިތުރަށް މި އަހަރުގެ ވިއްސާރަ މޫސުމުގައި ވާރޭ ވެހިފައިވާ ކަމަށް އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.