ރައީސް ސާލިހުވަނީ ތައުލީމަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދެއްވާފަ: ސައުދު

ރައީސް ސާލިހުވަނީ ތައުލީމަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދެއްވާފަ: ސައުދު

Author
ހުސެއިން
25 އޮގަސްޓް 2022 08:34
0

ރައީސް ސާލިހުގެ ސަރުކާރަކީ ޒުވާނުންނަށާއި ތައުލީމަށް އިންގިލާބީ ބަދަލުތަކެއް ގެނުވާފައިވާ ސަރުކާރެއް ކަމުގައި ޓްރޭޑް ޔޫނިއަންގެ ނައިބް ރައީސް އަދި ކުރީގެ ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ކުންފުނީގެ ބޯޑުގެ ޗެއަރމަން ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

ސައުދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ގައުމު ބިނާކުރެވޭނީ ތައުލީމީ ޖީލުތަކެއް އުފައްދައިގެން ކަމަށާއި، ރައީސް ސާލިހުގެ ޑިގްރީ ޕްރޮގްރާމަކީ މަތީ ތައުލީމު ހާސިލްކުރުމަށް ހުރަސް އެޅިފައިތިބި އެތައް ދިވެހި ރައްޔިތުންނަށް ލިބިގެންދިޔަ އުފާވެރިކަމެއް ކަމުގައެވެ.

މިގޮތުން ދުނިޔެއަށް ދިމާވި ދަތި އުދަނގޫ ހާލަތުގައިވެސް ރައީސް ސާލިހުގެ ސަރުކާރުން މަތީ ތައުލީމާއި އަދި އަސާސީ ޚިދުމަތްތަކަށް ބުރުލެއް ނާރުވާ މިހިސާބަށް ގައުމު ގެނައުމުގައި ގެންގުޅުއްވި ހަރުދަނާ ސިޔާސަތުގެ ނަތީޖާ މިއަދު ފެންނަމުން ދާކަމުގައި ސައުދު ވިދާޅުވިއެވެ.

ސައުދު އިތުރަށް ވިދާޅުވެފައިވަނީ، މިހާރު ފެންނަމުން މިދަނީ ފަނާކުރުވަނިވި 5 އަހަރަށްފަހު ފެނިގެންދާ ބިނާކުރުވަނިވި 5 އަހަރުކަމަށާއި، އެހެންނަމަވެސް ރަގަޅުކުރަންޖެހޭ ގިނަ ކަންތައްތަކެއްވެސް ހުރި ކަމުގައެވެ.

ރައީސް ސާލިހު ތައުލީމީ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް ގެނުވާފަވާކަމަށް ސައުދު ވިދާޅުވެފައިވާއިރު، މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި އެޖަލްސާގައި ރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް ސާލިހުވަނީ ދަރިވަރުން ޙާޞިލްކުރާ ޢިލްމުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން، ޤައުމަށް އެންމެ ބޭނުންވާ ދާއިރާތަކުގެ ހުނަރުވެރިންނަށްވުމަށްޓަކައި ދަރިވަރުން ތައްޔާރުވުމަށް ގޮވާލައްވާފައެވެ.

މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދަރިވަރުންނަކީ ކޮންމެ ކޮންމެ ފިކުރަކަށް ނުހެއްލޭ، ހޭލުންތެރި ބަޔަކަށްވުމަށް ޢަޒުމް ކަނޑައަޅައިގެން، ދުނިޔެ އާއި ރާއްޖޭގެ އާޖުފާޖު ދަންނަ މީހަކަށްވެވޭތޯ ގަދައަޅައި މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން އިސްލާމީ އަގުތައް ހިފަހައްޓައި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް، ދަރިވަރުންގެ ޒުވާން ހަކަތަ ބޭނުން ކުރުމަށްވެސް އެދިވަޑައިގެންނެވިއެވެ.

މިނިމުނު ދިރާސީ އަހަރަކީ، ރާއްޖޭގައި މަތީ ޘާނަވީ އިމްތިހާންތަކާއި ޘާނަވީ އިމްތިހާންތަކުގެ އެންމެ ނަތީޖާ ރަނގަޅު އަހަރެވެ. ޘާނަވީ ތަޢުލީމު ނިންމައި، މިއަހަރު ދިވެހިރާއްޖެއިން 5955 ދަރިވަރުން އެސް.އެސް.ސީ އަދި އޯލެވެލް އިމްތިޙާނުތަކުގައި ބައިވެރި ވިއިރު، މަތީ ޘާނަވީ ތަޢުލީމު ނިންމައި، ދިވެހިރާއްޖެއިން 2641 ދަރިވަރުން ވަނީ އެޗް.އެސް.ސީ އަދި އޭލެވެލް އިމްތިހާނުތަކުގައި ބައިވެރިވެފައެވެ.

ޘާނަވީ އިމްތިހާނުތަކުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން، 757 ދަރިވަރުން ވަނީ ޤައުމީ ގަދަ 10 ގައި ހިމެނިފައެވެ. އަދި، 13ދަރިވަރަކު ވަކިވަކި މާއްދާތަކުން ދުނިޔޭގެ ގަދަ 10 ގައި ހިމެނިފައިވާ އިރު، 6 ދަރިވަރަކު ވަނީ ހައި އެޗީވްމަންޓް އެވޯޑް ޙާޞިލުކޮށްފައެވެ.

މީގެ އިތުރުން، މަތީ ޘާނަވީ އިމްތިޙާނުތައް ނިންމި ދަރިވަރުންގެ ތެރެއިން 348 ދަރިވަރަކު ޤައުމީ ގަދަ 10 ގައި ހިމެނިފައިވާއިރު، 41 ދަރިވަރަކު ވަނީ ވަކިވަކި މާއްދާތަކުން ދުނިޔޭގެ އެންމެ މޮޅު 10 ވަނައިގެ ތެރެއިން ތެރެއިން 52 ވަނައެއް ޙާޞިލުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.