ޔުކްރެއިން މެޗު ފަސްކޮށް، ޓީމް ކަރަންޓީނަށް

ޔުކްރެއިން މެޗު ފަސްކޮށް، ޓީމް ކަރަންޓީނަށް

ގުޅުންހުރި

ޔޫކްރޭން ފުޓްބޯޅަ ޓީމުގެ ތިން ކުޅުންތެރިއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމުގެ ސަބަބުން ޔޫއެފާ ނޭޝަންސް ލީގުގައި އެޓީމު މިރޭ ސްވިޒަލެންޑާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކޮށް މުޅި ޓީމު ކަރަންޓީނަށް ލައިފިއެވެ.

ރޭގެ މެޗުގެ ކުރިން ހެދި ޓެސްޓުތަކުން ޕޮޒިޓިވްވީ ޔޫކްރޭން ޓީމުގެ އެޑުއާޑް ސޮބޮލް އާއި ޔަވެން މަކަރެންކޯ އާއި ޑިމިޓްރޯ ރިޒްނީކްއެވެ.

ޔޫކްރޭން އާއި ސްވިޒަލެންޑަށް ފައިނަލް ބުރުން ފުރުސަތު ގެއްލިފައި ވީނަމަވެސް މިރޭގެ މެޗުގެ ނަތީޖާ މުހިއްމުވަނީ އެ ގްރޫޕުން ރެލިގޭޓްވާ ޓީމެއް ހޯދުމަށެވެ. ގްރޫޕްގެ ފުލަށް ދާ ޓީމު އަންނަ އަހަރުގެ ނޭޝަންސް ލީގުގެ ބީ އަށް ރެލިގޭޓްވާނެ އެވެ. ގްރޫޕުން ފައިނަލު ބުރަށް ކޮލިފައިވީ ރޭ ޖަރުމަނު އަތުން 6-0 ލަނޑުން މޮޅުވި ސްޕެއިންއެވެ.

ޔޫކްރޭނަށް ހަ ޕޮއިންޓް ލިބިފައިވާއިރު ފުލުގައި އޮތް ސްވިޒަލެންޑަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ސްވިޒަލެންޑަކީ ނޭޝަންސް ލީގުގެ ފުރަތަމަ މުބާރާތުގައި ގްރޫޕުން އެއް ވަނަ ހޯދައި މުބާރާތުގެ ފައިނަލް ބުރަށް ދަތުރުކުރި ޓީމެކެވެ.

މި އަހަރުގެ ނޭޝަންސް ލީގުގެ ފައިނަލް ބުރުގެ ޖާގަ މިހާތަނަށް ހޯދާފައިވަނީ ފްރާންސް އާއި ސްޕެއިންއެވެ. ތިން ވަނަ ޖާގަ އަށް ބެލްޖިއަމް އާއި ޑެންމާކުން ވާދަކުރާ އިރު ހަތަރު ވަނަ ޖާގައަށް އިޓަލީ އާއި ޕޮލެންޑުގެ އިތުރުން ނެދަލެންޑްސް އިން ވާދަކުރެއެވެ.

ރޭ ކުޅެން އޮތް ޔޫކްރެއިން މެޗު ކެންސަލް ކުރުމަށް ފަހު މެޗާ މެދު އަމަލުކުރާ ގޮތެއް ޔޫއެފާއިން އަދި ނިންމާފައެއްނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ